ހައްޖު ދުވަސްވަރު އަމިއްލައަށް ދުއްވާ އޭރިއަލް ޓެކްސީ އިފްތިތާހުކޮށްފި

ހައްޖުވެރިންނަށް ހާއްސަކޮށްގެން ތައާރަފްކުރާ އޭރިއަލް ޓެކްސީ ސައުދީ އަރަބިއާއިން ވަނީ އިފްތިތާހުކޮށްފައި. ފޮޓޯ/އަރަބި ނިއުސް

ހައްޖުވެރިންނަށް ހާއްސަކޮށްގެން ތައާރަފްކުރާ އަމިއްލައަށް ދުއްވާ އޭރިއަލް ޓެކްސީގެ ހިދުމަތް ސައުދީ އަރަބިއާއިން އިފްތިތާހުކޮށްފިއެވެ.

އެ ކަން އިފްތިތާހުކުރަން މިއަދު ބޭއްވި އެ ހަފްލާގައި ސައުދީގެ ދަތުރުފަތުރާބެހޭ ވަޒީރު، ޞާލިޙް ބިން ނަސީރު އަލް ޖަސީރު އާއި ނާއިބު ރުމައިހް އަލް ރުމައިހް އާއި ޖެނެރަލް އޮތޯރިޓީ އޮފް ސިވިލް އޭވިއޭޝަން (ޖީއޭސީއޭ)ގެ ރައީސް އަބްދުލްއަޒީޒް އަލް ދުއައިލެޖް ބައިވެރިވެވަޑައިގެންނެވިއެވެ.

އެ ޓެކްސީގެ ސަބަބުން ހައްޖުގެ އެކިއެކި އަޅުކަންތައް އަދާކުރުމަށް ހައްޖުވެރިންނަށް ވަރަށް ފަސޭހަވެގެންދާނެއެވެ. އިމަޖެންސީތަކުގައި ސިއްހީ ފަރުވާދޭ ސާމާނު އުފުލުމަށާއި އެހެނިހެން ކަންކަމުގައި ވެސް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ސައުދީގެ ދައުލަތުގެ މީޑިއާ، އެސްޕީއޭ އިން ބުނެއެވެ.

ދަތުރުފަތުރާބެހޭ ވަޒީރު، ޞާލިހް ބިން ނާސިރު އަލްޖަސީރު ވިދާޅުވީ އެ ޓެކްސީއަކީ ސިވިލް އޭވިއޭޝަން އޮތޯރިޓީއަކުން ދަތުރުކުރުމަށް ހުއްދަ ލިބުނު ފުރަތަމަ އޭރިއަލް ޓެކްސީކމަށެވެ.

ވަޒީރު އިތުރަށް ވިދާޅުވި ގޮތުގައި އެއާ ޓެކްސީ އިފްތިތާހު ކުރުމަކީ ކުރިއަށް އޮތް ތަނުގައި އެންމެ ފަހުގެ ދަތުރުފަތުރުގެ ޓެކްނޮލޮޖީތައް ބޭނުންކޮށް، އާޓިފިޝަލް އިންޓެލިޖެންސް އެޕްލިކޭޝަންތައް ބޭނުންކޮށްގެން ތިމާވެއްޓާ ރައްޓެހި އާ ދަތުރުފަތުރުގެ މޮޑެލްތައް ތައާރަފް ކުރުމަށް ކުރާ މަސައްކަތުގެ ބައެއް ކަމަށެވެ.

ސްމާޓް މޮބިލިޓީ އިތުރުކޮށް، ޒަމާނީ ޓެކްނޮލޮޖީތައް ބޭނުންކުރެވޭނެ ގާނޫނުތަކާއި ނިޒާމުތައް ތަރައްގީ ކުރުމަށް އެ ވުޒާރާއިން މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

އޭރިއަލް ޓެކްސީއަކީ މި އަހަރުގެ ހައްޖުގައި ހައްޖުވެރިންނަށް ޚިދުމަތް ދިނުމަށް ބޭނުންކުރާ 32 ޒަމާނީ ޓެކްނޮލޮޖީގެ ތެރޭގައި ހިމެނޭ އެއް ޓެކްނޮލޮޖީއެވެ.

comment ކޮމެންޓް