މާފުށީގައި ޑޮލަރު އޭޓީއެމްގެ ޚިދުމަތް ފަށައިފި

ބީއެމްއެލްގެ ޑޮލަރު އޭޓީއެމް މާފުށީގައި: ބީއެމްއެލްގެ ޚިދުމަތް މާފުށީގައި ވަނީ ފުޅާކޮށްފައި -- ފޮޓޯ/ ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ކ. މާފުށީގައި ޔޫއެސް ޑޮލަރު އޭޓީއެމްގެ ޚިދުމަތް މިއަދު ފަށައިފިއެވެ.

މާފުށި ބްރާންޗުގައި އަލަށް ބެހެއްޓި މި އޭޓީއެމް މެދުވެރިކޮށް ފަރުދުންނާއި ވިޔަފާރިތަކަށް ފަސޭހަކަމާއެކު ޔޫއެސް ޑޮލަރު ނެގުމާއި ޖަމާކުރުމުގެ ޚިދުމަތް ލިބޭނެ ކަމަށް ބީއެމްއެލްއިން ބުންޏެވެ. މިއީ މާލެ ސިޓީއިން ބޭރުގައި ބެހެއްޓި ފުރަތަމަ ޔޫއެސް ޑޮލަރު އޭޓީއެމްއެވެ.

އެ އޭޓީއެމްއަކީ މާލެ، ހުޅުމާލެ އަދި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ބަހައްޓައިފައި ހުރި އޭޓީއެމް ނެޓްވޯކްއަށް އިތުރުވާ އެޓީއެމްއެއް ކަމަށް ބީއެމްއެލްއިން ބުންޏެވެ.

މިކަމާ ގުޅޭ ގޮތުން ބީއެމްއެލްގެ ޑައިރެކްޓަރު އޮފް ރީޓެއިލް، ބިޒްނަސް އެންޑް އެސްއެމްއީ ބޭންކިން މޫސާ ނިމާލް ވިދާޅުވީ މާފުށީގައި ޔޫއެސް ޑޮލަރު ނެގުމާއި ޖަމާކުރުމުގެ ޚިދުމަތަށް އޮތް ޑިމާންޑު އިތުރުވަމުން އަންނަ ކަމަށެވެ.

"އެހެންކަމުން މިކަމަށް އެހީތެރިވުމުގެ ގޮތުން މި ރަށުގައި ޔޫއެސް ޑޮލަރު އޭޓީއެމްގެ ޚިދުމަތް ފެށޭކަމީ އަޅުގަނޑުމެންނަށް ލިބޭ އުފަލެއް. އިގުތިސާދީ ގޮތުން މާފުށި ކުރިއަރަމުންދާއިރު، ރާއްޖޭގެ އެންމެ ބޮޑު ބޭންކުގެ ހައިސިއްޔަތުން އަޅުގަނޑުމެން މިތިބީ ފަރުދުންނާއި ވިޔަފާރިތަކަށް ބޭންކިން ޚިދުމަތް 24 ގަޑިއިރު ފޯރުކޮށްދިނުމަށް އެހީތެރިވާން،" އޭނާ ވިދާޅުވިއެވެ.

https://sun.mv/192731

ބީއެމްއެލްއިން ދާދި ފަހުންވަނީ މާފުށި ބްރާންޗުން ފޯރުކޮށްދޭ ޚިދުމަތްތައް އިތުރަށް ފުޅާކޮށްފައެވެ. މާފުށި ބްރާންޗުން ޑޮލަރު ޖަމާކުރުމާއި ނެގުން، ލޯނު އަދި ފައިނޭންސިންއަށް އެދި ހުށަހެޅުން، ޗެކް ޑިޕޮސިޓް ކުރުމުގެ ޚިދުމަތް، ސްޓޭޓްމަންޓް ދޫކުރުމާއި ބޭރު ފައިސާ މާރުކުރުން ފަދަ ގިނަ ޚިދުމަތްތަކެއް މިހާރު ލިބޭނެއެވެ.

މާލެ އަތޮޅު މާފުއްޓަކީ ރާއްޖޭގައި ލޯކަލް ޓޫރިޒަމް އެންމެ ބޮޑަށް ފުޅާވެފައި އޮތް ރަށެވެ. އެގޮތުން، މާފުއްޓަށް ކޮންމެ ދުވަހަކު ވެސް އެތައް ޓޫރިސްޓުންނެއް ޒިޔާރާތްކުރެއެވެ.

ބީއެމްއެލްގެ މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގައިގެ ތެރޭގައި، 20 އަތޮޅުގައި ހުންނަ 38 ބްރާންޗްއާއި 86 ސެލްފްސަވިސް ބޭންކިން ސެންޓަރާއި 144 އޭޓީއެމް، ކޭޝް އޭޖެންޓުގެ ޚިދުމަތް ހިމެނެއެވެ.

ބީއެމްއެލްއިން ބުނީ، އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށެވެ.

comment ކޮމެންޓް