ދެ ރަށެއްގެ ކައުންސިލަށް މެންބަރުން ހޮވަން އަދި ދ. ކުޑަހުވަދޫ ކައުންސިލްގެ ރައީސް ހޮވަން އިއްޔެ ބޭއްވި ބައި-އިލެކްޝަންތަކުގެ ވަގުތީ ނަތީޖާތައް އިލެކްޝަންސް ކޮމިޝަނުން ރޭ އިއުލާނުކޮށްފިއެވެ.
އިއްޔެ ތިން ބައި-އިލެކްޝަނެއް ބޭއްވިއެވެ. އެއީ، ދ. ކުޑަހުވަދޫ ކައުންސިލްގެ ރައީސް ހޮވާށާއި ލ. ގަމު ކައުންސިލްގެ މެންބަރަކު ހޮވުމަށާއި މ. މުލަކު ކައުންސިލްގެ އަންހެން މެންބަރަކު ހޮވާށެވެ. އެގޮތުން، ކުޑަހުވަދޫ ކައުންސިލްގެ ރައީސްގެ ގޮނޑި ކާމިޔާބުކުރީ ވެރިކަން ކުރާ ޕީއެންސީންނެވެ. އެކަމަކު، ގަމު ކައުންސިލްގެ ގޮނޑި ކާމިޔާބުކުރީ އިދިކޮޅު އެމްޑީޕީންނެވެ. އަދި، މުލަކު ކައުންސިލްގެ ގޮނޑި ކާމިޔާބުކޮށްފައިވަނީ އަމިއްލަ ގޮތުން ވާދަކުރި ކެންޑިޑޭޓެކެވެ.
އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ ވަގުތީ ނަތީޖާގައި ވާގޮތުން ކުޑަހުވަދޫ ކައުންސިލްގެ ރައީސްކަމަށް ވާދަކުރެއްވި ޕީއެންސީގެ ޖާދުﷲ ހަމީދު ވަނީ 826 ވޯޓު ހޯދައިފައެވެ. އެ ގޮނޑިއަށް ދެން ވާދަކުރި އެމްޑީޕީގެ ކެންޑިޑޭޓު އަބްދުﷲ ޖަމީލަށް ލިބުނީ 624 ވޯޓެވެ.
ގަމު ކައުންސިލްގެ މެންބަރުކަމުގެ ގޮނޑިއަށް ވެސް ވާދަކޮށްފައިވަނީ އެމްޑީޕީއާއި ޕީއެންސީން އެކަންޏެވެ.
އެ ގޮނޑިއަށް ޕީއެންސީގެ ފަރާތުން ވާދަކުރެއްވި އަލީ ނަޝީދަށް ލިބިފައިވަނީ 644 ވޯޓެވެ. އެމްޑީޕީން ވާދަކުރި އަފްސަލް ޖައުފަރު ވަނީ 894 ވޯޓު ހޯދައިފައެވެ. އެހެންވެ، ގަމު ކައުންސިލްގެ މެންބަރުކަން ކާމިޔާބުކުރީ އިދިކޮޅު އެމްޑީޕީންނެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މުލަކު ކައުންސިލްގެ އަންހެން މެންބަރަކު އިންތިޚާބުކުރަން އިއްޔެ ބޭއްވި ބައި-އިލެކްޝަންގައި އެމްޑީޕީން ވާދަކޮށްފައެއް ނުވެއެވެ. އެ ގޮނޑިއަށް ވާދަކޮށްފައިވަނީ ވެރިކަން ކުރާ ޕީއެންސީންނާއި އަމިއްލަ ގޮތުން ވާދަކުރެއްވި ކެންޑިޑޭޓެކެވެ. އެ އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރެއްވި ރީމާ ހުސައިން (ރީމް) ވަނީ 336 ވޯޓު ހޯދައިފައެވެ. ޕީއެންސީގެ ކެންޑިޑޭޓު މިޒްނާ ތައުފީގަށް ލިބުނީ 282 ވޯޓެވެ.
ރަށްރަށުގެ ކައުންސިލް މެންބަރުންނާއި އަންހެނުން ކޮމިޓީގެ މެންބަރުން އިސްތިއުފާ ދިނުމުން ވެސް ބައި-އިލެކްޝަން ބާއްވަން ޖެހެއެވެ. އެހެންވެ، އިލެކްޝަންސް ކޮމިޝަނުން ބައި-އިލެކްޝަންތައް ބާއްވަން ބޮޑު ހޭދައެއް ކުރަންޖެހެއެވެ.