ބޮޑުކަންނެލި މަސްވެރިކަމަށް ލޭނުއެޅުން ހުއްދަކުރުމާއެކު ކަންބޮޑުވުން

ރީނދޫ އުރަހަ ކަންނެއްޔެއް ބާނަނީ -- ފޮޓޯ/ސްޓީވް ޑޮއަޓީ

ބޮޑުކަންނެލީގެ މަސްވެރިކަން ކުރުމަށް ލޭނު އެޅުން ހުއްދަ ކުރުމުގެ ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އެގޮތުން ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަނުން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ބޮޑު ކަންނެލީގެ މަސްވެރިކަން ކުރުމަށް ލޭނުއެޅުން ހުއްދަކުރުމަކީ އެ ޖަމިއްޔާއިން ނުހަނު ކަންބޮޑުވާ ކަމެއް ކަމަށެވެ.

ލޭނު އެޅުން ހުއްދަ ކުރުމުގެ ސަބަބުން ލޭނު ބޯޓުތައް މެދުވެރިކޮށް ބޭރުކަނޑުން ގިނަ އަދަދެއްގެ ކަންނެލި ހޯދުމާއި، ކަނޑުމަތިން އެއްބޯޓުން އަނެއްބޯޓަށް މަސްގަނެ ވިއްކައި، އަދި ކަންނެލި ލިބޭ މިންވަރު އިންތިހާއަށް އިތުރުވެގެންދާނެކަން އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

އޭގެ ނަތީޖާއެއްގެ ގޮތުން ދިވެހި އަތުނަނު ކަންނެލި އޮޑިތަކުން ބާނާ ކަންނެލީގެ ޑިމާންޑް ދަށްވެ، އޭގެ އަގު އިންތިހާއަށް ދަށްވެގެންދާނެކަމަށް ކަންނެލި މަސްވެރީންގެ ފަރާތުންވަނީ ބުނެފައެވެ.

"ނަތީޖާއެއްގެ ގޮތުބް ލިބޭ އާމްދަނީ އާއި ޚަރަދާ ނުބައްދަލުވެ، ކަންނެލި މަސްވެރިކަމަށް އިންވެސްޓްކޮށްގެން ތިބި އޮޑިވެރިންނާއި، ކަންނެލި މަސްވެރިކަމުން ދިރިއުޅޭ އާއިލާތައް ބަނގުރޫޓުވާނެއެވެ. އަދި މަސްވެރިކަމުން ދިވެހީން ފެޔަށްޖެހި، ޒަމާންވީ ދިވެހި ދެމެހެއްޓެނިވި މަސްވެރިކަން، ކޯޕަރޭޓް ކުންފުނިތަަކުގެ އަތްދަށަށް ބަދަލުވުމެވެ،" ބޮޑު ކަންނެލި މަސްވެރީންގެ ޔޫނިއަންގެ ބަޔާނުގައިވެއެވެ.

އެ ޖަމިއްޔާއިން ބުނީ ބޮޑުކަންނެލި މަސްވެރިކަމުގެ ސިނާއަތް ސަލާމަތްކުރުމުގައި ސަރުކާރުގެ ޒިންމާ ވަރަށް ބޮޑު ކަމަށެވެ. އަދި މަސްވެރި އާއިލާތަކުގެ ބަނޑުފުރާނަ މުއްތިކޮށް، ހަމަޖެހޭ ދިރިއުޅުމެއް ހޯދުމަށް ކުރާ މަސައްކަތުގައި އެންމެ ތަންފުކެއް ވެސް ފަހަތަށް ޖެހެވެން ނެތް ކަމަށެވެ. އަދި އެ މަސައްކަތުގައި ކުރާންޖެހުނު ކޮންމެ ކަމެއް ކުރުމުގައި ދެމިތިބޭނެ ކަމުގެ ޔަގީންކަން އެ ޖަމިއްޔާއިންވަނީ ދީފައެވެ.

ބޮޑުކަންނެލި: ކަންނެލީގެ ސްޓޮކް ވަނީ ވަރަށް ބޮޑުތަން ދަށަށް ގޮސްފައި ---

އެ ގޮތުން އެ ކަންކަން ހާސިލްކުރުމަށްޓަކައި ބޮޑުކަންނެލި މަސްވެރީން އިހުތިޖާޖު ކުރުމަށް، އޮޑިފަހަރުގެ އެއްވުމެއް މާލެ ސަރައްދުގައި ބޭއްވުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް ބުނެފައިވެއެވެ.

އަދި ސަރުކާރުން މަސްވެރީންނާއި މަސް ގަންނަ ފަރާތްތަކާއެކު މަޝްވަރާކޮށް، މައްސަލަތަކަށް ހައްލު ގެނެސްދިނުމަށް އެ ޖަމިއްޔާއިން ވަނީ ގޮވާލާފައެވެ.

ބޮޑު ކަންނެލި މަސްވެރީންގެ ޔޫނިއަނަކީ އެ ސިނާއަތާއި މަސްވެރިންގެ ހައްގުތައް ހިމާޔަތްކޮށް ކުރިއަރުވައި، ދެމެހެއްޓުމުގެ މަސައްކަތް ކުރަމުން އަންނަ ޖަމިއްޔާއެކެވެ.

comment ކޮމެންޓް