ސަފާރިއަކުން 200 އަށްވުރެ ގިނަ ބަނގުރާ ފުޅިއާއެކު، 62 އަހަރުގެ މީހަކު ބަންދަށް

އެ އޮޕަރޭޝަންގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ހުރި ބަނގުރާ: ސަފާރިއަކުން 200 އަށްވުރެ ގިނަ ބަނގުރާ ފުޅިއާއެކު، 62 އަހަރުގެ މީހަކު ހައްޔަަރަށް ---- ފޮޓޯ/ ފުލުހުން

ކ. މާފުށީ ބޭރުގައި އޮތް ސަފާރީއެއް ބަލާ ފާސްކޮށް 200 އަށްވުރެ ގިނަ ބަނގުރާ ފުޅިއާއެކު އުމުރުން 62 އަހަރުގެ މީހަކު ފުލުހުން ރޭ ހައްޔަރުކޮށްފިއެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ، އެ މީހާ ހައްޔަރުކުރީ، މާފުށީ ބޭރުގައި އޮތް ސަފާރީއެއްގައި ހުއްދަނެތި ބަނގުރާ ވިއްކާ ކަމަށް ފުލުހުންގެ އިންޓެލިޖެންސްއަށް ލިބުނު މައުލޫމާތަކާ ގުޅިގެން ރޭ ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.

މިގޮތުން، އެ ސަފާރީ ބަލައިފާސްކޮށް، 200 އަށްވުރެ ގިނަ ބަނގުރާ ފުޅިއާއި ދަޅު ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެނެސްފައެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ 62 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މި އޮޕަރޭޝަން ހިންގާފައިވަނީ މާފުށި ޕޮލިސް ސްޓޭޝަނާއި ޑްރަގް އެންފޯސްމަންޓާއި ފޮރެންސިކް ޑިޕާޓްމަންޓުގެ އިތުރުން މެރިން ޕޮލިހާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެންނެވެ.

ފުލުހުން އަންނަނީ މި މައްސަލަ ތަހުގީގުކުރަމުންނެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، ފުލުހުން ހިންގާ އޮޕަރޭޝަންތަކުގައި ބަނގުރާލާއެކު މީހުން ހައްޔަރުކުރާ މައްސަލަތައް ދޭތެރެއަކުން ފެންމަތިވެއެވެ. މި ފަދަ މައްސަލަތަކުގައި ދިވެހިންނާއި ބިދޭސީން ވެސް ހައްޔަރުކުރެއެވެ.

comment ކޮމެންޓް