ޙައްޖުގެ އަޅުކަން އަދާކުރަން މިލިއަނަކަށްވުރެ ގިނަ ޙައްޖުވެރިން ސައުދީއަށް

މާތްވެގެންވާ ޙައްޖުގެ އަޅުކަން އަދާކުރަން ސައުދީ އަރަބިއްޔާއަށް ގޮސްފައިވާ ޙައްޖުވެރިންގެ އަދަދު ގާތްގަނޑަކަށް 1.2 މިލިއަނަށް އަރާފައިވާ ކަމަށް ސައުދީ އަރަބިއާގެ ޙައްޖާއި ޢުމްރާއާ ބެހޭ ވަޒީރު ތައުފީގް އަލްރަބިޔާ ވިދާޅުވެއްޖެއެވެ.

ރަސްމީ ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރު ޙައްޖުގެ އަޅުކަން އަދާކުރުމަށް 1.8 މިލިއަން މީހުން ސައުދީ އަރަބިއާއަށް ޒިޔާރަތްކޮށްފައިވެއެވެ.

ޙައްޖާ ބެހޭ ގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ތައުފީގް ވަނީ ފޭކް ޙައްޖު ކެމްޕޭންތަކުގެ ނުރައްކާތެރިކަމަށް ހޭލުންތެރިކުރުވުމަށް ބައިނަލްއަގުވާމީ ކެމްޕޭނެއް ސައުދީން ފަށާފައިވާކަން ފާހަގަކުރައްވައިފައެވެ.

އަދި، ޙައްޖުވެރިންގެ ތަޖުރިބާ އިތުރަށް ފުރިހަމަ ކުރުމަށްޓަކައި އެ ސަރަހައްދުތަކުގައި ހުރި ވަސީލަތްތައް އަޕްގްރޭޑްކޮށްފައިވާކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ. އޭގެ ތެރޭގައި ހޫނުމިން ދަށްކޮށްދޭ އޯވަހެޑް ސްޓޭޝަންތައް ބެހެއްޓުން ހިމެނެއެވެ.

ހިލަ އުކާއިރު ޙައްޖުވެރިންނަށް ފަސޭހައިން ވަދެވޭނެ ގޮތަށް އެސްކަލޭޓަރުގެ ވަސީލަތްތައް އިތުރުކުރުމުގެ މަސައްކަތް ވެސް ކޮށްފައިވާނެ ކަމަށް ތައުފީގް ފާހަގަކުރެއްވިއެވެ.

އަދި، ޙައްޖަށް އެދޭ ފޯމު އިލެކްޓްރޯނިކްކޮށް ހުށަހެޅުމުގެ ޕްރޮސެސް ތައާރަފުކޮށްފައިވާ ކަމަށާއި، އެ ޚިދުމަތް 126 ގައުމެއްގައި ލިބޭނެއެވެ. އެ ޚިދުމަތް ދިނުމަށް 120،000 އަށް ވުރެ ގިނަ މަސައްކަތްތެރިންނާއި ޙައްޖު ގްރޫޕްތަކުގެ ލީޑަރުން ތަމްރީނުކޮށްފައިވާ ކަމަށް ވެސް ތައުފީގް ވިދާޅުވިއެވެ.

އޭގެ އިތުރުން، މި އަހަރުގެ ޙައްޖު މޫސުމަކީ ވަރަށް ހޫނުގަދަވާނެ ދުވަސްވަރެއް ކަމުން އެ އަޅުކަން އަދާކުރާ ބިންތަކުގެ މާހައުލު ފިނިކުރުމަށް ސައުދީ އަރަބިއްޔާގެ ރޯޑްސް ޖެނެރަލް އޮތޯރިޓީން ކުރަމުން އަންނަ މަސައްކަތުގެ ދަށުން އަރަފާތު ބިމުގައި ހުދުކުލައިގެ ކޯޓިން އެޅުމުގެ މަސައްކަތް ވަނީ ކޮށްފައެވެ. އިރުގެ އަލި ބިމާހަމައަށް ވާސިލުވާވަރު މަދުކޮށްދޭ މެޓީރިއަލްއެއް ބޭނުންކޮށްގެން އުފައްދާފައިވާ މި ހުދު ކޯޓިންގެ ސަބަބުން ބިމުގެ ސަރަހައްދުގެ ފިނިހޫނުމިން ގާތްގަނޑަކަށް 20 ޑިގްރީ ސެލްސިއަސް ދަށްކޮށްދެއެވެ.

ޙައްޖު ދުވަސްވަރު ފިނިހޫނުމިން 44 ޑިގްރީ ސެލްސިއަސްއަށް އަރާނެ ކަމަށް ބެލެވެއެވެ. އެއީ، ސައުދީގެ އެވްރެޖް ފިނިހޫނު މިނަށްވުރެ އެކެއް ބައި ނުވަތަ ދޭއް ޑިގުރީއަށް ވުރެ މަތީ މިންވަރެއްކަން ސައުދީގެ މޫސުމާ ބެހޭ ގައުމީ އިދާރާއިން ފާހަގަކުރެއެވެ. އަދި، ދުވާލުގެ ވަގުތު ބިންގަނޑުގެ ހޫނު 70 ޑިގްރީއަށް އަރާނެކަމަށް ވަނީ ލަފާކޮށްފައެވެ.

މި އަހަރުގެ ޙައްޖު މަހުގެ ހަނދު ސައުދީ އަރަބިއްޔާއަށް ރޭ ފެނުމުން މިއަދަކީ ޙައްޖު މަހުގެ ފުރަތަމަ ދުވަސް ކަމަށް އެ ގައުމުގެ ސަރުކާރުން މިހާރު ވަނީ ކަނޑައަޅައިފައެވެ. އެހެންކަމުން އަރަފާތު ދުވަހަކީ މި މަހުގެ 15 ވަނަ ދުވަސް ކަމަށާއި ބޮޑު ޢީދު ދުވަހަކީ މި މަހު 16 ކަމަށް ވެސް އެ އެ ގައުމުގެ ސަރުކާރުންކުރި އިއުލާނުގައި ބުންޏެވެ.

comment ކޮމެންޓް