'ސަނަމް ތޭރީ ކަސަމް'ގެ ސީކުއަލް އަންނަ އަހަރު

މީގެ ނުވަ އަހަރު ކުރިން ރިލީޒްކުރި ހިތްގައިމު ލޯބީގެ ފިލްމު "ސަނަމް ތޭރީ ކަސަމް"ގެ ސީކުއަލް އަންނަ އަހަރު ރިލީޒްކުރެވޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށް ފިލްމުގެ ޑައިރެކްޓަރު ވިނޭ ސަޕޫރު ބުނެފިއެވެ.

އިންޑިއާ ފޯރަމްސްއަށް ދިން އިންޓަވިއުއެއްގައި ފިލްމުގެ ދެ ޑައިރެކްޓަރުން ކަމަށްވާ ވިނޭ ސަޕޫރު އަދި ރާދިކާ ރާއޯ ބުނެފައި ވަނީ މި ފިލްމުގެ ދެވަނަ ބައިގެ ސްކްރީންޕްލޭ ތައްޔާރުކޮށްފައިވާ ކަމަށެވެ. އަދި ފިލްމުގެ ލީޑް އެކްޓަރު ހަރްޝްވަރުދަން ރާނޭ ފިލްމުގައި ފެންނާނެ ގޮތުގެ ވިޝަންއެއް ވެސް މިހާރު ތަސައްވަރު ކުރެވިފައިވާ ކަމަށް ބުނެފައިވެއެވެ.

އަންނަ އަހަރުގެ ލޯބިވެރިންގެ ދުވަހާ ދިމާކޮށް ރިލީޒްކުރަން ތައްޔާރުވަމުން އަންނަ "ސަނަމް ތޭރީ ކަސަމް 2" ގެނެސްދޭން ނިންމާފައިވަނީ 2016ވަނަ އަހަރުގެ ފިލްމުގެ ވާހަކަ ނިންމާލި ހިސާބުންނެވެ.

ބަތަލާ މާވްރާ އަދި ހަރްޝްވަރުދަން ފިލްމު "ސަނަމް ތޭރީ ކަސަމް"ގެ މަންޒަރެއްގައި--ފޮޓޯ/އިންޑިއަންއެކްސްޕްރެސް

އަންނަ އަހަރުގެ ލޯބިވެރިންގެ ދުވަހާ ދިމާކޮށް ފިލްމު ރިލީޒް ކުރަން ނިންމީ މި އަހަރުގެ ލޯބިވެރިންގެ ދުވަސް ފާހަގަކުރާ ދުވަހާ ދިމާކޮށް، ގިނަ ބަޔަކު ފިލްމު ބަލާނެ ކަމުގެ އުއްމީދު ވަރަށް ބޮޑަށް އާވެފައި އޮތުމުންނެވެ.

މި ފިލްމުގެ ފުރަތަމަ ބައި ބެލުމަށްފަހު ދެވަނަ ބަޔަށް ގިނަ ބަޔަކު އިންތިޒާރު ކުރާނެތީ ބެލުންތެރިން މާގިނަ ދުވަހު އިންތިޒާރުގައި ބައިތިއްބަން ބޭނުންނުވާ ކަމަށް ފިލްމުގެ ދެ ޑައިރެކްޓަރުން ވަނީ ބުނެފައެވެ.

އެކްޓަރު ހަރްޝްވަރުދަން ފިލްމުގެ ލީޑު ރޯލުން ފެންނާނެކަން ކަށަވަރުވެފައިވީ ނަމަވެސް ފިލްމުގައި ބަތަލާގެ ރޯލްއިން ފެންނާނީ ކޮން ތަރިއެއްކަން އަދި ސާފެއް ނުވެއެވެ. ފިލްމު "ސަނަމް ތޭރީ ކަސަމް" ރިލީޒްކުރި އަހަރު ބެލުންތެރިންނަށް ފިލްމުގައި ގެނެސްދިން ވާހަކަ އާއި މިއުޒިކް ކަމުދިޔަ ނަމަވެސް އެ އަހަރު ފިލްމަށް ބޮކްސް އޮފީހުގައި މާބޮޑު ކާމިޔާބީއެއް ހޯދިފައިނުވެއެވެ.

މި ފިލްމު މި މަހުގެ ހަތް ވަނަ ދުވަހު އަލުން ރިލީޒް ކުރުމާއެކު ފިލްމަށް ތާރީޚީ ކާމިޔާބީއެއް އަންނަނީ ލިބެމުންނެވެ. އެގޮތުން މީގެ އަހަރުތަކެއް ކުރިން ރިލީޒްކޮށް ފްލޮޕްވި ފިލްމަށް މިހާތަނަށް 22 ކްރޯޑު ރުޕީސްގެ އާމްދަނީއެއް ވަނީ ލިބިފައެވެ.

މި ފިލްމު 2016 ވަނަ އަހަރު ރިލީޒްކުރިއިރު ފިލްމަށް ލިބުނީ އެންމެ ނުވަ ކްރޯޑު ރުޕީސްގެ އާމްދަނީއެވެ.

comment ކޮމެންޓް