ހުޅުމާލޭ ތިންވަނަ ފިޔަވަހީގެ ބިން ހިއްކާ ސަރަހައްދުގައިވާ ކަނޑު އުޅަނދުތައް ނެގުމަށް ހައުސިން ޑިވޮލޮޕްމެންޓް ކޯޕަރޭޝަން އެޗްޑީސީން އަނެއްކާ ވެސް އިލްތިމާސްކޮށްފިއެވެ.
މި ކަން ބަޔާންކޮށް އެޗްޑީސީން ނެރުނު ނޫސް ބަޔާނުގައިވަނީ ބިން ހިއްކުމުގެ މަސައްކަތް ކުރުމުގެ ތެރޭގައި އިތުރަށް ދިމާވެދާނެ ނުރައްކާތެރި ހާދިސާއަކުން ރައްކާތެރިވުމުގެ ގޮތުންނާއި އުޅަނދުތަކަށް ލިބިދާނެ ގެއްލުމަކުން ރައްކާތެރިވުމުގެ ގޮތުން އެ ސަރަހައްދުގައި އަޅާފައިވާ އުޅަނދުތައް ނެގުމަށް އެ ކުންފުނިން ވަނީ އިލްތިމާސްކޮށްފައެވެ.
މީގެކުރިން, މި ސަރަހައްދަށް ބާޖު އަދި ކޮޅުވެއްޓި ވަނުމުގެ ތެރޭގައި އުޅަނދުތަކުގައި ޖެހި އެކިވަރުގެ ގެއްލުން ލިބިފައިވާކަން އެޗްޑީސީއިންވަނީ ފާހަގަކޮށްފައެވެ.
ހުޅުމާލޭގެ ފޭސް 2ގެ ވަގުތީ ޖެޓީއަށް ފަޅު ތެރެއިން ދާން އޮންނަ މަގު ހަނިވާ ގޮތަށް ބައެއް އުޅަނދުތައް އަޅާފައި ހުރުމުންނާއި މޫސުން ގޯސްވެ ވައި ގަދަވުމުގެ ސަބަބުން އުޅަނދުތަކަށް ލިބިދާނެ އިތުރު ގެއްލުންތަކުން ރައްކާތެރިވުމުގެ ގޮތުން އެ ސަރަހައްދުގައި އަޅާފައިވާ އުޅަނދުތައް ނެގުމަށް ވެސް އެޗްޑީސީއިން ވަނީ އިލްތިމާސްކޮށްފައެވެ.
ގާ ހުދުވުމުގެ މައްސަލައާ ގުޅިގެން ބިން ހިއްކުމުގެ މަސައްކަތްތައް މަޑުޖައްސާލުމަށް އަންގާފައި އޮތް އޮތުން ނިމުމަކަށް އައުމުން ތިންވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތް ވީ އެންމެ އަވަހަކަށް ފެށުމަށް އެޗްޑީސީން ދަނީ ތައްޔާރުވަމުންނެވެ.
އެހެންކަމުން، ބިން ހިއްކުމަށް ކަނޑައަޅާފައިވާ ސަރަހައްދު (SITE B2, SITE C)ގައި އަޅާފައި ހުރި ކަނޑު އުޅަނދުތައް ވިހާ ވެސް އަވަހަކަށް ނެގުމަށް އެޗްޑީސީއިން ދަނީ ތަކުރާރުކޮށް އިލްތިމާސްކުރަމުންނެވެ.
ހުޅުމާލޭގެ ތިންވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަޝްރޫއަކީ މާލޭ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދިނުމަށް ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫއެކެވެ.
މި މަޝްރޫއުގެ މަސައްކަތް ވީހާ ވެސް އަވަހަށް ނިންމައި ބޯހިޔާވަހިކަމުގެ ފުރުސަތު ވީހާ ވެސް ގިނަ ރައްޔިތުންނަށް ހޯދައިދިނުމަށް އެޗްޑީސީއިން ދަނީ މަސައްކަތް ކުރަމުންނެވެ.