އިސްލާމިކް ޔުނިވަސިޓީން ބާއްވާ އައިސީއައިއޭގެ 9 ވަނަ ކޮންފަރެންސް ފަށައިފި

އިސްލާމިކް ޔުނިވާސިޓީ: އިސްލާމިކް ޔުނިވަސިޓީން ބާއްވާ އައިސީއައިއޭގެ 9 ވަނަ ކޮންފަރެންސް ފަށައިފި --- ސަން ފޮޓޯ/ އިބްރާހީމް ޝަމްވީލް

މޯލްޑިވްސް އިސްލާމިކް ޔުނިވާސިޓީ (އައިޔޫއެމް) އިން ބާއްވާ އިލްމީ ކުރިއެރުމާބެހޭ ބައިނަލްއަގުވާމީ މަހާސިންތާ (އައިސީއައިއޭ)ގެ ނުވަ ވަނަ ކޮންފަރެންސް މިއަދު ފަށައިފިއެވެ.

ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ކޮންފަރެންސް މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ފައްޓަވައިދެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއުއެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރު ވަނީ އައިޔޫއެމްގެ ޕޯސްޓް ގްރެޖުއޭޓް ލައުންޖާއި އިންޓަނޭޝަނަލް ޖާނަލް އޮފް އިމާޖިން ޕާސްޕެކްޓިވްސް އިން އެޑިއުކޭޝަން (އައިޖޭއީޕީއީޑީ)އާއި އިންޓަނޭޝަނަލް ޖާނަލް އޮފް އިމާޖިން އިޝޫސްއިން މެނޭޖްމަންޓް އެކައުންޓިން އެންޑް ޓެކްނޮލޮޖީ(އައިޖޭއީއެމްއޭޓީ) އިފްތާހުކޮށްދެއްވާފައެވެ.

އައިޔޫއެމްއިން ބުނީ މި އަހަރުގެ ކޮންފަރެންސްގައި ރާއްޖެއާއި ރާއްޖޭން ބޭރުގެ 204 ބައިވެރިން ބައިވެރިވެފައިވާ ކަމަށާއި 113 ދިރާސީ ކަރުދާސް ހުށަހަޅާފައިވާ ކަަމަށެވެ. އޭގެތެރޭގައި، އިނގިރޭސި ބަހުން ހުށަހަޅާފައިވާ 83 ކަރުދާހާއި ދިވެހި ބަހުން 12 ކަރުދާހާއި އަރަބި ބަހުން 18 ކަރުދާހެއް ހުށަހަޅާފައިވާ ކަމަށް އެ ޔުނިވާސިޓީން ބުނެއެވެ.

އިސްލާމިކް ޔުނިވަސީޓި އޮފް މޯލްޑްވިސް: އިސްލާމިކް ޔުނިވަސިޓީން ބާއްވާ އައިސީއައިއޭގެ 9 ވަނަ ކޮންފަރެންސް ފަށައިފި --- ސަން ފައިލް ފޮޓޯ

މީގެއިތުރުން، އެހެން އަހަރުތަކާ ޚިލާފަށް މިއަހަރުގެ ކޮންފަރެންސްގައި ގިނަ އަދަދަކަށް ޕްރީ ކޮންފަރެންސް ވޯކްޝޮޕް ބާއްވާފައިވާ ކަމަށާއި ޖުމުލަ 12 ވޯކްޝޮޕް ބާއްވާފައިވާ ކަމަށް އެ ޔުނިވާސިޓީން ބުނެފައިވެއެވެ. އަދި، ކޮންމެ ވޯކްޝޮޕެއްގައި 60އަށް ވުރެ ގިނަ ފަރާތްތަކުން ބައިވެރިވިވެފައިވެއެވެ.

ތަފާތު ތިން ދާއިރާއަކުން މި ކޮންފަރެންސްގައި ދުނިޔޭގެ ތިން އިލްމުވެރިއަކު ކީނޯޓު ތަގުރީރު ދެއްވާނެއެވެ. އެއީ މެލޭޝިއާގެ މާސްޒްލީ މަލިކްއާއި އެމެރިކާގެ ފިލިޕް ހެލިންޖްގެ އިތުރުން ދެކުނު އެފްރިކާގެ ޓެކާނޯ މެޓްރެޑްރޯއެވެ.

އެގޮތުން، މަލިކް ތަގުރީރު ދެއްވާނީ ތިމާވެށި ހިމާޔަތްކުރުމާއި ދެމެހެއްޓެނިވި ތަރައްގީއާ ގުޅޭ ގޮތުން ކަމަށްވާއިރު، ހެލިންޖާ އޮންލައިކޮށް ތަގުރީރު ދެއްވާނީ ދެމެހެއްޓެނިވި އުސޫލުތަކުގެ މައްޗަށް މަތީ ތައުލީމު ދޭނެ ގޮތްތަކާ ބެހޭ ގޮތުންނެވެ. އަދި، ޓެކާނޯ މެޓްރެޑްރޯ ތަގުރީރު ކުރައްވާނީ ތައުލީމީ ދާއިރާގައި އޭއައި ބޭނުންކޮށްގެން ސިސްޓަމް ހެދުމާއި މެނޭޖުކުރުމާ ބެހޭ ގޮތުންނެވެ.

އައިޔޫއެމްއިން ބުނީ، މި ކޮންފަރެންސަށް މެލޭޝިއާ އާއި ބުރުނާއީގެ އިތުރުން އިންޑޮނޭޝިއާގެ ޔުނިވާސިޓީތަކުން ބޮޑު ތަރުހީބެއް ލިބުނު ކަމަށެވެ. ބޭރުގެ 59 ފަރާތުން ރާއްޖެއަށް ޒިޔާރަތްކޮށް މި ކޮންފަރެންސްގައި ބައިވެރިވާ ކަން އެ ޔުނިވާސިޓީން ފާހަގަކޮށްފައިވެއެވެ.

comment ކޮމެންޓް