އެއާ އެމްބިއުލާންސްއިން 199 ދަތުރުކޮށްފި

ރާއްޖޭގައި ބޭނުން ކުރަމުން އަންނަ އެއާ އެންބިއުލާންސް ޑޭޝް-8 މަރުކާގެ މަތިންދާ ބޯޓު----

ކުއްލި ފަރުވާގެ ޚިދުމަތް ފުޅާކޮށް ބަލި މީހުން އުފުލުމުގައި މިހާރު ބޭނުން ކުރަމުން އަންނަ އެއާ އެމްބިއުލާންސްއިން މިހާތަނަށް 199 ދަތުރުކޮށްފައި ވާކަމަށް އެ ޚިދުމަތް ދެމުން އަންނަ މޯލްޑިވިއަނުން ބުނެފިއެވެ.

އެއާ އެމްބިއުލާންސްގެ ޚިދުމަތް ރާއްޖޭގައި ފަށާފައި ވަނީ މިއަހަރުގެ މާޗު މަހުގެ އެއްވަނަ ދުވަހުގައެވެ.

"ސަން"އަށް މައުލޫމާތު ދެމުން މޯލްޑިވިއަނުން ބުނީ ޚިދުމަތް ފެށިގެން މިއަދާ ހަމައަށް އެއާ އެމްބިއުލާންސްއިން 199 ދަތުރުކުރުމުގެ އިތުރުން، އެ ޚިދުމަތުގެ ތެރެއިން ސީޕްލޭންއިން 15 ދަތުރެއް ކޮށްފައިވާ ކަމަށެވެ.

ކުއްލި ފަރުވާގައި މީހުން އުފުލުމުގެ ތަމްރީން ލިބިފައިވާ 15 މީހުންނާ އެކު ފެށި އެއާ އެންބިއުލާންސްގެ ޚިދުމަތަކީ 24 ގަޑިއިރުގެ ޚިދުމަތެކެވެ. ޑޭޝް8 މަރުކާގެ މަތިންދާ ބޯޓުގައި ދެމުން އަންނަ މި ޚިދުމަތް ސީޕްލޭންގައި ދޭންފެށީ މާޗް މަހުގެ 15 ވަނަ ދުވަހުއެވެ.

މީގެ ކުރިން ކުއްލި ފަރުވާގައި ބަލިމީހުން އުފުލައި އުޅުނީ ގައުމީ އެއާލައިން މޯލްޑިވިއަނުންނާއި ގައުމީ ދިފާއީ ބާރު އެމްއެންޑީއެފްގެ އެހީތެރިކަމާއެކު ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާ ބޯޓު ބޭނުންކޮށްގެންނެވެ.

އެއާ އެމްބިއުލާންސްގެ ޚިދުމަތް ތައާރަފުކޮށް، އެ ޚިދުމަތް ފުޅާކުރުމަކީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.

comment ކޮމެންޓް