ކެލާނީގެ ސިންގަލްއިން ފަލަސްތީނަށް ފަސް ލައްކަ ޑޮލަރު

ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ހޮލީވުޑްގެ މަޝްހޫރު ލަވަކިޔުންތެރިޔާ ކެލާނީ ރިލީޒްކުރި ސިންގަލްއިން 550،000 ޑޮލަރުގެ އެހީއެއް ހޯދައިދީފިއެވެ.

ފަލަސްތީނުގެ ރައްޔިތުންނަށް އިޒްރޭލުން ދެމުންދާ ހަމަލާތަކާ ގުޅިގެން އެންމެ އަޑުގަދަކޮށް ވާހަކަދައްކަމުން އަންނަ އެއް ތަރިއަކީ ކެލާނީއެވެ. ފަލަސްތީނު ރައްޔިތުންގެ ހައްގުގައި ކެލާނީ އެކި މަސައްކަތްތައް ކުރަމުން އަންނަތާ އެތައް އަހަރެއް ވެއްޖެއެވެ.

އެގޮތުން އެންމެ ފަހުން އެއް މަސައްކަތަކީ ފަލަސްތީނުގެ ރައްޔިތުންނަށް ޚާއްސަކޮށްގެން ނެރުނު ސިންގަލް "ނެކްސްޓް 2 ޔޫ"އެވެ. މިދިޔަ ހަފުތާގައި ރިލީޒްކުރި މި ސިންގަލްއިން ލިބޭ ހުރިހާ އާމްދަނީއެއް ފަލަސްތީނު ރައްޔިތުންނަށް ދިނުމަށް ކެލާނީ ނިންމިއެވެ.

އެ ލަވަ ރިލީޒްކުރި ފަހުން ހަފުތާއެއްވީއިރު ލަވައިގެ އެހީގައި ވަނީ ފަސް ލައްކަ ޑޮލަރަށް ވުރެ ގިނަ ފައިސާ ހޯދާފައެވެ. މި ލަވަ ރިލީޒްކުރީ މާޗަންޑައިޒްތަކަކާ އެކުގައެވެ. ފައިސާ ހޯދާފައިވަނީ މާޗަންޑައިޒްއާއި ސިންގަލް މެދުވެރިކޮށެވެ.

ކެލާނީގެ މި ސިންގަލްއިން ލިބުނު ހުރިހާ ފައިސާއެއް ފަލަސްތީނުގެ ރައްޔިތުންނަށް ދިނުމަށްޓަކައި މިހާރު ވާންޖެހޭ ތައްޔާރީތައް ވަމުން އަންނަ ކަމަށް ކެލާނީ ބުންޏެވެ. މި ލަވައާ ގުޅިގެން ލިބުނު އެހީއަށް ކެލާނީ ވަނީ އޭނާގެ ފޭނުންނަށް ޝުކުރު އަދާކޮށްފައެވެ.

ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތަކުގައި ވަކާލާތުކޮށް ހުއްޓުމެއް ނެތި ވާހަކަދައްކައި އެއްވުންތަކަށް ގޮސް އަދި އެކި ގޮތްގޮތުން ފައިސާ ހޯދައިދިނުމަށް އެހީވި ތަރީންގެ ލިސްޓުގެ އެންމެ ކުރީގައި ކެލާނީ ހިމެނޭނެއެވެ. ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތަކަށް ވަކާލާތުކޮށް ކެލާނީ ވާހަކަދައްކަމުން އަންނަތާ އެތައް އަހަރެއް ވެއްޖެއެވެ.

ކެލާނީ ދާދި ފަހުން ވަނީ މިއުޒިކް އިންޑަސްޓްރީގައި ހިމެނޭ ފަންނާނުންނަށް ފާޑު ކިޔާފައެވެ. އަދި، ތަނެއްދޮރެއް ނޭނގި އިޒްރޭލަށް ސަޕޯޓު ކުރަމުންދާ ފަންނާނުން ގިނަ ކަމަށާއި އެކަން ހުއްޓަން ވެއްޖެ ކަމަށް ކެލާނީ ވަނީ ބުނެފައެވެ. މިއާއެކު އެތައް ފަންނާނުން އަންނަނީ އެންމެފަހުން ފަލަސްތީނަށް ސަޕޯޓު އޮތްކަމަށް ބުނެ އެކި ފަންޑުތަކަށް ފައިސާ ހޯދުމަށް މަސައްކަތް ފަށާފައެވެ.

comment ކޮމެންޓް