ފަލަސްތީނުގެ ހައްގުގައި އަދިވެސް ދެމިތިބޭނަން: ހަނިއްޔާ

ހަމާސްގެ ސިޔާސީ ގޮފީގެ ވެރިޔާ އިސްމާއީލް ހަނިއްޔާ. ފޮޓޯ/މިޑްލް އީސްޓް މޮނިޓާ

އިސްރާއީލާ ދެކޮޅަށް ފަލަސްތީނުގެ ހައްގުތައް ދިފާއު ކުރަމުން ގެންދާނެ ކަމަށް, ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތްކުރާ ހަމާސް ޖަމާއަތުގެ ސިޔާސީ ގޮފީގެ ވެރިޔާ އިސްމާއީލު ހަނިއްޔާ ވިދާޅުވެއްޖެއެވެ.

ހަނިއްޔާ އެގޮތަށް ވިދާޅުވީ ޣައްޒާގެ މެދުތެރޭގައި އޮންނަ ނުސެއިރަތު ރެފިއުޖީ ކޭމްޕަށް އިސްރާއީލުން ދިން ވަރުގަދަ ހަމަލާއާ ގުޅިގެންނެވެ. ނުސައިރަތު ކޭމްޕުގައި ހިންގި ގަތުލުއާންމުގައި 210 މީހަކު ޝަހީދުކޮށް 400އަށް ވުރެ ގިނަ މީހުން ޒަހަމްކޮށްފައިވެއެވެ.

ހަނިއްޔާ ވިދާޅުވި ގޮތުގައި ދުނިޔެއިން އިސްރާއީލަކީ "ކުޑަކުދިން ގާތުލުކުރާ ބައެއް" ކަމަށް ކަނޑައަޅައިފައި އޮތް ނަމަވެސް، ފަލަސްތީނުގެ ރައްޔިތުންނަށް ދެމުންދާ އުދުވާނީ ހަމަލާތައް ހުއްޓުމަށް އިސްރާއީލުން ވަނީ ދެކޮޅު ހަދައިފައެވެ.

ފަލަސްތީނުގެ މީހުންގެ މައްޗަށް އިސްރާއީލުގެ ހުކުމް ހިންގޭނެ ކަމަށް ގަބޫލުކުރާނަމަ އެއީ ކުށްހީއެއް ކަމަށްވެސް ހަނިއްޔާ ވިދާޅުވިއެވެ. އަދި ފަލަސްތީނު މީހުންގެ ރައްކާތެރިކަން ކަށަވަރުކޮށްނުދޭ އެއްވެސް ހުށަހެޅުމަކަށް އެއްބަސް ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ހަނިއްޔާ ވިދާޅުވީ ޣައްޒާގައި އިސްރާއީލަށް އަސްކަރީ ނާކާމިޔާބީއެއް ކުރިމަތިވެފައިވާ ކަމަށާއި ސިޔާސީ އަދި އަޚުލާގީ ގޮތުން އިސްރާއީލު މިހާރު އޮތީ އެންމެ ދަށު ދަރަޖައިގައި ކަމަށެވެ. އަދި ބައިނަލްއަގްވާމީ މުޖުތަމައުން އިސްރާއީލަށް އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ހަނިއްޔާ އެގޮތަށް ވާހަކަ ދައްކަވައިފައި ވަނީ މެދުތެރޭ ޣައްޒާގައި ބަންދުކޮށްފައި ތިބި ހަތަރު ރަހީނުން މިނިވަން ކުރެވުނު ކަމަށް އިސްރާއީލު ސިފައިން އިއުލާން ކުރި ފަހުންނެވެ.

އިއްޔެވެސް އިސްރާއީލު ސިފައިން ވަނީ މެދުތެރޭގެ ޣައްޒާގެ ބައެއް ސަރަހައްދުތަކަށް ހަމަލާދީ ފަލަސްތީނުގެ 50 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލައިފައެވެ. އޭގެތެރޭގައި ގިނައީ ކުޑަކުދިންނެވެ.

ހަނގުރާމަ ވަގުތުން ހުއްޓައިލުމަށް ގޮވައިލައި އދ.ގެ ސަލާމަތީ މަޖިލީހުން ގަރާރެއް ނެރުނު ނަމަވެސް އިސްރާއީލުން އަދިވެސް އަންނަނީ ހަމަލާތައް ދެމުންނެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ދެމުންގެންދާ ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުގެ 36،800 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލައިފައެވެ. ހަމަލާތަކުގައި ޒަޚަމްވި މީހުންގެ އަދަދު ވަނީ 83،700އަށް އުފުލިފައެވެ.

comment ކޮމެންޓް