ފަހަކަށް އައިސް ވަރަށް ވަރުގަދަ އެކްޝަން ތުރިލާ ފިލްމުތަކުން ފެންނަމުން އަންނަ އެކްޓަރު ސިދާތު މަލްހޯތްރާ މުޅިން ތަފާތު ޖޯންރާގެ ފިލްމަކަށް ސޮއިކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
ވަކި ނަމެއް ހަމަޖެހިފައިނުވާ މި ފިލްމަކީ މަޝްހޫރު ޑައިރެކްޓަރު މުރާދު ހެތާނީގެ ފިލްމު ކުންފުނިން އުފައްދާ ފިލްމެކެވެ. މުރާދު ހެތާނީ މިހާތަނަށް ޕްރޮޑިއުސަރެއްގެ ގޮތުގައި މަސައްކަތް ކޮށްފައިވާ ފިލްމުތަކުގެ ތެރޭ މިދިޔަ އަހަރު ރިލީޒްކުރި ފިލްމު "އަޕޫރުވާ"، "ގުމްރާހް"، "ކަބީރު ސިންގް" އަދި "ބޫލް ބުލައްޔާ" ފަދަ ފިލްމުތައް ހިމެނެއެވެ.

ސިދާތު ވެބް ސީރީޒް 'ދަ އިންޑިއަން ޕޮލިސް'ގެ މަންޒަރެއްގައި -- ފޮޓޯ/ޖީކިއުއިންޑިއާ
ފިލްމު "މަރުޖާވާ"، "ޝޭރްޝާހް"، "މިޝަން މަޖުނޫ" އަދި "ޔޯދާ"ފަދަ ފިލްމުތަކުން ސިދާތަށް ބޮޑު މަގުބޫލުކަމެއް ލިބިފައިވާއިރު މުރާދު ހެތާނީގެ ފިލްމަކީ، އާއިލީ ގުޅުންތައް ދައްކުވައިދޭނެ ފެމެލީ ޑްރާމާއެއް ކަމަށް ރިޕޯޓުތައް ބުނެއެވެ. ޕްރީ-ޕްރޮޑަކްޝަންގެ މަރުހަލާގައި އޮތް މި ފިލްމާ ބެހޭ މައުލޫމާތު އަދި ސިއްރުކުރެވިފައިވާއިރު ފިލްމުގެ މަސައްކަތް ފަށަން ތައްޔާރުވަމުން އަންނަނީ މި އަހަރުގެ ސެޕްޓެމްބަރު މަހުއެވެ.
މި ފިލްމުގެ ބޮޑު ބައެއް ޝޫޓް ކުރުމަށް ނިންމާފައިވަނީ އިންޑިއާގެ އުއްތަރަހާންދުގައި ކަމަށް މީޑިއާތަކުން ވަނީ ބުނެފައެވެ. މުރާދު ހެތާނީ މިހާރު މަސައްކަތް ކުރަމުން އަންނަ ކޮމެޑީ ފިލްމުގެ މަސައްކަތަށް ފަހު ސިދާތުގެ ފިލްމުގެ މަސައްކަތް ފަށާނެ ކަމަށް މުރާދުގެ ފިލްމު ކުންފުންޏާ ހަވާލާދީ މީޑިއާތަކުން ބުނެފައިވެއެވެ.
ސިދާތުގެ ކެރިއަރުގެ ފުރަތަމަ ވެބް ސީރީޒް "އިންޑީއަން ޕޮލިސް ފޯސް" މި އަހަރު ޕްރިމިއަކޮށްފައިވާއިރު ބެލުންތެރިންނަށް ސިދާތުގެ އެކްޝަން ތުރިލާ ފިލްމުތައް ވަރަށް ބޮޑަށް ވަނީ ކަމުގޮސްފައެވެ. އެހެންކަމުން އާއިލީ ޑްރާމާއަކުން ސިދާތު ފެނުމުން ބެލުންތެރިން އެކަން ބަލައިގަންނާނެތޯ ނުވަތަ ނޫންތޯ މިއީ އުފެދޭ ސުވާލެކެވެ.