163 އުޅަނދު ޓޯކޮށް، މާލޭ މަގުތައް ސާފުކޮށްފި

ބޮޑުތަކުރުފާނު މަގުގެ ދެ ފަޅީގައި ކާރުތައް ޕާކުކޮށްފައި -- ސަން ފޮޓޯ

މާލޭ މަގުމަތީގައި ގަވާއިދާ ހިލާފަށް ޕާކުކޮށްފައި ހުރި 163 އުޅަނދެއް މިދިޔަ ދެ ދުވަހު ޓޯކޮށްފައިވާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

ފުލުހުން މާލޭގެ މަގުތައް އަނެއްކާ ވެސް ސާފުކޮށްލާފައިވަނީ ބުރާސްފަތި ދުވަހާއި އިއްޔެއާއެވެ.

ފުލުހުން ބުނީ، މަގުމަތީގައި އާންމު ދަތުރުފަތުރަށް ދަތިވާގޮތަށް ޕާކުކޮށްފައި ހުރި ހަތަރު ފުރޮޅުލީ އުޅަނދުތައް ޓޯކޮށްފައިވާ ކަމަށެވެ.

އެގޮތުން، ބޮޑުތަކުރުފާނު މަގު ކަޅުތުއްކަލާކޮއްޓާ ހިސާބުން ފެށީގެން ފަތާ ޓްރެކާ ހަމައަށް ބަހައްޓާފައި ހުރި 84 އުޅަނދެއް ވަނީ ޓޯކޮށްފައެވެ. އަދި، އަމީނީ މަގު ދަރުބާރުގެ ހިމެނޭ ސަރަހައްދުން ފެށިގެން ބޮޑުތަކުރުފާނު މަގު އައިޖީއެމްއެޗާ ހަމައަށް ޕާކުކޮށްފައިވާ އުޅަނދުތަކާއި ބޮޑުތަކުރުފާނު މަގު ސެނެހިޔާ ސަރަހައްދުން ފެށިގެން މާގިރި ހޮޓަލާ ހަމައަށް ނުގަވާއިދުން ޕާކުކޮށްފައިވާ އުޅަނދުތަކާއި އިއްޒުއްދީން މަގުގެ ބަސްސްޓޮޕް ކައިރި ހުސްކޮށް، ޖުމުލަ 79 އުޅަނދެއް ޓޯކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ، އިއްޒުއްދީން މަގުން ޓޯކުރި އުޅަނދުތަކުގެ ތެރޭގައި ރަޖިސްޓްރީނުކުރާ އުޅަނދުތައް ވެސް ހިމެނޭ ކަަަމަށެވެ.

ފުލުހުން ވަނީ އާންމު ދަތުރުފަތުރަށް އުނދަގޫވާގޮތަށް ޕާކުނުކުރާން އިލްތިމާސްކޮށްފައެވެ.

މަގުމަތީގައި ހިނގާ މީހުންނާއި ދުއްވާ އުޅަނދުތަކާއި، ޚާއްޞަކޮށް ޕަބްލިކް ޓްރާންސްޕޯޓާއި އިމަޖެންސީގައި ދުއްވާ އުޅަނދުތަކަށް ދަތިވާގޮތަށް ގަވާއިދާ ޚިލާފަށް އުޅަނދު ޕާކުކުރަމުންދާ މައްސަލަ ފާހަގަކުރެވިފައިވާކަމަށް ފުލުހުން މީގެ ކުރިން ވަނީ ބުނެފައެވެ.

އެހެންވެ، ޕާކިން ޒޯންތަކުގައި ނޫނީ ޕާކުނުކުރާން ފުލުހުން ވަނީ އެދިފައެވެ.

comment ކޮމެންޓް