ކަނޑުތަކުގެ ލޮނުގަނޑުގެ ހޫނުމިން މަތިވުމުގެ ސަބަބުން ފަރުތަކުން ގާހުދުވަމުންދާތީވެ، ބިން ހިއްކުމުގެ މަޝްރޫއުތައް ވަގުތީ ގޮތުން ހުއްޓާލަން އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އިން އެންގި އެންގުން އުވާލައިފިއެވެ.
ބިންހިއްކުމުގެ މަޝްރޫއުތައް ވަގުތީގޮތުން ހުއްޓާލުމަށް އެންގީ މިދިޔަ މެއި މަހުގެ ނުވަވަނަ ދުވަހެވެ.
އީޕީއޭއިން ވަނީ ބިން ހިއްކުމުގެ މަޝްރޫއުތައް ވަގުތީ ގޮތުން ހުއްޓާލުމަށް އެންގި އެންގުން މިއަދުގެ ނިޔަލަށް ނިމުނުކަން އިއުލާނުކޮށްފައެވެ.
އެ އިއުލާނެއްގައި ބުނީ، ފަޅު ކޮނުމާއި ބިންހިންކުމުގެ މަސައްކަތް ވަގުތީގޮތުން މެދުކަނޑާލަން އަންގާފައިވަނީ، މިހާރު ހިނގަމުންދާ ގާ ހުދުވުމުގެ މައްސަލައާ ގުޅިގެން ފަރުގެ މާހައުލަށް ލިބެމުންދާ ގެއްލުންތައް ކުޑަކުރުމަށް އެޅި ފިޔަވަޅެއްގެ ގޮތުގައި ކަމަށެވެ.
ނަމަވެސް އެ ގޮތަށް މެދުކަނޑާލަން އަންގާފައިވާ އެންގުން މިއަދުގެ ނިޔަލަށް ނިމުމަކަށް އައިކަމުގައި ވިޔަސް، ގާހުދުވުމުގެ މައްސަލަ އަދިވެސް ދެމިއޮތްކަން، ދަންނަންޖެހޭނެ ކަމަށް އީޕީއޭއިން ބުންޏެވެ.
ހަމައެއާއެކު ބިންހިއްކުމާއި ފަޅު ފުންކުރުމުގެ މަޝްރޫއުތަކުގައި، މި ވަގުތު މޫދާއި ފަރު ހިމެނޭ ސަރަހައްދުތަކުގައި ކޮންމެހެން ކުރަންޖެހޭ މަސައްކަތް ނޫން އެހެން ހުރިހާ ކަމެއް އަންނަ އޯގަސްޓް މަހުގެ 31ގެ ފަހަށް ކުރިއަށްގެންދާ ގޮތަށް ހަމަޖައްސައިދިނުމަކީ އެ އޭޖެންސީގެ ވަރަށް ބޮޑު އެދުމެއް ކަމަށް ވެސް އެ އިއުލާނުގައި ވަނީ ބުނެފައެވެ.
"ދިވެހިރާއްޖެ މިހާރު ވަނީ އެލާޓް ލެވެލް، ލެވެލް 1 އަދި 2 އިން ވޮޗް ސްޓޭޓަސް އަށް ބަދަލުވެފައި. ނަމަވެސް، ފަޅު ކޮނުމުގެ މަސައްކަތަށް އެނބުރި ރުޖޫއަވާއިރު، އީއައިއޭ ރިޕޯޓުގައި މަސައްކަތުގެ ސަބަބުން ތިމާވެށްޓަށް ކުރާނެ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެންމެ ފުރިހަމައަށް ތަންފީޒުކުރުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް އެންމެހައި ފަރާތްތަކަށް އިލްތިމާސްކުރަން،" އީޕީއޭގެ އިއުލާނުގައި ބުނެފައިވެއެވެ.
އީޕީއޭއިން ވަނީ މަސައްކަތް ހުއްޓާލުމަށް އަންގާފައިވާ މުއްދަތުގައި އެންމެހައި ފަރާތްތަކުން ދެއްވި އެހީތެރިކަމަށް ޝުކުރު އަދާކޮށްފައެވެ.
އަދި ކުރިމަގުގައި ވެސް މިފަދަ އެހީތެރިކަމަކާއި އެއްބާރުލުން، ތިމާވެށި ރައްކާތެރިކޮށް ހިމާޔަތްކުރުމަށް ލިބޭނެކަމަށް އުއްމީދުކުރާ ކަމަށް އެ އެޖެންސީން ބުންޏެވެ.
މިކަމާ ގުޅިގެން ދައުލަތުގެ މީޑިއާއަށް ދެއްވި ބަސްދީގަތުމެއްގައި އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގު އިބްރާހީމް ވިދާޅުވީ، ރާއްޖޭގެ އެކި ސަރަހައްދުތަކަށް މިހާރު ކަނޑުގެ ލޮނުގަނޑުގައި ހުރި ހޫނުމިން ދަށްވަމުންދާ ކަމަށާއި ގާތަށް ހުދުވުން ވެސް މަޑުޖެހެމުން އަންނަ ކަމަށެވެ.
ތޯރިގު ވިދާޅުވީ ހުއްޓާލާފައިވާ މަޝްރޫއުތަކުގެ މަސައްކަތްތަކުގެ ތެރޭގައި 200 އަށްވުރެ ގިނަ މަޝްރޫއުތަކުގެ މަސައްކަތް ހިމެނޭ ކަމަށެވެ. ނަމަވެސް ހުއްޓާލި މަޝްރޫއުތައް ފެށުމުގެ ހުއްދަ އީޕީއޭއިން މިހާރު ދީފައިވާއިރު އޭގެ ތެރެއިން ބައެއް މަޝްރޫއުތައް މިހާރު ފަށާފައިވާކަމަށް ތޯރިގު ވިދާޅުވިއެވެ.
ބިންހިއްކުމުގެ މަޝްރޫއުތައް ވަގުތީގޮތުން ހުއްޓުމަށް ދިން މުއްދަތުގައި އީޕީއޭއިން އެންގި އެންގުމާ ޚިލާފަށް ބައެއް ބިން ހިއްކުމުގެ މަޝްރޫއުތައް ކުރިއަށް ގެންދިޔަކަން މީގެ ކުރިން ވަނީ ފާހަގަކުރެވިފައެވެ.
އޭރު 'ސަން' އިން ކުރި ސުވާލަށް ޖަވާބުދެއްވައި އީޕީއޭގެ ޑިރެކްޓާ ޖެނެރަލް އިބްރާހީމް ނައީމް ވިދާޅުވީ، އީޕީއޭގެ އެންގުމާ ޚިލާފަށް ބައެއް މަޝްރޫއުތައް ކުރިއަށް ގެންދިޔަ ނަމަވެސް އެއީ ކޮން މަޝްރޫއުތަކެއްކަން ހާމަކުރުމުގެ ބަދަލުގައި އެ ފަރާތްތަކަށް ނަސޭހަތްދީގެން އެކަން ހުއްޓުވުމުގެ މަސައްކަތް ކުރާ ކަމަށެވެ.
ބިންހިއްކުމުގެ އިތުރުން ފަޅުކޮނުން، ގޮނޑުދޮށަށް ވެލިއެޅުން، ޕަމްޕު ބޭނުންކޮށްގެން ވެލި ނެގުން، ފަރުމަތީ ހޮޅި އަދި ކޭބަލް އެޅުން، ބަންޑުވޯލް ޖެހުން އަދި މި ނޫން ވެސް މެޝިނަރީ ބޭނުންކޮށްގެން ފަރުމަތީގައި މަސައްކަތްކުރުން، އެ އިއުލާނުގެ ދަށުން އީޕީއޭއިން މަނާކުރިއެވެ. އެ މަސައްކަތްތަކަށް އީއައިއޭ ހެދުން ވެސް ހުއްޓާލަން އަންގާފައިވެއެވެ.
ރާއްޖޭގެ ފަރުތަކުން ފުޅާ ދާއިރާއެއްގައި ގާ ހުދުވުމުގެ ހާދިސާއެއް އެންމެ ފުރަތަމަ ފަހަރަށް ފާހަގަކުރެވުނީ 1998 ވަނަ އަހަރުގައެވެ.