މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އިންސާނުންނާއި ދުނިޔޭގެ ދުޅަހެޔޮކަމަށް ބޮޑެތި އަސަރުތަކެއް ކުރާއިރު، އާ ދިރާސާއަކުން މިހާރު ވަނީ ހައިރާން ކުރުވަނިވި ކަމެއް މި ލިސްޓަށް އިތުރުކޮށްފައެވެ. ދުނިޔޭގެ ކަންކޮޅުތަކުން ހަތް މިލިއަން 'މަޖިލިސް ތަގުރީރު'ގައި ބޭނުންކޮށްފައިވާ ބަސް ސައިންސުވެރިން ވަނީ ތަހުލީލުކޮށްފައެވެ. މި ތަހުލީލުން އެނގުނުގޮތުގައި، ފިނިހޫނުމިން މަތިވުމުން ސިޔާސީ މީހުންގެ ބަހުގެ ކޮމްޕްލެކްސިޓީ ވަގުތުން ވަރަށް ބޮޑަށް ދަށްވެއެވެ. އެކަމުގެ ސަބަބުން ހޫނު ދުވަސްތަކުގައި މަޖިލިސް މެންބަރުން ބޭނުންކުރަނީ އާދައިގެ ސާދާ ބަހުރުވައެވެ.
މި ނަތީޖާތަކުން ދައްކާ ގޮތުގައި ހޫނު ގަދަވުމުން ކޮގްނިޓިވް ކެޕޭސިޓީއަށް އަސަރުތަކެއް ކޮށްފާނެ ކަމަށާއި އޭގެ ހަގީގީ އަދި ވަގުތީ ނަތީޖާތަކެއް ވެސް ކުރިމަތިވެދާނެ ކަމަށް ދިރާސާވެރިން ބުނެއެވެ.
"ހޫނުވުމަކީ ގިނަ ދުވަސްތަކެއް ވަންދެން ސިއްހީ ގޮތުން ނޭދެވޭ އަސަރުތަކެއް ކުރާ ކަމެއް ކަމަށާއި އޭގެ ތެރޭގައި އުފެއްދުންތެރިކަމާއި ކޮގްނިޓިވް ޕާފޯމަންސް ދަށްވުމުގެ ނުރައްކާ އިތުރުވުން ހިމެނޭ،" ޖަރުމަނުގެ ރޮސްޓޮކްގައި ހުންނަ މެކްސް ޕްލޭންކް އިންސްޓިޓިއުޓް ފޯ ޑިމޮގްރަފިކް ރިސާޗްގެ ރިސްޓޯ ކޮންޓޭ ކޭވާބޫ ވިދާޅުވިއެވެ.
"އަހަރެމެންގެ ދިރާސާއިން ފާހަގަކުރެވޭ ގޮތުގައި މި ފިނޯމިނާގެ އަސަރު ސިޔާސީ ބޭފުޅުންނަށްވެސް ފޯރާ" މަޖިލިސް މެންބަރުންނަކީ ވަރަށް ކްރިޓިކަލް ޒިންމާތަކެއް އަދާކުރައްވާ ބައެއްކަން ހާމަކުރައްވަމުން އޭނާ ވިދާޅުވިއެވެ.
"ވަކިން ޚާއްސަކޮށް އަހަރެމެންނަށް ފެނުނީ ފިނިހޫނުމިން މަތިވުމުން، ތަފާތު އަށް ގައުމެއްގައި ޕާލަމެންޓްރީ ތަގުރީރުތަކުގައި ބޭނުންކުރާ ބަހުގެ ކޮމްޕްލެކްސިޓީ ދަށްވާކަން،" ޑެންމާކުގެ އާހަސް ޔުނިވާސިޓީގެ ޓޮބިއަސް ވިޑްމަން ވިދާޅުވިއެވެ.
"މިކަމުން ދޭހަވަނީ މަޖިލިސް ފަދަ މުހިންމު ޕްރޮފެޝަނަލް ސެޓިންގްސްތަކުގައި ވެސް ހޫނުގެ ސަބަބުން ކޮގްނިޓިވް ފަންކްޝަންތަކަށް ނޭދެވޭ އަސަރުތަކެއް ކޮށްފާނެ ކަމަށް،" ޤާނޫނު ހަދާ މަޖިލިހަކީ ކަމާގުޅޭ ފަންނީ އަދި ޕްރިސައިސް ބަސްކޮށާރެއް ބޭނުންކުރަންޖެހޭ ތަނެއްކަން ފާހަގަކުރައްވަމުން އޭނާ ކިޔައިދެއްވިއެވެ.
ކޮންޓޭ ކޭވާބޫއާއި ވިޑްމަން މި ހޯދުން ހޯދީ ރައްޔިތުންގެ މަޖިލީހުގެ އެތައް މިލިއަން ތަގުރީރުތަކެއް އެއްކޮށްގެންނެވެ. އެގޮތުން، ގިނަ އަހަރުތަކެއްގައި ތަފާތު އަށް ގައުމެއްގެ 28،000 އަށް ވުރެ ގިނަ ސިޔާސީ ބޭފުޅުންގެ ވާހަކަދެއްކުން މި ކަލެކްޝަންގައި ހިމެނެއެވެ. އެ ވާހަކަތަކުގައި ހިމެނޭ ބަސްމަގާއި ދުވަހުގެ ސީދާ ފިނިހޫނުމިނާއި މޫސުމާ ދެމެދު އޮންނަ ގުޅުންތައް ހޯދިއެވެ. މި ދިރާސާއިން ދައްކާ ގޮތުގައި ހޫނު ދުވަސްވަރު ބަހުގެ ކޮމްޕްލެކްސިޓީ ކުޑަވެއެވެ.
ނަމަވެސް، ފިނި ދުވަސްތަކުގައި އެ އަސަރެއް ނުކުރެއެވެ. އިންސާނުންގެ ސުލޫކަށް އަސަރުކުރަނީ ހަމައެކަނި ސްޓްރެޓެޖިކް ކަންކަމުގެ ސަބަބުން ނޫން ކަމަށާއި ތިމާވެށީގެ ކަންތައްތަކުގެ ސަބަބުން ވެސް އަސަރުކުރާކަން މި ދިރާސާއިން ހާމަވެއެވެ.
"މިކަމުގެ ސަބަބުން މަޖިލިސް މެންބަރުންގެ އުފެއްދުންތެރިކަމަށް ނޭދެވޭ އަސަރުތަކެއްކޮށް، ގާނޫނު ހަދާ މަޖިލީހުގެ ނިންމުންތަކާއި ރައްޔިތުން ތަމްސީލުކުރުމާއި ބަޖެޓް ޕްލޭނިންއަށް އަސަރުކޮށްފާނެ. ޑިމޮކްރެޓިކް ޕްރޮސެސްތަކުގައި ސިޔާސީ ބޭފުޅުންގެ މުހިންމު ދައުރަށް ބަލާއިރު، އިންތިހާއަށް ފިނިހޫނުމިނުގެ އަސަރު އެމީހުންގެ ކޮގްނިޓިވް ޕާފޯމަންސަށް ކޮށްފާނެ. އަދި މީގެ ސަބަބުން މުޅި މުޖުތަމަޢަށްވެސް (ނޭދެވޭ) އަސަރުތަކެއް ކޮށްފާނެ," ހޫނުގަދަވުމުން މަޖިލިސް މެންބަރުންގެ މަސައްކަތަށް ކޮށްފާނެ ނޭދެވޭ އަސަރު ބަޔާންކުރައްވަމުން ވިޑްމަން ވިދާޅުވީ
އެ މީހުން ބުނާ ގޮތުގައި ކުރިއަށް އޮތް ދިރާސާތަކުގައި ގަދަ ފިނިހޫނުމިނުގެ ސަބަބުން ސިޔާސީ މީހުންގެ ޖުމުލަ އުފެއްދުންތެރިކަމާއި ޕާފޯމަންސަށް އަސަރުކުރާ ގޮތުގެ ފުންމިން ހޯދޭނެއެވެ. އެ މީހުން ލަފާކުރާ ގޮތުގައި މި އަސަރުތައް މެނޭޖްކުރުމަކީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ޑިމޮކްރެޓިކް ޕްރޮސެސްތަކަށާއި ވެރިކަން ހިންގުމަށް ކުރާ އަސަރުތައް ކުޑަކުރުމަށް ކޮންމެހެން ބޭނުންތެރި ކަމެކެވެ.