ހިޔަލައިން މި ފަހަރު ޢީދަށް އެޅީ ބޯކިބާ

މުޅި ރާއްޖޭގައި ބޮޑު މަގުބޫލު ކަމެއް ހޯދާފައިވާ ޑާންސް ގްރޫޕު "ހިޔަލަ"އިން މި ފަހަރުގެ ޢީދާ ދިމާކޮށް "ބޯކިބާ"ގެ ނަމުގައި ލަވައެއް ނެރެފިއެވެ.

ކޮންމެ އަހަރެއްގެ ޢީދާ ދިމާކޮށް ހިޔަލަ ގްރޫޕުން ތަފާތު އެކި ކަހަލަ ހަރަކާތްތައް ކުރިއަށް ގެންދެއެވެ. އެގޮތުން، އެކި ރަށްރަށުގައި ޕަފޯމް ކުރުމަކީ ޢީދާ ދިމާކޮށް ގްރޫޕުން އާންމުކޮށް ކުރާ ކަމެކެވެ. ހަމަ އެފަދައިން އަމިއްލަ ލަވަތައް ވެސް ނެރުމަކީ މި ގްރޫޕުން ކުރާ ކަމެކެވެ. މިދިޔަ އަހަރުގެ ޢީދާ ދިމާކޮށް ގްރޫޕުން ނެރުނީ "ކޯޑި" ނަމަކަށް ކިޔާ ލަވައެކެވެ.

ޢީދުގެ ކޯޑި ނެގުމުގެ ހަރަކާތްތަކާ ގުޅުވައިގެން ރިލީޒްކުރި މި ލަވައިގައި ކޯޑީ ނެގުމުގެ އިތުރުން ގްރޫޕު މެންބަރުންގެ ނެށުމުގެ ހުނަރުތައް ދައްކާލިއެވެ.

މި ފަހަރުގެ ޢީދާ ދިމާކޮށް ގްރޫޕުން ނެރެފައިވަނީ ބޯކިބާ ނަމަކަށް ކިޔާ ލަވައެކެވެ.

ރާއްޖޭގައި ޢީދާއި ބޯކިބާއަކީ ވަކި ކުރެވޭ ދެ އެއްޗެއް ނޫނެވެ. ކޮންމެ އަހަރެއްގެ ޢީދާ ދިމާކޮށް ގޭގޭގައި ބޯކިބާ އެޅުމަކީ މިހާރު ވެސް ގިނަ ބަޔަކު ކޮށް އުޅޭ ކަމެކެވެ. މީގެ ކުރީން ދިވެހީން ޢީދާ ގުޅިގެން ބޯކިބާ އަޅައި އެ ފޮރުވާ ހެދުމާ ބަޔަކު އެ ހޯދަން އުޅުމަކީ ޢީދުގެ އެންމެ ފާހަގަކުރެވޭ އެއް ކަމުގެ ގޮތުގައި ކުރިއަށް ގެންދާ ހަރަކާތެކެވެ.

އެގޮތުން، ބޯކިބާ އެޅުމަށް ފަހު އެ ފޮރުވާއިރު އެއް ބަޔަކު އުޅޭނީ އެ ހޯދާށެވެ. ނަމަވެސް، ބޯކިބާ ފޮރުވާ މީހުންތައް، ހޯދާ މީހުންނަށް ލަނޑު ދިނުމަށްޓަކައި ތަފާތު އެކި ކަހަލަ އަނދަވަޅުތައް ހަދާފައި ހުންނާނެއެވެ.

އަލަށް ގްރޫޕުން ނެރުނު ލަވައިން ދައްކާލަދެނީ ބޯކިބާ އެޅުމަށް ފަހު އެ ފޮރުވަން އުޅޭ މަންޒަރުތަކެވެ. އޭގެ އިތުރުން ގްރޫޕު މެންބަރުންގެ ނެށުމުގެ ހުނަރުތައް މި ލަވައިން ވެސް ވަނީ ފެނިގެން ގޮސްފައެވެ.

ބޯކިބާ ލަވަ ކިޔާފައިވަނީ މަރިޔަމް އަޝްފާއެވެ. މި ލަވައިގެން ޅެމުގެ އިތުރުން ރާގާއި ވީޑިއޯ ކޮންސެޕްޓް އަދި ވީޑިއޯ ޑައިރެކްޝަންގެ މަސައްކަތް ކޮށްފައިވަނީ އަބްދުﷲ ޝާހިދު (ޓެޑީ) އެވެ. މި ލަވައިގެ ވީޑިއޯ ނަގައި އެ މިކްސްކޮށް އެޑިޓް ކޮށްފައިވަނީ އިބްރާހީމް ސުޖާއު (ޖަންކީ) އެވެ.

comment ކޮމެންޓް