ކުއްޔަށް ގެތަކުގައި ދިރިއުޅޭ މީހުން ފެން ބިލް ދައްކަމުން ދަނިކޮށް، ގޭގެ ވެރިފަރާތުގެ އެންގުމަށް ފެނުގެ ޚިދުމަތް މެދުކަނޑާލުމުގެ މައްސަލަތަކެއް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)އިން ތަހުގީގުކުރަން ފަށައިފިއެވެ.
އެޗްއާރުސީއެމުން ނެރުނު ބަޔާނެއްގައިވަނީ، ފެނުގެ ޚިދުމަތް ފޯރުކޮށްދެމުންދާ ކުންފުންޏަށް ގަވައިދުން ބިލް ދައްކަމުން ދަނިކޮށް ގޭގެ ވެރިފަރާތުގެ އެދުމުގެ މަތިން ފެން މީޓަރުގައި ކުންފުނީގެ ފަރާތުން ތަޅު އެޅުވުމުގެ މައްސަލައާއި ކުންފުންޏަށް އެންގުމަކާ ނުލައި ގޭގެ ވެރިފަރާތުން ފެން މީޓަރުގައި ތަޅުއަޅުވައި ޚިދުމަތް މެދުކަނޑާލުމުގެ މައްސަލަތަކެއް ކޮމިޝަނަށް ހުށަހަޅަމުންދާ ކަމަށެވެ.
އެ މައްސަލަތައް އެޗްއާރުސީއެމުން ތަހުގީގުކުރަމުން އަންނަ ކަމަށާއިި އެފަދަ މައްސަލަތަކުގައި ޝާމިލްވާ ފަރާތްތަކާއި ގުޅުންހުރި އިދާރާތަކާއެކު މަޝްވަރާކޮށްގެން ބައެއް މައްސަލަތަކުގައި ހައްލު ހޯދައި ދެވިފައިވާކަން ކޮމިޝަނުން ފާހަގަކުރިއެވެ.
ފެނުގެ ޚިދުމަތް މެދުކަނޑާލުމުން ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނާއި ނުކުޅެދުންތެރިކަން ހުންނަ މީހުން ހިމެނޭހެން އެ ގެއެއްގައި ނުވަތަ ގޭބިސީއެއްގައި ދިރިއުޅޭ އެންމެންނަށް ނޭދެވޭ އަސަރު ކުރުމަކީ އެޗްއާރުސީއެމުން ކަންބޮޑުވާ ކަމެއް ކަމަށް އެ ކޮމިޝަނުން ބުންޏެވެ.
"ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން މެނުވީ އެއްވެސް ހައްގެއް އެއްވެސް މިންވަރަކަށް ނުހިފެހެއްޓޭނެ ކަމުގައި ދަންވަމެވެ." އެ ބަޔާނުގައިވެއެވެ.
އެހެންވެ، އާންމު ފަރުދުންގެ މެދުގައިއާއި އާންމު ފަރުދުންނާއި އިދާރާތަކާ ދެމެދުގައި ދިމާވާ މައްސަލަތަކުގައި ކަނޑައަޅާފައިވާ ގޮތުގެ މަތިން ގުޅުންހުރި އިދާރާއަކަށް އެ މައްސަލައެއް ހުށަހެޅުމަށާއި ގާނޫނީ އިމުގެ ތެރެއިން ހައްލު ހޯދުމަށް އެންމެންނަށް ވެސް އިލްތިމާސްކުރާ ކަމަށް ކޮމިޝަނުން ބުންޏެވެ.
އެ މައްސަލަތައް ހުށަހަޅާފައި ވަނީ ކޮން ސަރަހައްދަކުން ކަމެއް އެޗްއާރުސީއެމުން ހާމަކޮށްފައިނުވެއެވެ.
މާލެ ސަރަހައްދުގައި ފެނުގެ ޚިދުމަތް ފޯރުކޮށްދެނީ އެމްޑަބްލިޔުއެސްސީން ކަމަށްވާއިރު ގިނަ ރަށްތަކަށް ޚިދުމަތް ފޯރުކޮށްދެނީ ފެނަކައިންނެވެ.