ރާއްޖޭގެ އިސްތިގުލާލަށް އިޙުތިރާމްކޮށް، ޚިޔާލު އެއްގޮތް ކަންކަމުގައި އެއްކޮށް މަސައްކަތް ކުރާނަން: ޗައިނާ

ރައީސް އާއި ވައިސް ޗެއާމަންގެ ބައްދަލުކުރެއްވުމުގެ ތެރެއިން-- ފޮޓޯ: ރައީސް އޮފީސް

ރާއްޖޭގެ އިސްތިގުލާލަށް އިޙުތިރާމުކޮށް، ޚިޔާލު އެއްގޮތް ކަންކަމުގައި ރާއްޖެއާ އެއްކޮށް މަސައްކަތް ކުރާނެ ކަމަށް ޗައިނާ ސަރުކާރުން މިއަދު ބުނެފިއެވެ.

ރައީސް ޑރ. މުހައްމަދު މުޢިއްޒަށް ޗައިނީޒް ޕީޕަލްސް ޕޮލިޓިކަލް ކޮންސަލްޓޭޓިވް ކޮންފަރެންސް (ސީޕީޕީސީސީ)ގެ 14 ވަނަ ނެޝަނަލް ކޮމިޓީގެ ވައިސް ޗެއާމަން، ބާޓާ ވަނީ އިޙުތިރާމުގެ ޒިޔާރާތެއް ކުރައްވައިފައެވެ.

މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ ޗައިނާގެ ސަރުކާރުން ރާއްޖޭގެ އިސްތިގުލާލަށް އިޙުތިރާމުކޮށް އެއްބާރުލުންދީ، ދެ ގައުމުގެ ޚިޔާލު އެއްގޮތް ކަންކަމުގައި އެކުގައި މަސައްކަތްކޮށް، ދެ ގައުމުގެ މެދުގައި ގުޅުން ބަދަހިކުރުމަށް އުންމީދު ކުރައްވާކަމަށެވެ.

ޗައިނާގެ ރައީސްގެ ފަރާތްޕުޅުން ހެޔޮއެދުންތައް ވެސް އޭނާ ވަނީ ރައީސަށް އަރިސްކުރައްވައިފައެވެ.

މީގެ އިތުރުން ރާއްޖޭގައި އެންމެފަހުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ސަރުކާރުން ސުޕަ މެޖޯރިޓީ ހޯދާފައިވާތީ އެކަން ފާހަގަކުރައްވައި އޭނާ ވަނީ ރައީސަށް މަރުހަބާ ދަންނަވައިފައެވެ.

ހަމައެއާއެކު ވައިސް ޗެއާމަން ވަނީ ރާއްޖެ އާއި ޗައިނާއާ ދެމެދު އޮތް ޒަމާންވީ ގުޅުމުގެ ވާހަކަވެސް ފާހަގަ ކުރައްވައިފައެވެ. އަދި ޗައިނާގެ ރައީސް މީގެ ކުރިން 2014 ވަނަ އަހަރު ރާއްޖެއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅާއި، ދާދިފަހުން ރައީސް މުއިއްޒު ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގެ ސަބަބުން ދެ ގައުމުގެ ގުޅުން ގާތްވެ، ރަޙްމަތްތެރިކަން އިތުރަށް ބަދަހިވެއްޖެކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ރައީސް ވެސް ވަނީ ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން ފާހަގަ ކުރައްވައިފައެވެ. އަދި އެމަނިކުފާނު އެންމެ ފުރަތަމަ ފުރަމާނަ ދަތުރުފުޅެއް ކުރެއްވީ ޗައިނާއަށްކަން ފާހަގަކުރައްވައި، އެ ފުރުސަތު އެމަނިކުފާނަށް ދެއްވިކަމަށްޓަކައި އޭނާއަށް ޝުކުރު އަދާކުރެއްވިއެވެ.

ޗައިނާގެ އެހީތެރިކަމާއެކު ކުރިއަށްގެންދިޔަ މުހިންމު މަޝްރޫއުތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖްގެ ކާމިޔާބީގެ ވާހަކަ ރައީސް ވަނީ ފާހަގަކުރައްވައިފައެވެ. އަދި، ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ބޭނުންފުޅުކަން ވެސް ރައީސް ވަނީ ފާހަގަކުރައްވައިފައެވެ.

ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ރައީސް އާއި ވައިސް ޗެއާމަންވެސް ވަނީ އެކުގައި ގާތްކޮށް މަސައްކަތްކުރުމަށް ދެ ގައުމުން ވެސް ވަރަށް ޝައުގުވެރިވާކަން ހާމަކުރައްވައިފައެވެ.

ޗައިނާގެ ވެރިކަން ކުރާ ކޮމިއުނިސްޓް ޕާޓީގެ ސެންޓްރަލް ކޮމިޓީގެ މެންބަރުކަން ވެސް ކުރައްވާ ބަޓީރް ސީޕީޕީސީސީގެ ވައިސް ޗެއާމަން ކަމާ ހަވާލުވީ 2018ގައެވެ.

ކޮމިއުނިސްޓް ޕާޓީ އާއި ތަފާތު ޖަމިއްޔާތަކުގެ މެންބަރުން ހިމެނޭ ސީޕީޕީސީސީން ސިޔާސީ އަދި އިޖުތިމާއީ ކަންތައްތަކާ ގުޅޭ ގޮތުން ސަރުކާރުގެ މުއައްސަސާތަކަށް ލަފާދެއެވެ. ނަމަވެސް އެއީ ގާނޫނީ ބާރު ލިބިފައިވާ މުއައްސަސާއެއް ނޫނެވެ.

comment ކޮމެންޓް