ޢީދަށް ރަށަށް ނުދެވުނީ ކޮން ބަޔަކަށް؟ މާލޭގައި ފޯރި މަޑެއް ނުވާނެ

ބޮޑު ޢީދަށް މީހުން ރަށްރަށަށް ފުރަނީ: ޢީދު ބަންދުގައި ވަރަށް ގިނަ ބަޔަކު ރަށްރަށަށް ދަތުރުކުރޭ -- ސަން ފޮޓޯ/ ނާއިޝް ނާހިދު

ޢީދު ބަންދަކީ އެންމެ ގިނަ ބަޔަކު ރަށްރަށަށް ދަތުރުކުރާ ދުވަސްވަރެވެ. މިދިޔަ ހަފުތާއިން ފެށިގެން އަދިވެސް ގިނަ ބަޔަކު އަންނަނީ ޢީދަށް ރަށްރަށަށް ފުރަމުންނެވެ. އެކަމަކު، ވަޒީފާގެ ކަންކަން ހުންނަގޮތުން ބައެއް މީހުންނަށް އެ ނަސީބެއް ނުލިބެއެވެ.

އަންނަ ހަފުތާއާ ޖެހެންދެން ޢީދުގެ އުފަލުގައި ސަރުކާރު ބަންދުކުރި ނަމަވެސް، ޚާއްސަކޮށް އަމިއްލަ ކުންފުނިތަކަށް ޢީދު ބަންދެއް ނުލިބެއެވެ. އެހެންވެ، އެއް ބަޔަކު ޢީދުގެ އުފާ ފާހަގަކުރާއިރު ބައެއް މީހުން ތިބީ މާލޭގައި ތާށިވެފައެވެ.

"ކޮންމެ ޢީދަކަށް ވެސް ރަށަށްދަން. އެކަމަކު، މި ފަހަރު ޗުއްޓީ ނުލިބުނީމާ ހަމަ ނުދެވިފައި މި ހުންނަނީ،" ޢީދު ބަންދުގައި މި ފަހަރު މާލޭގައި ހޭދަކުރަން ޖެހުނު އުތުރުގެ ރަށަކަށް ނިސްބަތްވާ ޒުވާން އަންހެން ކުއްޖަކު ބުންޏެވެ.

ބޮޑު ޢީދަކީ ރާއްޖޭގެ ރަށްރަށުގައި ވަރަށް ކުލަގަދަކޮށް ފާހަގަކުރާ ޗުއްޓީއެކެވެ. ސަގާފީ އެތައް ކުޅިވަރުތަކެއް ކުޅެއެވެ.

މިިދިޔަ އަހަރުގެ ބޮޑު އީދު ފާހަގަ ކުރުމުގެ ތެރެއިން--

ކޯޑި ދުއްވުމާއި ދަފި ނެގުމާއި މާލި ނެށުމާއި ބޮޑު މަހުގެ ކުޅިވަރުތައް ވެސް ރަށްރަށުގައި އޮވެއެވެ. އެކަމަކު، އާންމު ގޮތެއްގައި މާލޭ ޢީދުގައި އެ ފޯރިއެއް ނޯވެއެވެ. އެހެންވެ، އެންމެން ވެސް ޢީދު ބަންދުގައި ރަށްރަށަށް ދަތުރުކުރެއެވެ.

މި ފަހަރު މާލޭގައި ވެސް ފޯރި އެބައޮތް

އެހެން އަހަރުތަކާ ހިލާފަށް މި އަހަރު ސަރުކާރާއި މާލޭ ސިޓީ ކައުންސިލުން ވެސް ވަނީ ސަގާފީކޮށް ކުލަގަދަ ޢީދެއް މާލޭގައި ފާހަގަކުރަން ތައްޔާރީތަކެއް ވެފައެވެ. އެގޮތުން، ޢީދު ނަމާދަށް ފަހު މާލޭގައި ވެސް ކުޅިވަރުތައް ވަނީ ފަށައިފައެވެ.

މާލޭގައި މިއަދު ހުރި ހަރަކާތްތައް:

  • މާލޭ ސިޓީ ކައުންސިލާއި ދިރާގު ގުޅިގެން އާޓިފިޝަލް ބީޗުގައި 'ޢީދު މަގާ' - އޮންނާނީ ހަވީރު 4:00 އިން 6:00 އާ ހަމައަށް
  • ނެޝަނަލް ސެންޓަ ފޯ އާޓްސް (އެންސީއޭ)އިން އިންތިޒާމުކޮށްގެން ސަގާފީ ކުޅިވަރުތައް - އޮންނާނީ ހަވީރު
  • އެންސީއޭއިން އިންތިޒާމުކުރާ ޢީދު ޝޯ - އޮންނާނީ ރޭގަނޑު

އީދަށް ޖުމްހޫރީ މައިދާން ޒީނަތްތެރިކޮށްފައި -- ފޮޓޯ/ ރައީސް އޮފީސް

ވިލިމާލޭގައި ހުރި ބައެއް ހަރަކާތްތައް:

  • ހެނދުނުން ފެށިގެން ފެންކުޅިއާއި ބީޗު ކުޅިވަރުތައް
  • ކޯޑި ނެރުން - އޮންނާނީ ހަވީރު 4:30 ގައި
  • ސަގާފީ ކުޅިވަރުތަކާއި ކޯޑި ކެނޑުން - މާދަމާ ހަވީރު
  • އާއިލީ ހަވީރު - އަންގާރަ ދުވަހު
  • ދަފިނެގުމާއި ބޮޑުބެރުގެ ހަރަކާތްތައް - ބުދަ ދުވަހުގެ ހަވީރު
  • މާލި ޕެރޭޑާއި ބޮޑުމަސް - ބުރާސްފަތި ދުވަހުގެ ރޭ
  • ޝޯއާއި ހަވާ އެރުވުން - ހުކުރު ދުވަހުގެ ރޭ

ހުޅުމާލޭގައި ރާވާފައިހުރި ހަރަކާތްތައް:

  • ކުޑަކުދިންގެ ހަވީރު
  • މާލި ޕެރޭޑް
  • ބޮޑުމަސް ބޭނުން
  • ހަވާ އެރުވުން

މީގެ އިތުރުން ވެސް އިތުރު ހަރަކާތްތައް މި ފަހަރު މާލޭ ސަރަހައްދުގައި ވެސް އެބައޮތެވެ.

އެހެންވެ، މި ފަހަރުގެ ބޮޑު ޢީދުގައި މާލޭގައި ތިބެންޖެހުނު މީހުންނަށް ވެސް ސަގާފީ ކުޅިވަރުތައް ބަލައިލައި ޢީދުގެ އުފާ ހޯދޭނެއެެވެ.

comment ކޮމެންޓް