ބ. ދަރަވަންދޫގައި ދިރިއުޅޭ ރައްޔިތުންނާއި އަޟްހާ އީދަށް އެ ރަށަށް ޒިޔާރަތް ކުރާ މީހުންނަށް ޚާއްސަ ހަރަކާތްތަކާއެކު، ވަރަށް ކުލަގަދަކޮށް އީދު ފާހަގަކުރަން ދަރަވަންދޫ ކައުންސިލުން ތައްޔާރުވެއްޖެއެވެ.
ދަރަވަންދޫ ކައުންސިލްގެ ރައީސް އަލީ ސަމީހު ވިދާޅުވީ، އެ ރަށުގައި މިފަހަރު އީދު ފާހަގަކުރަނީ ރަށުގައި ތިބި އެންމެންނަށް ވެސް ހިތްހަމަޖެހުން ލިބޭނެ، ފުރިހަމަ އީދަކަށް ހެދުމުގެ އުއްމީދުގައި ކަމަށެވެ. އެގޮތުން އީދުގެ ހަރަކާތްތައް ހަ ދުވަހަށް ކުރިއަގެންދާނެ ކަމަށާއި އެ ހަރަކާތްތައް ފަށާނީ މިރޭ 10:00ގައި ހަވާ އެރުވުމުން ކަމަށް އޭނާ ވިދާޅުވިއެވެ.
ސަމީހު ވިދާޅުވީ ހަވާއެރުވުން އޮންނާނީ ރަސްގެއޮޑި އަތިރިމަތީގައި ކަމަށާއި އެހެންވެ، އެ ސަރަހައްދަށް ވީހާ ވެސް ގިނަ ބަޔަކު ދިޔުން އެދޭ ކަމަށެވެ.
މާދަމާއަކީ އަޟްހާ އީދު ދުވަސް ކަމަށްވާއިރު އެ ރަށުގައި ބޮޑު ޖަމާއަތުގައި ނަމާދު ކުރުން އޮންނާނީ ފުޓްސަލް ގުރައުންޑް އެކެއްގައި ކަމަށް އޭނާ ވިދާޅުވިއެވެ.
"އެހެންވީމަ އަޅުގަނޑުމެން އުއްމީދުކުރަން ހުރިހާ ބޭފުޅުން ވެސް ސަމާލުކަން ދެއްވައިގެން އީދު ނަމާދުގައި ބައިވެރިވެވަޑައިގެން ދެއްވާނެ ކަމަށް،" ސަމީހު ވިދާޅުވިއެވެ.
އީދު ނަމާދަށް ފަހު ރަށު ރައްޔިތުން ދޭ ސަޔެއް ބ. އަތޮޅު މަދަރުސާ ހޯލުގައި އޮންނާނެ ކަމަށާއި ރަށުގެ ކުދިބޮޑު އެންމެންނަށް ވެސް ސައިގައި ބައިވެރިވެވޭނެކަން އޭނާ ފާހަގަކުރެއްވިއެވެ. ހަމައެއާއެކު، އެ ރަށުގެ ސަގާފަތާ އެއްގޮތަށް ނުވައަކުން ފެށިގެން 12އަށް ފެން ޖެހުމުގެ ކުޅިވަރު އޮންނާނެ ކަމަށް ވެސް ސަމީހު ވިދާޅުވިއެވެ.
"މިކަން އާންމު ގޮތެއްގައި މި ރަށުގައި ކޮށް އުޅެނީ އާއިލާތަކާއި ރައްޓެހި ރަހުމަތްތެރިންނާއި އެގޮތަށް ގާތް ގުޅުމެއް އޮންނަ ފަރާތްތަކުގެ މެދުގައި،" އޭނާ ވިދާޅުވިއެވެ.
ދަރަވަންދޫ ހުޅަނގު ކޮޅު ބީޗު ސަރަހައްދުގައި ކައުންސިލުން ޕިކްނިކް ބީޗެއް ތައްޔާރުކޮށްފައިވާކަން ފާހަގަކުރައްވައި ސަމީހު ވިދާޅުވީ އެ ބީޗު ހުޅުވުން އީދު ދުވަހު 10 ޖަހާއިރު އޮންނާނެ ކަމަށެވެ. އެ ރަސްމިއްޔާތުގައި އެންމެންނަށް ބައިވެރިވެވޭނެކަން އޭނާ ފާހަގަކުރެއްވިއެވެ.
މާދަމާ ދެން އޮންނަ ހަރަކާތްތަކުގެ ތެރޭގައި، ހަވީރު 4:30ގައި ފިރިހެނުންގެ މާލި ކުޅިވަރާއި ރޭގަނޑު 9:00ގައި ފަތްމިނި ބޮޑުބެރު ގުރޫޕުގެ ސަގާފީ ހަރަކާތްތަކާއި ނެޝުންތައް ހިމެނެއެވެ.
ޖެހިގެން އަންނަ ދުވަހުގެ ހަވީރަށް ކައުންސިލުން ރާވާފައިވަނީ ކުޑަކުދިންނަށް ޚާއްސަކޮށް، ޖާދޫގަރު މުޙައްމަދު ޝަރީފުގެ ޝޯއެކެވެ. އެ ރޭ ވެސް ޖާދޫ ޝޯއެއް އޮންނައިރު، 9:00ގައި ފަށާ އެ ޝޯގައި ކާށިދޫ ރައްޔިތުންގެ ތާރަ ޖެހުމުގެ ހަރަކާތްތައް ވެސް އޮންނާނެއެވެ.
އެ ޝޯތައް ބާއްވަނީ ރަސްގެއޮޑި އަތިރިމަތީގައެވެ.
ސަމީހު ވިދާޅުވި ގޮތުގައި އީދުގެ ތިން ވަނަ ދުވަހު ހަވީރު އޮންނާނީ އަންހެނުން ބާއްވާ ކޯޑި ކެނޑުމުގެ ހަރަކާތެކެވެ.
"އެ ކޯޑި ހިނގުމުގެ ހަރަކާތަކީ އަންހެން ބޭފުޅުން، ރަށުގައި ތިއްބެވި ދުވަސްވީ ބޭފުޅުން އިސްނަންގަވައިގެން އަމިއްލަފުޅަށް ކުރިއަށްގެންދަވާ ހަރަކާތެއް. އެހެންވީމަ މި ހަރަކާތް ހަވީރު 4:30ގައި ރަށުގެ ބޮޑެތި މަގުތަކުގައި ކުރިއަށްދާނެ،" އޭނާ ވިދާޅުވިއެވެ.
އެއަށްފަހު އެ ރޭ އޮންނާނީ ދަރަވަންދޫ ޗަނބޭލީ ބޮޑުބެރު ގުރޫޕުގެ ބެރާއި ސަގާފީ ހަރަކާތެވެ. އަދި 19 ވަނަ ދުވަހު ހަވީރު އަންހެނުންގެ މާލި 4:30ގައި އޮންނާނެ ކަމަށް ސަމީހު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، އެ ދުވަހުގެރޭ ދަރަވަންދޫގެ ރައްޔިތުންގެ ފަރާތުން ބާއްވާ ބާބެކިއުއެއް އަތިރިމަތީގައި އޮންނާނެ ކަމަށާއި އެ ބާބެކިއުގައި ރަށުގެ ރައްޔިތުންނާއި ރަށަށް ޒިޔާރަތްކުރާ އެންމެންނަށް ވެސް ބައިވެރިވެވޭނެ ކަމަށެވެ.
"އަޅުގަނޑުމެން އުއްމީދުކުރަނީ އަޅުގަނޑުމެންގެ މި ހަރަކާތްތަކުގައި ވީހާވެސް ގިނަ ބޭފުޅުން ބައިވެރިވެވަޑައިގެން މި އީދުގެ އުފާވެރިކަން ހިއްސާކުރާނެ ކަމަށް. މި އީދަކީ އެންމެންނަށް ވެސް އުފާވެރި 'މަގޭ އީދެއް'ގެ ގޮތުގައި ފާހަގަވެގެންދާނެ އީދަކަށް ވާނެ ކަމަށް،" ސަމީހު ވިދާޅުވިއެވެ.
އެ ހަރަކާތްތައް ބާއްވަނީ ދަރަވަންދޫގެ ކުލަބު ޖަމިއްޔާތަކާއި ޖަމާއަތްތަކާއި މުއަައްސަސާތަކާ ގުޅިގެން، އެކުވެރިކަމާއި އެއްބައިވަންތަކަމާއެކުކަން އޭނާ ފާހަގަކުރެއްވިއެވެ.