ކަރަންޓުގައި ޖެހި ޒުވާނަކު ނިޔާވި ހާދިސާގައި އިހުމާލުވި ފަރާތްތަކަށް ފިޔަވަޅު އަޅާނަން: ފުލުހުން

އުނގޫފާރުގައި ކުޑަކުދިންތަކެއް ކަރަންޓުގައި ޖެހުނު ސަރަހައްދު: އެ ހާދިސާ ހިނގީ އީއެލްސީބީ ހަރުނުކުރާތީ ކަމަށް ފެނަކައިން ވަނީ ބުނެފައި -- ފޮޓޯ/ އުނގޫފާރު.ކޮމް

ރ. އުނގޫފާރުގައި ކުދިންތަކެއް ކަރަންޓުގައި ޖެހި އެކަކު ނިޔާވި މައްސަލައިގައި އިހުމާލުވި ފަރާތްތައް ހޯދައި ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

ވިއްސާރަވެ ހެދިފައި އޮތް ކޯރުގަނޑެއްގައި ކުޅެން އުޅުނު ކުޑަކުދިންތަކެއް ކަރަންޓުގައި ޖެހި، އެ ކުދިން ސަލާމަތްކުރަން ދިޔަ ޒުވާނެއްގެ ހާލު ސީރިއަސްވެގެން އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދޭން ފެށީ މިދިޔަ މަހު 23 ގައެވެ.

އެ ހާދިސާގައި ހާލު ދެރަވި އުނގޫފާރު، ދޫނިހުރާ، ހުސައިން އަތީކު (18 އ) ވަނީ އިއްޔެ ނިޔާވެފައެވެ.

ފުލުހުންގެ ތަރުޖަމާނު އަޙްމަދު ޝިފާން މިއަދު 'ސަން'އަށް ވިދާޅުވީ، މި މައްސަލަ ބަލައި ނުނިމޭ ކަމަށާއި މައްސަލަ ބަލައި އިހުމާލުވެފައިވާ ފަރާތްތަކަށް ފިޔަވަޅު އަޅާނެ ކަމަށެވެ.

https://sun.mv/192971

އުނގޫފާރުގައި ކުދިންތަކެއް ކަރަންޓުގައި ޖެހުމުން އެ ރަށަށް އަދި ގިނަ ރަށްރަށުގައި ކަރަންޓުގެ ޚިދުމަތްދޭ ފެނަކަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުއާޒް މުހައްމަދު ރަޝީދު ވަނީ އެ ހާދިސާ ހިނގަން މެދުވެރިވީ ހޮޅި ދަނޑީގައި ހަރުކުރަން ޖެހޭ އީއެލްސީބީ (އާތު ލީކޭޖް ސާކިޓް ބްރޭކާ)އެއް ހަރުނުކުރެވި ހުރުމުގެ ސަބަބުން ކަމަށް ވިދާޅުވެފައެވެ. އަދި، އޭރު ކަރަންޓު ހޮޅި ދަނޑިއަށް ކަރަންޓު އަންނަ ގޮތަށް ހޮޅި ދަނޑީގައި ޖެހިފައި ކޭބަލެއް އޮތްކަން ވެސް އޭނާ ވަނީ ފާހަގަކޮށްފައެވެ.

އޭނާ ވިދާޅުވީ، ހޮޅި ދަނޑިތައް ދިއްލުމާއި ބަނދަރުތައް ދިއްލުމުގެ ޚިދުމަތަކީ ކައުންސިލުތަކުންދޭ ޚިދުމަތެއް ކަމަށެވެ. ނަމަވެސް، އޭގެ ކަރަންޓުގެ ކަންކަން ގަވާއިދާ އެއްގޮތަށް ހުރިތޯ ޔަގީންކޮށް ގަވާއިދަށް އެ ތަންތަން ފެއްތުމަކީ ފެނަކައިގެ ޒިންމާއެއް ކަމަށެވެ.

https://sun.mv/192495

އެހެންވެ، ފެނަކައިން ވަނީ އެފަދަ ހާދިސާއެއް ތަކުރާރުނުވާނެކަން ޔަގީންކުރަން އިންސްޕެކްޝަނެއް ހަދަން ވެސް ފަށައިފައެވެ.

އުނގޫފާރުގައި ހިނގި ހާދިސާގައި ކަރަންޓުގައި ޖެހިގެން އެ ރަށު ރީޖަނަލް ހޮސްޕިޓަލުން ފަރުވާދިން ކުޑަ ދެ ކުދިން ވަނީ ދޫކޮށްލައިފައެވެ. އެއީ، 12 އަހަރުގެ އަންހެން ކުއްޖަކާއި 14 އަހަރުގެ ފިރިހެން ކުއްޖެކެވެ.

comment ކޮމެންޓް