ރާއްޖެއަށް ޓޫރިސްޓުން އައުން މަދުވެފައިވާ އިންޑިއާގައި ރާއްޖެ ޕްރޮމޯޓް ކުރަން ރޯޑްޝޯއެއް ބޭއްވުމަށް ނިންމައިފިއެވެ.
މަޓާޓޯއާއި އެންއެޗްޖީއެމް އަދި އެމްއެމްޕީއާރުސީ ގުޅިގެން އިންޑިޔާގައި މި ރޯޑްޝޯ ބޭއްވުމުގެ އެންމެ ބޮޑު އެއް މަގްސަދަކީ އައުޓްބައުންޑް ފަތުރުވެރިކަން ދުނިޔޭގައި އެންމެ ބޮޑަށް ކުރިއަރަމުން އަންނަ އެއް މާކެޓަކީ އިންޑިއާ ކަމުގައި ވުމުން އިންޑިއާގައި ދިވެހިރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމެވެ.
މި ރޯޑްޝޯގައި ދިވެހިރާއްޖޭގެ ތަފާތު ތަންތަން ދެއްކުމަށް ހަމަޖެހިފައި ވާއިރު އޭގެތެރޭގައި ސާފު ގޮނޑުދޮށްތަކާއި ރީތި ރިސޯޓްތަކާއި ގެސްޓްހައުސްތަކުގެ އިތުރުން ކަނޑުގެ ތަފާތު ދިރުންތަކާއި މުއްސަނދި ސަގާފީ ތަރިކަހިމެނެއެވެ.
މި ރޯޑްޝޯތައް ކުރިއަށްދާނީ އިންޑިއާގެ ބޮޑު ތިން ސިޓީ ކަމުގައިވާ ބެންގަލޫރާއި މުމްބާއި އަދި ނިއުދިއްލީގައި އަންނަ ޖުލައި މަހުގެ 22، 24 އަދި 26 ވަނަ ދުވަހުގައެވެ.
މި ރޯޑްޝޯގައި ފަތުރުވެރިކަމުގެ މުހިންމު މަންދޫބުންގެ ޕްރެޒެންޓޭޝަންތަކާއި ފަތުރުވެރިކަމުގެ އެންމެ ފަހުގެ ތަރައްގީތަކާއި ޓްރެވަލް ޕެކޭޖްތަކާއި އިންޑިއާގެ ފަތުރުވެރިންނަށް ޚާއްސަކޮށްގެން ތައްޔާރުކޮށްފައިވާ އެކްސްކުލޫސިވް ޑީލްތައް ދައްކާލާނެ ކަމަށް މަޓާޓޯއިން ބުނެއެވެ.
އެ ޖަމިއްޔާއިން އިތުރަށް ބުނިގޮތުގައި މި ޝޯގެ ބައިވެރީންނަށް ރިސޯޓްތަކާއި ގެސްޓްހައުސްތަކާއި ލިވްއަބޯޑްގެ އިތުރުން ހޮޓެލް އޮޕަރޭޓަރުންނާއި ޓުއާ ކުންފުނިތަކާއި އެއާލައިންތަކުގެ މަންދޫބުން ހިމެނޭ ގޮތަށް ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ ސްޓޭކްހޮލްޑަރުންނާ ބައްދަލުވެ މަޝްވަރާ ކުރުމުގެފުރުސަތު ލިބިގެންދާނެ ކަމަށެވެ.
އިންޑިއާއަކީ އަބަދުވެސް ރާއްޖެއަށް މުހިންމު ގައުމެއް ކަމަށާއި ރޯޑްޝޯ ބާއްވަނީ އިންޑިއާގައި ތިބި ޕާޓްނަރުންނާ ގުޅިގެން ކަމަށް މަޓާޓޯއިން ބުންޏެވެ. އަދި މިއީ ދިވެހިރާއްޖޭގެ ފަތުރުވެރިކަން ހަރުދަނާކުރުމަށް ވަރަށް ރަނގަޅު ޕްލެޓްފޯމެއް ކަމަށް މަޓާާޓޯއިން ވަނީ ބުނެފައެވެ. އަދި އިންޑިޔާގެ 1800 ޓުއާ އޮޕަރޭޓަރުން ތަމްސީލުކުރާ އިންޑިއަން އެސޯސިއޭޝަން އޮފް ޓުއާ އޮޕަރޭޓާސް (އަޔާޓޯ)އިން މި ރޯޑްޝޯއަށް ފުރިހަމަ އެއްބާރުލުން ދޭނެކަމަށް ބުނެފައި ވާކަމަށްވެސް މަޓާޓޯއިން ވަނީ ބުނެފައެވެ.
ވޭތުވެދިޔަ އަހަރުތަކަށް ބަލާއިރު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރީން ޒިޔާރަތް ކުރީ އިންޑިއާއިންނެވެ. ނަމަވެސް ރާއްޖޭގައި ގާއިމުވެ ތިބި އިންޑިއާ ސިފައިން ފޮނުވާލުމަށް މި ސަރުކާރުގެ އިސްވެރިން ވެސް ހިމެނޭހެން ހިންގި 'އިންޑިއާ އައުޓް' ކެމްޕޭންގެ ސަބަބުން ދެ ގައުމުގެ ގުޅުމަށް ބުރޫއަރައި އިންޑިއާގެ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރާ މިންވަރު މިހާރު މިވަނީ ކުރިއާ އަޅާބަލާއިރު ވަރަށް ބޮޑުތަނުން މަދުވެފައެވެ.