ތޮއްޑޫ ހަމަނުޖެހުން: އިއްޔެ ހައްޔަރުކުރި އެންމެން ދޫކޮށްލައިފި

އއ. ތޮއްޑޫގައި ޖޫން 5، 2024ގައި ކުރި މުޒާހަރާގެ ތެރެއިން -- ފޮޓޯ: އެމްވީ ކްރައިސިސް

އއ. ތޮއްޑޫ ކައުންސިލް އިދާރާ ކުރިމަތީ މުޒާހަރާކޮށް ހަމަނުޖެހުން ހިންގި މައްސަލައިގައި އިއްޔެ އެ ރަށުން ހައްޔަރުކުރި އެންމެން މިއަދު ދޫކޮށްލައިފިއެވެ.

ތޮއްޑޫ ކައުންސިލް އިދާރާ ކައިރީ ހަމަނުޖެހުން ހިންގި މައްސަލައިގައި ފުލުހުން އިއްޔެ ވަނީ އަށް މީހުން ހައްޔަރުކޮށްފައެވެ.

ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، އެ އަށް މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން މިއަދު ކޯޓަށް ހާޒިރުކުރުމުން އެ އެންމެން ވެސް ޝަރުތުތަކަކާ އެކު ދޫކޮށްލަން ނިންމާފައިވާ ކަމަށެވެ.

ތޮއްޑޫ ކައުންސިލު އިދާރާ ކައިރިއަށް އެއްވި މީހުން މުޒާހަރާކޮށްފައިވަނީ ދަނޑުވެރިކަމަށް ބިން ދޫކުރުމުގައި ކައުންސިލުން އަމަލުކުރި ގޮތާމެދު ހިތްހަމަނުޖެހިގެންނެވެ.

https://sun.mv/193043

ހަމަނުޖެހުން ހިންގި މީހުން ކައުންސިލް އިދާރާގެ ފުރާޅު މައްޗަށް ގާ އުކައި، މަސްލަހަތު ގެއްލުވާލަން މަސައްކަތްކުރި ކަމަށް ފުލުހުން ވަނީ ތުހުމަތުކޮށްފައެވެ. އަދި، އެ މީހުން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރީ އެގޮތަށް އެކަން ނުކުރަން ތަކުރާރުކޮށް ނަސޭހަތްތެރިވުމަށް ފަހުގައި ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

މީސްމީޑިއާގައި އެ ހަމަނުޖެހުންތަކުގެ ވީޑިއޯ ދައުރުވެފައިވާއިރު، މުޒާހަރާ ކުރި މީހުން ވަނީ ތޮއްޑޫ ކައުންސިލްގެ އިރާރާގެ ދޮރަށް ވެސް ގެއްލުން ދީފައެވެ. އެ ދުވަހު އެ ސަރަހައްދުގައި ހަރަކާތްތެރިވި ފުލުހަކަށް ވެސް އެ ހަމަނުޖެހުމުގައި އަނިޔާވިއެވެ.

މި މަހުގެ ފަސްވަނަ ދުވަހު ތޮއްޑޫގައި ހިނގި މި ހަމަނުޖެހުމުގެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ.

comment ކޮމެންޓް