ބޭސްފަރުވާއަށް ދޫކުރާ ޑޮލަރު އެއް އަހަރުތެރޭ ތިން ގުނަ ބޮޑުވެއްޖެ، ނަހަމަ ގޮތުގައި ބޭނުންކުރަނީތަ؟

މީހަކު ޑޮލަރު ގެންގުޅެނީ: -- ސަން ފޮޓޯ

މިދިޔަ އަހަރުގެ އޮގަސްޓު އެކަކުން ފެށިގެން، ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށްދާ މީހުންނަށް ވިއްކާ ޑޮލަރުގެ އަދަދު ވަނީ އިތުރުކޮށްފައެވެ. އެެއާއެކު ދިވެހީން ރާއްޖެއިން ބޭރަށް، ބޭސްފަރުވާއަށް ދަތުރުކުރުމުގައި ދިމާވާ ޑޮލަރުގެ ދަތިކަން ކުޑަކުރުމުގެ ގޮތުން، އެމްއެމްއޭއިން ބީއެމްއެލް މެދުވެރިކޮށް ބޭރު ފައިސާ ދޫކުރަމުން އަންނަތާ މިހާރު އަހަރެއްހާ ދުވަސް މި ވަނީ ވެފައެވެ.

ނަމަވެސް، އިންތިޒާމުތައް ހަމަޖެއްސުމަށްފަހުވެސް، އެންމެ އެއް އަހަރުގެ ތެރޭގައި ބޭސްފަރުވާއަށް ވިއްކާފައިވާ ޑޮލަރުގެ މިންވަރު ވަރަށް ބޮޑަށް އިތުރުވެފައިވާކަން އެމްއެމްއޭގެ ތަފާސްހިސާބުތަކުން މި ވަނީ ހާމަވެފައެވެ. އެ އަދަދު އެންމެ އަހަރެއް ތެރޭ ގާތްގަނޑަަކަށް ތިން ގުނައަށް އިތުރުވެފައިވާކަން ހާމަވެ ސުވާލުތަކެއް ވަނީ އުފެދިފައެވެ. މިއީ މި ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރާތީ އިތުރުވި އިތުރުވުމެއްތޯ މި ވަނީ ސުވާލު އުފެދިފައެވެ.

ޑޮލަރުގެ ޑިމާންޑު އިތުރުވަމުންދާ ދަނޑިވަޅެއްގައި، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) މިދިޔަ އަހަރުގެ އޮގަސްޓު އެކަކުން ފެށިގެން، ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށްދާ މީހުންނަށް އާސަންދައިގެ ދަށުން ބޭހަށްދާ މީހަކަށް ނަމަ 2,000 ޑޮލަރު ދޭން ފެށިއެވެ. އެންސްޕާގެ އެހީ ލިބިގެންދާ މީހަކަށް ނަމަ އެންސްޕާއިން ކަނޑައަޅާ އަދަދަކަށް ގިނަވެގެން 2,000 ޑޮލަރު ދޭން ފެށިއެވެ. އާސަންދަ އަދި އެންސްޕާގެ އެހީ ނެތި އަމިއްލަ ހަރަދުގައި ދާ މީހެއް ނަމަ: 1,000 ޑޮލަރު ދޭން ފެށިއެވެ. މި ޑޮލަރު ބީއެމްއެލްއަށް ދޫކުރަނީ އެމްއެމްއޭއިންނެވެ.

އެމްއެމްއޭއިން ހިއްސާކުރި ހިސާބުތަކަށް ބަލާއިރު، މިދިޔަ އަހަރު ބޭސްފަރުވާގެ ބޭނުންތަކަށް އާސަންދައާއި ޕްރައިވެޓް މެޑިކަލް ހިމެނޭހެން ޖުމްލަ 18.51 މިލިއަން ޑޮލަރު ވިއްކާފައިވެއެވެ. ނަމަވެސް، މި އަހަރުގެ ސެޕްޓެންބަރު މަހުގެ ނިޔަލަށް މި އަދަދު ވަނީ ކަންބޮޑުވާ މިންވަރަކަށް އިތުރުވެފައެވެ. މި މުއްދަތުގައި ބޭސްފަރުވާގެ ބޭނުންތަކަށް 41.1 މިލިއަން އެމެރިކާ ޑޮލަރު ވިއްކާފައިވާއިރު، މިއީ މިދިޔަ އަހަރުގެ މިމުއްދަތާއި އަޅާބަލާއިރު ގާތްގަނޑަކަށް ތިން ގުނައިތުރު އަދަދެކެވެ.
މި ބޮޑު އަދަދުގެ ބޮޑު ބައެއް ހިއްސާކުރަނީ އަމިއްލަ ޚަރަދުގައި ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދާ ދިވެހީންނަށް ފޯރުކޮށްދީފައިވާ ބޭރުފައިސާކަން އެމްއެމްއޭގެ ހިސާބުތަކުން އެނގެއެވެ. އެގޮތުން މި އަހަރުގެ ސެޕްޓެންބަރު މަހުގެ ނިޔަލަށް އަމިއްލަ ޚަރަދުގައި ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދާ ދިވެހީންނަށް 29.2 މިލިއަން އެމެރިކާ ޑޮލަރު ވަނީ ވިއްކާފައެވެ.

މި އަދަދު އެންމެ އަހަރެއް ތެރޭ ގާތްގަނޑަަކަށް ތިން ގުނައަށް އިތުރުވެފައިވާކަން ހާމަވުމަކީ، ސުވާލު އުފެދޭ އެންމެ ބޮޑު އެއް މައްސަލައެވެ. ހަގީގަތުގައި ވެސް މި ފައިސާއަކީ ސިއްހީ ޚަރަދުތަކަށް ނަގާ ފައިސާތޯ ނުވަތަ ނަހަމަ ގޮތުގައި ބޭނުންކުރުމަށް ހޯދާ ފައިސާތޯ މި ވަނީ ސުވާލު އުފެދިފައެވެ.

ކުއްލިއަކަށް މި މިންވަރަށް އަދަދުތައް އިތުރުވެ، ބޭސްފަރުވާއަށް ޑޮލަރުގެ ބޭނުން މިހާ ބޮޑުތަނުން އިތުރުވި ސަބަބުތައް ދެނެގަންނަންޖެހެއެވެ. ބޭންކްތަކުން ޑޮލަރުގެ އަދަދު އިތުރުކުރި ނަމަވެސް، މި ބޮޑު އަދަދުގެ ފަހަތުގައި އޮތީ، ހަގީގީ ބޭސްފަރުވާއަށް ކުރާ ހަރަދުތަކުގެ އިތުރުން ނަހަމަ ގޮތުގައި މި ފައިސާ ބޭނުންކުރުންތޯ ޔަގީންކުރަން ޖެހެއެވެ.

މިފަދަ ބޮޑު އަދަދެއްގެ ޑޮލަރު ބޭނުންކުރެވޭ ގޮތާ މެދު ސުވާލުއުފެދިފައިވާއިރު، މި އުސޫލު އިތުރަށް ހަރުދަނާ ކުރުމަށް ފިޔަވަޅު އެޅުމަކީ ކޮންމެހެން މުހިންމު ކަމެކެވެ. ނަހަމަ ގޮތުގައި ޑޮލަރު ބޭނުންކުރުން ހުއްޓުވުމަކީ، ގައުމުގެ އިގްތިސާދަށް ލިބޭ ގެއްލުން ކުޑަކޮށް، ޑޮލަރުގެ ރިޒާވް ހިފެހެއްޓުމަށްވެސް ވަރަށް މުހިއްމު ކަމެކެވެ. އެންމެ ބޭނުންވާ ފަރާތްތަކަށް ހައްގު މިންވަރަށް ޑޮލަރު ލިބޭނެ ގޮތް ހަމަޖެއްސުމާއި، ބޭރު ފައިސާގެ ރިޒާވްގެ ހަމަޖެހުން ދެމެހެއްޓުމަށް ޓަކައި މިފަދަ ކަންކަމަށް ސަމާލުކަންދީ އަވަސް ހައްލެއް ހޯދުން ވަރަށް މުހިއްމެވެ

comment ކޮމެންޓް