ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ އެންމެންގެ ޒިންމާއެއް: ސާޖިދާ

ދުނިޔޭގެ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ކްރޮސްރޯޑް މޯލްޑިވްސްގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ/ ހެލްތު މިނިސްޓްރީ

ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ ހަމައެކަނި އިދާރާއަކުން ނުވަތަ ވަކި މުއައްސަސާއަކުން އެކަނި ކުރެވޭނެ މަސައްކަތެއް ނޫން ކަމަށާއި އެއީ އެންމެންގެ ޒިންމާއެއް ކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު ރޭ ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ކްރޮސްރޯޑް މޯލްޑިވްސްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ފަސްޓްލޭޑީ ސާޖިދާ ވިދާޅުވީ، ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ މުޅި މުޖުތަމައުގެ ޒިންމާއެއް ކަމަށެވެ. އެއީ، ވަކި އިދާރާއަކަށް ނުވަތަ މުއައްސަސާއަކަށް އެކަނި ކުރެވޭނެ ކަމެއް ނޫން ކަމަށް ވެސް އެ ކަމަނާ ވިދާޅުވިއެވެ.

ފަސްޓް ލޭޑީ ވަނީ ފަރުދީ ގޮތުން ކޮންމެ ރައްޔިތަކު ވެސް އަދާކުރަންޖެހޭ ޒިންމާ އެންމެ ފުރިހަމަ ގޮތުގައި އަދާކުރަން އިލްތިމާސްކުރައްވައިފައެވެ.

ދުނިޔޭގެ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ކްރޮސްރޯޑް މޯލްޑިވްސްގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ/ މިނިސްޓްރީ

އިތުރަށް ސާޖިދާ ވިދާޅުވީ، ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެކަށީގެންވާ ފިޔަވަޅު އެޅިއްޖެނަމަ ކާބޯތަކެތީގެ ޒަރިއްޔާއިން ޖެހޭ ބަލިތައް ކުޑަކުރެވޭނެ ކަމަށެވެ. އަދި، ކާބޯތަކެތީގެ ރައްކާތެރިކަމާ މެދު އާންމުންނާއި ކަމާ ގުޅޭ މުއައްސަސާތައް އަހުލުވެރިކުރުމަކީ ކާބޯތަކެތީގެ ޒަރީއާއިންޖެހޭ ބަލިތައް ކޮންޓްރޯލްވެ، އެ ކަމުގެ ސަބަބުން ކުރިމަތިވާ ގެއްލުންތައް ކުޑަކުރެވޭނެ ކަމެއްކަން ވެސް ފަސްޓް ލޭޑީ ފާހަގަކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި ކާބޯތަކެތި ރައްކާތެރިކޮށް ކަށަވަރުކޮށްދިނުމުގެ ދާއިރާ ހަރުދަނާކޮށް ކުރިއެރުވުމަށް މަސައްކަތްކޮށްދެއްވާފައިވާ ބޭފުޅުންގެ އަގުވަޒަންކުރުމުގެ ގޮތުން ހަނދާނީ ފިލާ ވެސް އަރުވާފައިވެއެވެ.

ދުނިޔޭގެ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަސް ފާހަގަކުރުމަށް މިދިޔަ އަހަރު ބޭއްވި ކުރެހުން މުބާރާތަށް ހުށަހެޅި ކުރެހުންތައް ހިމެނައިގެން ތައްޔާރުކޮށްފައިވާ "ކޮފީ ޓޭބަލް އާޓް ބުކެއް" ވެސް ވަނީ އިފުތިތާހުކޮށްފައެވެ.

ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް ކޮންމެ އަހަރަކު ވެސް ފާހަގަކުރަނީ ޖޫން މަހުގެ ހަތްވަނަ ދުވަހުއެވެ. މި ދުވަސް ފާހަގަކުރަނީ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ މަސައްކަތް އިތުރަށް ހަރުދަނާކޮށް، އާއްމުން ހޭލުންތެރިކުރުވައި، ކާބޯތަކެތީގެ ޒަރީއާއިން ދިމާވާ އިޤުތިޞާދީ އަދި ޞިއްޙީ މައްސަލަތަކުން ސަލާމަތްވެ ދުޅަހެޔޮ އުފާވެރި މުޖުތަމައެއް ބިނާކުރުމަށެވެ.

ދުނިޔޭގެ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ކްރޮސްރޯޑް މޯލްޑިވްސްގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ/ މިނިސްޓްރީ

މި އަހަރުގެ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަހުގެ ޝިޢާރެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ "ކާބޯތަކެތީގެ ރައްކާތެރިކަން: ކުރިމަތިވެދާނެ ކަމަކަށް ތައްޔާރުވަމާ"އެވެ.

ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، ޖަރާސީމާއި ތަފާތު ކެމިކަލުން ތަޣައްޔަރުވެފައިވާ ކާބޯތަކެތީގެ ނުރައްކާ އަހަރަކު 600 މިލިއަނަށް ވުރެ ގިނަ މީހުން ތަހައްމަލުކުރެއެވެ. މީގެ ތެރެއިން ކޮންމެ އަހަރަކު 420،200 މީހުންގެ ފުރާނަ ގެއްލިގެންދާކަން ސިއްހަތު ޖަމިއްޔާއިން ވަނީ ފާހަގަކޮށްފައެވެ.

ކާބޯތަކެތީގެ ޒަރީއާއިން އެންމެ އާދައިގެ ބޭރަށް ހިންގުމުން ފެށިގެން ކެންސަރު ފަދަ ނުރައްކާތެރި ބަލިތައް ވެސް ބައެއް މީހުން ތަހައްމަލުކުރަން ޖެހެއެވެ.

comment ކޮމެންޓް