އެމްޑަބްލިއުއެސްސީގެ ފެނުން ދިރުން ކުރެހުމުގެ މުބާރާތް އިފްތިތާހުކޮށްފި

އެމްޑަބްލިއެސްސީގެ ފެނުން ދިރުން ކުރެހުމުގެ މުބާރާތް އިފްތިތާހްކޮށްފި-- ފޮޓޯ: ނާއިޝް ނާހިދު

ދުނިޔޭގެ ތިމާވެށި ދުވަހާއި ކަނޑުތަކުގެ ދުވަހާއި ގުޅުވައިގެން މޯލްޑިވްސް ވޯޓާ އެންޑް ސީވޭޖް (އެމްޑަބްލިއުއެސްސީ)އިން މިނިވަން ދުވަހު އިންތިޒާމުކުރާ "ފެނުން ދިރުން" ކުރެހުމުގެ މުބާރާތް އިފްތިތާހްކޮށްފިއެވެ.

މިގޮތުން މިރޭ ސަލްޓަން ޕާކުގައި ބޭއްވި ހަފްލާގައި ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދު އާއި އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު އަބްދުލް މަތީން ވެސް ބައިވެެރިވެވަޑައިގަތެވެ.

އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު މަތީން ވިދާޅުވީ އެ ކުންފުނިން އިންތިޒާމުކުރާ ކުރެހުމުގެ މުބާރަތަކީ ވަރަށް އުފާވެރި އަދި ވަރަށް ހާއްސަ މުނާސަބަތަކާއި ގުޅިގެން ބާއްވާ މުބާރާތެެއް ކަމަށެވެ.

އެމްޑަބްލިއެސްސީގެ ފެނުން ދިރުން ކުރެހުމުގެ މުބާރާތް އިފްތިތާހްކޮށްފި--ފޮޓޯ: ނާއިޝް ނާހިދް

"އަޅުގަނޑުމެންގެ ތިމާވެށީގެ ދުވަހާއި ކަނޑުތަކުގެ ދުވަހާއި ގުޅުވައިގެން މި މުބާރާތް ފެށިގެންދާއިރު މި މުބާރާތުގައި ބައިވެރިވާ ހުރިހާ ކުރެހުންތެރީންގެ ކުރެހުންތައް މައުރަޒެއްގެ ސިފައިގައި ގެނެސްދިނުމަށް އަމާޒުކުރަނީ،" މަތީން ވިދާޅުވިއެވެ.

މިރޭގެ ހަފުލާގައި ވާހަކަދައްކަވަމުން މިނިސްޓަރު އިބްރާހިމް ވަހީދު ވިދާޅުވީ ފެނުން ދިރުމަކަށް މިއަށްވުރެ ހާއްސަ ނަމެއް ރާއްޖެއަކަށް ނެތް ކަމަށާއި ދިވެހިރާއްޖެއަށް ފެނާއި އޮތް ގުޅުން އެއަށްވުރެ މާބޮޑު ކަމަށެވެ.

ވަހީދު ވިދާޅުވީ ރާއްޖޭގައި އޮތީ ވަށައިގެން ކަނޑުކަމަށާއި ފެނާ އެކީ ދިރިއުޅެން ދަސްކުރަންޖެހޭ ކަމަށެވެ.

އެމްޑަބްލިއެސްސީގެ ފެނުން ދިރުން ކުރެހުމުގެ މުބާރާތް އިފްތިތާހްކޮށްފި--ފޮޓޯ: ނާއިޝް ނާހިދު

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ރާއްޖޭގެ އާޓިސްޓުންނަކީ އެބޭފުޅުންގެ ހުނަރު ދައްކައިގެން އަޅުގަނޑުމެން އާޝޯހުކޮށްލާނޭ ފަންނުވެރިންނަށް ވާނެ ކަމަށް،" ވަހީދު ވިދާޅުވިއެވެ.

ވަހީދު އިރުރަށް ވިދާޅުވީ އެމްޑަބްލިއުއެސްސީ އިން މިއަދު ދިން އިނީޝިއޭޓިވް އަކީ ވަރަށް ފުރިހަމަ އެހާމެ ކާމިޔާބު މަސައްކަތަކަށް ވާނެ ކަމާމެދު ޝައްކު ނުކުރައްވާ ކަމަށެވެ.

"ފަންނު ކުރިއެރުވުމަކީ މުޅި ދައުލަތުގެ މައްޗަށް އޮތް ވާޖިބެއް. އަޅުގަނޑުމެނާއެކީ އެމްޑަބްލިއުއެސްސީ އިން ފެށި މަސައްކަތް އަޅުގަނޑުމެން ގަބޫލުކުރަނީ އެހެން މިނިވަން މުއައްސަސާތަކުން ވެސް މިކަމުގައި އެހީތެރިކަން ފޯރުކޮށްދީ، މިކަމުގައި އާޓިސްޓުންނާ އެކު ވާނެ ކަމަށެވެ،"

މި މުބާރާތުގެ ކުރެހުމުގެ މުބާރާތުގެ މަގުސަދަކީ ދިވެހި ފަންނުވެރިންގެ ކުލަ ފިހިތަކުން ފެނާ ދިރުން ދިރިއުޅުމާ އެއްގޮތް ގުޅުން ދައްކުވައިދޭ އަދި ފެނުން ދިރުން ގެނެސްދޭ ގޮތާއި ތަނާ ވެއްޓާ ހަލްގު ކުރެއްވި ކޮންމެ އެއްޗެއް ދިރިހުރުމަށް ވެސް ބޭނުންތެރި އެއްޗެއްކަން ދައްކުވައިދިނުން ކަމުގައެވެ.

އެ ކުންފުނިން ވަނީ ކޮންމެ އާޓިސްޓަކަށް ފެނުން ދިރުން ސިފަވާ ގޮތް މާނަވީ ގޮތަކަށް ގެނެސްދީ އެހެންމީހުންނާ ހިއްސާކޮށްދިނުމަށް ހުޅުވާލާފައެވެ.

މި މުބާރާތުގެ ތިންވަނަ އަށް ދާ ފަރާތަކަށް 15،000 ދިނުމަަށް ހަމަޖެހިފައިވާއިރު ދެވަނަ އަށް ދާ ފަރާތަކަށް 35،000 އަދި ފަހުރުވެރި އެއްވަނަ އަށް 50،000 ރުފިޔާގެ ފައިސާގެ އިނާމު ދިނުމަށް ހަމަޖެހިފައެވެ.

މީގެ އިތުރުން "ޕީޕަލްސް ޗޮއިސް"ގެ އެވާޑެއް ހޮވުމަށް ވެސް އެމްޑަބްލިއުއެސްސީ އިން ވަނީ ނިންމާފައެވެ. މިއީ މައުރަޒަށް ޒިޔާރަތްކޮށް ކުރެހުންތައް ބަލަންދާ ފަރާތްތަކުގެ މެދުގައި ވޯޓެއް ނެގުމަށްފަހު ގިނަ ބޭފުޅުން ހިޔާރުކުރާ ފަސް މީހަކަށް ދެވޭ އެވޯޑެކެވެ.

އެމްޑަބްލިއުއެސްސީ އިން ބުނީ މި މުބާރާތުގެ އެންމެ ފާހަގަކޮށްލެވޭ ކަމަކަށް ވާނީ އެކްޒިބިޝަންގައި ބައިވެރި ކުރާ ކުރެހުންތައް އާންމުންނަށް ގަތުމަށް ހުޅުވާލުން ކަމުގައެވެ.

އަދި މީގެއިތުރުން ކޮންމެ ކުރެހުމެއް ވިއްކުމަށްފަހު ކޮންމެ އާޓިސްޓަކަށް ކުރެހުމުގެ އަގުގެ 15 އިންސައްތަ ލިބިގެންދާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

އެމްޑަބްލިއުއެސްސީ އިން ބުނީ ކުރެހުމުގެ އަގުގެ ބާކީ 85 އިންސައްތަ ބޭނުންކުރެވޭނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގަސް އިންދުމަށް ކަމަށެވެ.

comment ކޮމެންޓް