އއ. ތޮއްޑޫގައި ދަނޑުބިން ދޫކުރަން ނިންމި ގޮތާ ގުޅޭ ގޮތުން ރައްޔިތުންތަކެއް ހިތްހަމަނުޖެހިގެން ކުރި މުޒާހަރާގައި ކައުންސިލް ފުރާޅަށް ގާ އުކައި ހަމަނުޖެހުން ހިންގި މައްސަލައިގައި އަށް މީހަކު މިއަދު ހައްޔަރުކޮށްފިއެވެ.
އެ ކަމުގެ މައުލޫމާތު ހިއްސާކުރަމުން ފުލުހުން ބުނީ އެ މީހުން ހައްޔަރުކޮށް، މައްސަލަ ތަހުގީގުކުރުން ކުރިއަށްދާ ކަމަށެވެ.
މި މަހު ފަސްވަނަ ދުވަހު އެ މުޒާހަރާ ކުރުމުގެ ތެރޭގައި ކައުންސިލް އިދާރާގެ ދޮރުގެ ބިއްލޫރިގަނޑު ތަޅައިގެން ގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ތޮއްޑޫ ކައުންސިލު އިދާރާ ކައިރިއަށް އެއްވި މީހުން މުޒާހަރާކޮށްފައިވަނީ ދަނޑުވެރިކަމަށް ބިންދޫކުރުމުގައި ކައުންސިލުން އަމަލުކުރި ގޮތާމެދު ހިތްހަމަނުޖެހިގެންނެވެ.
މުޒާހަރާ ކުރަމުންދާ މީހުންގެ ތެރެއިން ބަޔަކު ކައުންސިލް އިދާރާގެ ފުރާޅު މައްޗަށް ގައު އުކަމުންދާތީ އާއި މަސްލަހަތު ގެއްލުވާލުމަށް މަސައްކަތް ކުރަމުންދާތީ އެގޮތަށް އެ ކަންކަން ނުކުރުމަށް ތަކުރާރުކޮށް ނަސޭހަތްތެރިވިކަމަށް ފުލުހުން ބުންޏެވެ.