ކުރިއަށް އޮތް އީދު ބަންދު ދުވަސްތަކުގައި ދަތުރު ކުރަމުގައާއި ޗުއްޓީ ހޭދަކުރުމުގެ ހަރަކާތްތަކުގައި ޝާމިލްވެ އުޅޭއިރު ބަލިތަކުން ރައްކާތެރިވުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ހެލްތް ޕްރޮޓެކްޝަންސް އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
މިގޮތުން އެޗްޕީއޭއިން މިއަދު ނެރުނު ބަޔާނުގައި ވަނީ ޑެންގޫ، ޗިކުންގުންޔާ، ބޭރަށް ހިންގުން އަދި އިންފުލުއެންޒާ ފަދަ އަރިދަފުސް ރޯގާތައް އިތުރު ދުވަސްވަރަކަށް ވުމާއެކު ގައިން ގަޔަށް އަރާ ބަލިތައް ފެތުރުން އިތުރުވުމުގެ ފުރުސަތު ކުޑަކުރުމަށް އިރުޝާދު ދީފައެވެ.
ކޮވިޑް19 އަދި އިންފުލުއެންޒާ އަދި ފަދަ އަރިދަފުސް ރޯގާތަކުން ރައްކާތެރިވުމަށް އެޅުން މުހިއްމު ފިޔަވަޅުތައް:
- އަރިދަފުސް ރޯގާޖެހި ރަނގަޅުނުވެ ދިގުލައިގެންދާނަމަ ޑޮކްޓަރެއްގެ ލަފާ ހޯދުން
- އަރިދަފުސް ރޯގާގެ އަލާމާތެއް ހުރިނަމަ މީހުން އެެއްވެ އުޅޭ ތަންތަނަށް ނިކުންނަ އިރު އަނގައާއި ނޭފަތް ނިވާ ވާނެހެން ރަނގަޅަށް މާސްކް އެޅުން
- ސައިބޯނިލައިގެން ރަނގަޅަށް އަތްދޮވުން ނުވަތަ ސެނިޓައިޒާ ބޭނުންކޮށްގެން އަތް ސާފުކުރުން
- ބަލި ޖެހުމުން، ނުރައްކާވުމުގެ ފުރުސަތު ބޮޑު މީހުން އިންފުލުއެންޒާ އަދި ކޮވިޑް ވެކްސިންގެ ޑޯޒްތައް ފުރިހަމަ ކުރުން
- ބަލިވެގެން ޑޮކްޓަރަށް ދައްކާއިރު ބަލިމީހާ އާއެެކު ވީހާ ވެސް މަދުމީހުން ދިއުން
އެޗްޕީއޭއިން ވަނީ ބޭރަށް ހިންގުމާއި ހޮޑުލުމުން ރައްކާތެރިވުމަށް ކެއުމުގެ ކުރިން އަދި ކާބޯތަކެތީ ތައްޔާރުކުރުމުގެ ކުރިން ސައިބޯނިލައިގެން އަތްދޮވުމަށާއި ބޭރަށް ހިންގުމުގެ އަލާމާތެއް ފެންނަނަމަ ކުދިން ސުކޫލަށް ނުފޮނުވުމަށް އިރުޝާދު ދީފައެވެ.
ޑެންގޫ އަދި ޗިކުންގުންޏާއިން ރައްކާތެރިވުމަށް ކުރެވިދާނެ ކަންތައްތައް:
- މަދިރިން ރައްކާތެރިވުމުގެ ގޮތުން ހަށިގަނޑު ރަގަޅަށް ނިވާވާގޮތަށް ހެދުން އެޅުމާއި މަދިރި ލޯޝަން، ސްޕްރޭ އަދި މޮސްކިޓޯ ރެެެޕެލެންޓް ބޭނުންކުރުން
- ފަތިސް ގަޑީގައި އަދި ހަވީރު އިރުއޮއްސޭ ވަގުތު ގޭގެ ދޮރުތަކާއި ކުޑަދޮރުތައް ލައްޕާފައި ބެހެއްޓުން
- ހުސް ފުޅި ނުވަތަ ދަޅު ފަދަ ފެން ހަރުލާ ތަކެތި ގޯތިތެރެއާއި މަގުމައްޗަށް އުކާނުލުން
އެޗްޕީއޭއިން ބުނީ މިފަދަ ތަކެތީގައި ފެން ހަރުލުމުން ޑެންގޫ ފަތުރާ މަދިރި އާލާވުމަށް ފުރުސަތު ބޮޑުވެގެންދާނެ ކަމަށެވެ.
ބަލި ޖެހިއްޖެނަމަ ގޭގައި ދެވޭނެ ފަރުވާ:
- އަރާމުކުރުން
- ގިނަގިނައިން ދިޔާއެއްޗެހި ބޭނުންކުރުން
- ހުން މަޑު ކުރުމާއި ގައިގައި ރިއްސުމާއި ހުޅުހުުޅުގައި ރިއްސުމަށް ޕެރެސެޓްމޯލް ބޭނުންކުރުން.
އެޗްޕީއޭއިން ބުނީ މިދިޔަ މެއި މަހު ޑެންގޫ ޖެހުނު އަދަދު އިތުރުވެ، 600 އިން މައްޗަށް އަރާފައިވާއިރު އިންފުލުއެންޒާއަށް މިދިޔަ މަހު 21 މީހުން ޕޮޒިޓިވް ކަމަށެވެ.