ދަސްވެނިވުމަށްފަހު އެންމެ އިސް ވާޖިބެއްކަމަށް ދެކެންވާނީ ގައުމީ މަސްލަހަތު ހިމާޔާތްކުރުން: ނައިބު ރައީސް

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް، ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަނީ-- ފޮޓޯ: ރައީސް އޮފީސް

ދަސްވެނިވުމަށްފަހު ކޮންމެ މައިދާނެއްގައި މަސައްކަތް ކުރިއަސް އެންމެ އިސް ވާޖިބެއް ކަމުގައި ދެކެންވާނީ ގައުމީ މަސްލަހަތު އިސްކުރުމަށްކަމަށް ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް މިރޭ ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ އިސްލާމީ ޔުނިވާސިޓީގެ ދަސްވެނިވުން 2024ގައި ވާހަކަދައްކަވަމުން ނައިބު ރައީސް ވިދާޅުވީ ދަސްވެނިވި ދަރިވަރުންނަކީ ގައުމަށް ލިބުނު އަގުހުރި ތަރިކައެއް ކަމަށެެވެ.

މިގޮތުން، ތަފާތު ދާއިރާތަކުން ދަރަޖަތައް ހާސިލްކުރީ ގައުމުގެ ކުރިމަގާމެދު ދަރިވަރުން ފޮނި ހުވަފެންތަކެއް ކުރާތީ ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ،

"ދަސްވެނިވުމަށްފަހު ކޮންމެ މައިދާނެއްގައި މަސައްކަތް ކުރެއްވި ކަމުގައި ވިޔަސް ތިޔަ ބޭފުޅުންގެ އެންމެ އިސް ވާޖިބެއްކަމުގައި ދެކެންވާނީ ގައުމީ މަސްލަހަތު ހިމާޔަތްކޮށް، މުޖުތަމައުގެ ހަމަޖެހުމަށް މަސައްކަތް ކުރުން،" ނައިބު ރައީސް ވިދާޅުވިއެވެ.

އޭގެ އިތުރުން، ދަސްވެނިން ތިބެންވާނީ އަދުގެ ދުނިޔެއަށް އަންނަމުންދާ ބަދަލުތަކަށް ލޯ ހުޅުވިފަކަން ފާހަގަކުރައްވައި، އެ މަނިކުފާނު ވިދާޅުވީ، ގައުމަށް ބޭނުންވާ ފާގަތި ބަދަލުތަކަށް ބޭނުންވާ ކަންތައްތައް ދެނެގަނެ، އެ ކަންކަމުގެ ބޭނުން ހިފުމަށް ތައްޔާރަށް ކަމަށެވެ.

މި ރަސްމިއްޔާތުގައި ނައިބުރައީސް ވަނީ އަދުގެ ދުނިޔެއަށް ލޯ ހުޅުވިފައިވާ އިލްމީ ބަޔަކަށް ވުމަށް ކޮންމެހެން ކުރަންޖެހޭ ބައެއް ކަންތައްތަކަށް އަލިއަޅުވާލައްވާފައެވެ.

މިގޮތުން، ދަސްވެނިވުމަށް އިލްމީ ދިރާސާތައް ހުއްޓާނުލައި ކުރިއަށް ގެންދިޔުމަށާއި ފޮތް ކިޔުމަށް ޝައުގުވެރިކަން އިތުރުކުރުވަން ޖެހޭ ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

"އިލްމީ ދިރާސާތަކުގެ ސަބަބުން އެކި ދާއިރާތަކުގައި ދިމާވާ ގޮންޖެހުންތައް ދެނެގަނެ އެކަންކަމަށް އީޖާދީ ހައްލުތައް ހޯދަން މަގުފަހިކޮށްދޭ. އެކަމުގެ ސަބަބުން މައުލޫމާތު ޚަޒާނާ އިތުރުވެ، އިންސާނާގެ ސިކުނޑި ތަރައްގީކުރުވައި، އެކި މައްސަލަތަކާމެދު ނާގިދު ފިކުރުތަކަށް ވިސްނަން ދަސްވެގެންދޭ،" އޭނާ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި، ނައިބު ރައީސް ވަނީ ގައުމަށް ޚިދުމަތް ކުރުން އިސްކުރުމަށާއި ދިވެހި ދަރިއަކަށް ވީތީ ލިބިފައިވާ އިލްމާއި ފަންނީ ހުނަރުން ގައުމަށް ކޮންމެވެސް ޚިދުމަތެއް ކުރުމަކީ ގައުމީ ވާޖިބެއް ކަމުގައި ދެކުމަށް ދަސްވެނިންނަށް އިލްތިމާސްކުރައްވާފައެވެ.

މީގެއިތުރުން، ނައިބު ރައީސް ވަނީ ދަސްވެނިވި ދަރިވަރުންނަށް ތަހުނިޔާ ދަންނަވާފައެވެ.

comment ކޮމެންޓް