ޝާހާ އެކު ފިލްމެއް އުފައްދަން އަނޫރާގު ޖެހިލުންވޭ

ޑައިރެކްޓަރު އަނޫރާގު ކަޝްޔަޕް އަދި އެކްޓަރު ޝާހްރުކް ޚާން--ފޮޓޯ/ބޮލީވުޑްހަންގާމާ

ބޮލީވުޑްގެ އޭ-ލިސްޓު ތަރިންގެ އެންމެ ކުރީގައި ގުނާލެވޭ ޝާހްރުކް ޚާނާ އެކު ފިލްމެއް އުފައްދަން ބޭނުންވި ނަމަވެސް އެކަން ކުރަން ޖެހިލުންވާ ކަމަށް ކުޅަދާނަ ޑައިރެކްޓަރު އަނޫރާގު ކަޝްޔަޕް ބުނެފިއެވެ.

ހިއުމަންސް އޮފް ސިނަމާއަށް ދިން އިންޓަވިއުއެއްގައި އަނޫރާގު ބުނެފައިވަނީ އޭ-ލިސްޓު ތަރިންގެ ފަރާތުން އެހެން ފިލްމުތަކުގައި ދައްކުވައިދޭ ކުޅަދާނަކަމާ ހިތްގައިމުކަން ޑައިރެކްޓަރެއްގެ ހައިސއްޔަތުން އޭނާގެ ފިލްމުތަކުގައި ދައްކުވައިދިނުމުގެ ގާބިލުކަން އަދި ލިބިފައިނުވާ ކަމަށެވެ.

ޝާހްރުކް ޚާން ފަދަ ދުނިޔޭގެ ގިނަ ބައެއްގެ ލޯބި ހޯދާފައިވާ އޭ-ލިސްޓު ތަރިންނަކީ ސަޕޯޓަރުން ނަމޫނާއަކަށް ބަލައިގަންނަ ތަރިން ކަމަށާއި ގިނަ ފަހަރަށް ސަޕޯޓަރުން ބޭނުންވަނީ އެ މީހުން ތާއިދުކުރާ އެކްޓަރުން އެއްކަހަލަ ރޯލްތައް ކުޅެން ކަމަށް އަނޫރާގު ވަނީ ބުނެފައެވެ.

ސަޕޯޓަރުން ބޭނުންނުވާ ވައްތަރެއްގެ ފިލްމެއް ނޫނީ މުޅީން ތަފާތު ރޯލެއް އެކްޓަރަކު ކުޅެފިނަމަ ގިނަ ފަހަރަށް އެ ފިލްމަކަށް ކުރިމަތިލާން ޖެހެނީ ނާކާމިޔާބީއާ ކަމަށާއި އެ ރިސްކު ނަގަން އަނޫރާގު ބޭނުންނުވާ ކަމަށް މި އިންޓަވިއުގައި ވަނީ ބުނެފައެވެ.

ޝާހްރުކް ޚާން ލީޑް ރޯލް ކުޅުނު ފިލްމު "ފޭން"ގެ މަންޒަރެއް--ފޮޓޯ/ފިލްމުފެއަ

އަނޫރާގު ބުނެފައިވަނީ ވަރަށް ބޮޑު ބަޖެޓަކުން އުފެއްދި ޝާހްރުކްގެ ފިލްމު "ފޭން"އަކީ އޭގެ މިސާލެއް ކަމަށެވެ.

ވަރަށް ތަފާތު ޖޯންރާތަކުގެ ފިލްމުތައް އުފެއްދުމަށް މަޝްހޫރު ޑައިރެކްޓަރު އަނޫރާގުގެ މަގުބޫލު ފިލްމުތަކުގެ ތެރޭ "ގޭންގްސް އޮފް ވަސޭޕޫރު"، "ބޮމްބޭ ޓޯކީސް"، "ބޮމްބޭ ވެލްވެޓް"، "މަންމަރުޒިޔާން" އަދި "ދޮބާރާ" ފަދަ ފިލްމުތައް ހިމެނެއެވެ.

ތަފާތު ޖޯންރާތަކަށް ފިލްމު އުފެއްދި ނަމަވެސް އަނޫރާގުގެ ފިލްމުތަކުން މިހާތަނަށް ފެނިފައިވާ ތަރިންނަކީ ބޮލީވުޑްގައި މާ ބޮޑު މަގުބޫލުކަމެއް ހޯދިފައިނުވާ ތަރިންކަން ފާހަގަކޮށްލެވެއެވެ.

comment ކޮމެންޓް