މަދޫރީގެ ފިރިމީހާ ބުނީ ކައިވެނިކުރީ މަޝްހޫރުކަން ނޭނގި ކަމަށް

ބަތަލާ މަދޫރީ އަދި ފިރިމީހާ ޑރ.ނީން--ފޮޓޯ/ޓައިމްސްނައު

އިންޑިއާގެ މަގުބޫލު ފިލްމީ ތަރި މަދޫރީއާ ފުރަތަމަ ބައްދަލުވިއިރު އެއީ ފިލްމީ ތަރިއެއްކަން ނޭނގޭ ކަމަށާއި މަދޫރީއަކީ އާއްމުންގެ މެދުގައި އެހާ މަޝްހޫރު މީހެއްކަން ތަސައްވަރު ވެސް ނުކުރެވޭ ކަމަށް ބަތަލާގެ ފިރިމީހާ ޑރ. ޝްރީރާމް ނީން ބުނެފިއެވެ.

މަޝްހޫރު ޕޮޑްކާސްޓަ ރަންވީރު އައްލާހްބާދިއާގެ ޕޮޑްކާސްޓް ޝޯގައި ނީން ވަނީ ދެމަފިރިންގެ ޒަވާޖީ ހަޔާތާ ބެހޭގޮތުން މީގެ ކުރިން އާއްމުންނާ ހިއްސާނުކުރާ ވަރަށް ގިނަ ވާހަކަތައް ހިއްސާކޮށްފައެވެ. ދެމަފިރިންގެ ކައިވެންޏަށް މި އަހަރު 25 އަހަރު ފުރޭއިރު މިހާތަނަށް ވަރަށް ތަފާތު ތަޖުރިބާތަކެއް ދިރިއުޅުމުގައި ކުރެވިފައިވާ ކަމަށް މަދޫރީގެ ފިރިމީހާ ވަނީ ބުނެފައެވެ.

މަދޫރީއަކީ ފިލްމީ ތަރިއަކަށްވެފައި އާއްމުންގެ މެދުގައި ބޮޑު މަޝްހޫރުކަމެއް ހޯދާފައިވާ ބަތަލާއެއްކަމުން އެކަން ބޮޑަށް ފެނުނީ ދެމަފިރިންގެ ދިރިއުޅުން އިންޑިއާއަށް ބަދަލުކުރުމާ އެކު ކަމަށް ނީން ވަނީ ބުނެފައެވެ.

މަދޫރީ ފިރިމީހާ ޑރ.ނީން އަދި ދެ ކުދިންނާ އެކު--ފޮޓޯ/ފިލްމުފެއަ
ކައިވެނި ކުރުމަށް ފަހު މަދޫރީއާއި ފިރިމީހާގެ ދިރިއުޅުމުގެ ބޮޑު ބައެއް އެމެރިކާގައި ހޭދަކުރިއިރު ފުރިހަމަ މިނިވަންކަމާ އެކު ބޭރުތެރޭގައި އުޅުމުގެ ފުރުސަތު ބޮޑު ކަމަށާއި އެހެންނަމަވެސް އިންޑިއާއަށް ދިރިއުޅުން ބަދަލުކުރުމާ އެކު ވަރަށް ގިނަ ކަންކަން ބަދަލުވެ އެ ކަމަށް އަހުލުވެރިވުމަށް ވަގުތު ނެގި ކަމަށް ޝްރީރާމް ބުނެފައިވެއެވެ.

މަދޫރީއަކީ އިންޑިއާގެ އެންމެ މަޝްހޫރު ފިލްމީ ތަރިންގެ ތެރޭ ހިމެނޭ ބަތަލާއަކަށްވީ ނަމަވެސް އެއީ ވަރަށް އާދައިގެ ދިރިއުޅުމަކަށް ލޯބިކުރާ ވަރަށް ސާދާ މިޒާޖުގެ ޝަހްސިއްޔަތެއްގެ ގޮތުގައި ނީން ވަނީ ބަތަލާ ސިފަކޮށްފައެވެ. ދެމަފިރިންގެ ކައިވެންޏަށް ލިބިފައިވާ ދެ ފިރިހެން ކުދިން ތަރުބިއްޔަތު ކުރުމުގައި ވެސް އެންމެ ބޮޑަށް އިސްކަންދެނީ އާއްމު ދިރިއުޅުމުގައި މުޖުތަމައުގެ ލޯތްބާއި އިހުތިރާމު ލިބޭނެ ސިފަތަކާ އެކު ކުދިން ބޮޑެތި ކުރުމަށް ކަމަށް މަދޫރީގެ ފިރިމީހާ ވަނީ ބުނެފައެވެ.

މަދޫރީ އަކީ 1980އިގެ އަހަރުތަކުން ފެށިގެން 2000ވަނަ އަހަރާ ހަމައަށް ވަރަށް ކާމިޔާބު ފިލްމުތަކެއް ކުޅުނު ބަތަލާއެކެވެ. އިންޑިއާގެ ސަރުކާރުން އަރުވާ އެންމެ ޝަރަފުވެރި ޕަދްމާޝްރީ އެވޯޑު ލިބިފައިވާ ބަތަލާގެ މަޝްހޫރު ފިލްމުތަކުގެތެރޭ، "ދިލް"، "ސާޖަން"، "ހަމް އާޕްކޭ ހޭ ކޯން" އަދި "ދިލް ތޯ ޕާގަލް ހޭ" ފަދަ ފިލްމުތައް ހިމެނެއެވެ. ފިލްމުތަކުގެ އިތުރުން މަދޫރީ ވަނީ 2022ވަނަ އަހަރު ނެޓްފްލިކްސްއިން ގެނެސްދިން ވެބް ސީރީޒް "ދާ ފޭމް ގޭމް"އިން ވެސް ފެނިފައެވެ.

comment ކޮމެންޓް