ފިލްމީ ދާއިރާއާ ދުރުގައި އުޅެންޖެހުމުން އެކަމާ ހިތާމައެއް ނުކުރަން: ކަރިޝްމާ

ބަތަލާ ކަރިޝްމާ ކަޕޫރު--ފޮޓޯ/ހެލޯއިންޑިއާ

ފިލްމު "ޕްރެމް ޤައިދީ"އިން 1991ވަނަ އަހަރު ބޮލީވުޑަށް ތައާރަފްވި ކަރިޝްމާ ކަޕޫރަކީ 90އިގެ އަހަރުތަކުގެ ތެރޭ ބޮލީވުޑްގެ އެންމެ ކާމިޔާބު ބަތަލާއިންގެ ތެރޭ ހިމެނުނު ފިލްމީ ތަރިއެކެވެ.

އިންޑިއާގެ އެންމެ ނުފޫޒުގަދަ ކަޕޫރު ޚާންދާނަށް ނިސްބަތްވާ ކަރިޝްމާ އަކީ ބޮލީވުޑަށް އެ ޚާންދާނުން ނުކުތް ފުރަތަމަ އަންހެން ޒުވާން ބަތަލާ ވެސް މެއެވެ. ނަމަވެސް 2003ވަނަ އަހަރު އިންޑިއާގެ މަޝްހޫރު ވިޔަފާރިވެރިޔާ ސަންޖޭ ކަޕުރާ އެކު ކުރެވުނު ކައިވެންޏާ އެކު ކަރިޝްމާ ފިލްމީ ދާއިރާއިން ފެންނަ މިންވަރު މަދުވާންފެށިއެވެ. ހާއްސަކޮށް އަލަތު ދަރިފުޅަށް ބަލިވެ އިނުމަށްފަހު ފިލްމީ ދާއިރާއިން ކުޑަ ބްރޭކެއް ނެގި ބަތަލާއަށް ދެވަނަ ދަރިފުޅު ލިބުމުން އެއްވެސް ވަރަކަށް ފިލްމުތަކުން ކަރިޝްމާ ނުފެނެއެވެ.

ކަރިޝްމާ ކަޕޫރު ބަތަލާގެ ދެ ކުދިންނާ އެކު--ފޮޓޯ/މެންސްއެކްސްޕީ

ފިލްމު "ދިލް ތޯ ޕާގަލް ހޭ"އިން ނެޝަނަލް އެވޯޑު ލިބުނު ބަތަލާ ފިލްމީ މަސައްކަތްތަކާ ދުރަށްޖެހިލި ދަނޑިވަޅަކީ ފިލްމީ ކެރިއަރު އެންމެ އުހަށް ޖެހިލި ދުވަސްވަރުވެސް މެއެވެ. އެހެންނަމަވެސް ކަރިޝްމާއަށް އެވަގުތު މުހިއްމުވީ ދެ ކުދިންގެ ޒިންމާތައް ކަމަށާއި އެކަމާ މިހާރު އެއްވެސް ވަރަކަށް ހިތާމަ ނުކުރާ ކަމަށް ދާދިފަހުން ދިން އިންޓަވިއުއެއްގައި ބަތަލާ ވަނީ ބުނެފައެވެ.

އަލަތު ކައިވެންޏަށްފަހު ގްލެމާ ދުނިޔެއިން ލިބުނު މަޝްހޫރުކަމަށް މާބޮޑު ސަމާލުކަމެއް ނުދީ އޭރު އެންމެ ބޮޑު އިސްކަމެއް ދިނީ އަމިއްލަ ދިރިއުޅުން ރަނގަޅު ގޮތުގައި ބައްޓަން ކުރުމަށް ކަމަށް ކަރިޝްމާ ވަނީ ބުނެފައެވެ.

ބަތަލާ ކަރިޝްމާ ކަޕޫރު ކޮއްކޮ އަދި ފިލްމީ ތަރި ކަރީނާ ކަޕޫރު ޚާންއާ އެކު--ފޮޓޯ/ކޮއިމޮއި

މަންމައެއްގެ ހައިސިއްޔަތުން ދިރިއުޅުމުގައި ކޮންމެ މީހަކު ވެސް ތަޖުރިބާކުރަން ބޭނުންވާނެ ހާއްސަ ވަގުތުތަކަށް އޭރު އިސްކަންދިން ކަމަށާއި އެފަދަ މުހިއްމު ނިންމުންތައް ކޮންމެ މީހަކުވެސް ނިންމުމުގެ ހިތްވަރު ކޮންމެ މީހެއްގެ ކިބައިގައި ހުންނަންވާނެ ކަމަށް ގަބޫލުކުރާ ކަމުގައި ކަރިޝްމާ ބުނެފައިވެއެވެ.

އޭރު ފިލްމީ މަސައްކަތްތަކާ އެކު ލިބުނު މަޝްހޫރުކަން ދޫކޮށްލި ނަމަވެސް ފަހުން ދިރިއުޅުމުގައި އެވަގުތު އެނބުރި އަންނާނެ ކަމުގެ ޔަޤީންކަން ކަރިޝްމާއަށް އޮތް ކަމަށް މި މަހުގެ 25ވަނަ ދުވަހު 50 އަހަރު ފުރޭ ބަތަލާ ވަނީ ބުނެފައެވެ.

ފިލްމީ ދާއިރާއިން ކަރިޝްމާ ދުރަށް ދިޔައީ އަމިއްލަ ދިރިއުޅުމެއް އުފާވެރިކަމާ އެކު ބިނާކުރުމަށް ކަމުގައިވީ ނަމަވެސް އެކަން ނާކާމިޔާބުވެ ބަތަލާގެ ފުރަތަމަ ކައިވެނި ވަނީ ރޫޅިފައެވެ. ކަރިޝްމާގެ ކައިވެނި 2014ވަނަ އަހަރު ރޫޅުނުއިރު ވަރީގެ ކަންކަން ރަސްމީކޮށް ނިމިފައި ވަނީ 2016ވަނަ އަހަރުއެވެ.

މި އަހަރު ފިލްމު "މާޑަ މުބާރަކް"އިން ފިލްމީ ދާއިރާއަށް އެނބުރި އައިކަން ކަރިޝްމާ އިއުލާނުކޮށްފައި ވާއިރު ބަތަލާ ވަނީ 2020ވަނަ އަހަރު "މެންޓަލްހުޑް"ގެ ނަމުގައި ގެނެސްދިން ވެބް ސީރީސްއެއްގައި ވެސް މަސައްކަތް ކޮށްފައެވެ.

comment ކޮމެންޓް