ގާނޫނާ ފުށުއެރުމުން ހައިސިއްޔަތަށް ބެލުމެއް ނޯންނާނެ: މިނިސްޓަރު

ހޯމް މިނިސްޓަރު އަލީ އިހުސާން: ވިދާޅުވީ ގާނޫނާ ފުށުއެރުމުން ހައިސިއްޔަތަށް ބެލުމެއް ނޯންނާނެ ކަމަށާ، ތަފާތުނުކޮށް ގާނޫނު ތަންފީޒު ކުރުމުގެ ބާރު ދިވެހި ފުލުހުންނަށް ފުރިހަމައަށް ލިބިގެންވާ ކަމަށް -- ސަން ފޮޓޯ/ މޫސާ ނަދީމް

ގާނޫނާ ފުށުއެރުމުން ހައިސިއްޔަތަށް ބެލުމެއް ނޯންނާނެ ކަމަށާއި، ތަފާތުނުކޮށް ގާނޫނު ތަންފީޒު ކުރުމުގެ ބާރު ދިވެހި ފުލުހުންނަށް ފުރިހަމައަށް ލިބިގެންވާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ފުލުހުންގެ ސްޓްރެޓަޖިކް ޕްލޭން އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

"ދިވެހި ރައްޔިތުމީހާ އެދެނީ މިއަދު، އޭނާއަކީ ވެރިއެއްތޯ ގެރިއެއްތޯ ނުބަލައި ތި ބޭފުޅުންގެ ޚިދުމަތްދޭން. ގާނޫނާ ފުށުއަރާ ހިނދުގައި، އޭނާއަކީ ދައުލަތުގެ ވަޒީރެއްތޯ، އޭނާއަކީ މަޖިލިސް މެންބަރެއްތޯ، އޭނާއަކީ މިވެނި ހައިސިއްޔަތެއް މީހެއްތޯ، މިއެއް ބެލުމެއް ނޯންނާނެ އަޅުގަނޑުމެނަކަށް،" މިނިސްޓަރު ވިދާޅުވިއެވެ.

އަދި މި ސަރުކާރުން ވަކި މީހަކާ ދޭތެރޭގައި ވަކި ގޮތަކަށް އަމަލުކުރުމަށް ފުލުހުންނަށް ނާންގާނެ ކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވިއެވެ.

ސަރުކާރުން ކަނޑައަޅާފައިވާ، ފުލުހުން އަމަލުކުރަންޖެހޭ ގައިޑްލައިންގެ ތެރޭގައި ވެސް ތަފާތުނުކުރުން ހިމެނޭކަން މިނިސްޓަރުގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ. އަދި އެއާ އެކު ފުލުހުންނަކީ ޒިންމާ ނަގާ، ޒިންމާދާރު ބަޔަކަށް ވާންޖެހޭނެ ކަމަށް މިނިސްޓަރު އިހުސާން ވަނީ ވިދާޅުވެފައެވެ.

ހޯމް މިނިސްޓަރު އަލީ އިހުސާން، އަދި ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު: ފުލުހުންގެ 2024 - 2028ގެ ސްޓްރެޓަޖިކް ޕްލޭން އިފްތިތާހުކުރުން -- ސަން ފޮޓޯ/ މޫސާ ނަދީމް

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ ޕޮލިސިންގެ ތެރޭގައި ބޭނުންކުރާ އެންމެ ޒަމާނީ ޓެކްނޮލޮޖީ ހޯދައި، އެއާއެކު މަސައްކަތްކުރަން ދަސްކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ. އެ ގޮތުން ޓެކްނޮލޮޖީ ބޭނުންކުރުމުގެ ރޫހު ގެންނަންޖެހޭކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ ރައްޔިތުން ލައްވައި އެ ޓެކްނޮލޮޖީ ބޭނުންކުރުވައިގެން ފުލުހުންގެ މަސައްކަތްތަކަށް އަވަސްކަން ގެންނަންޖެހޭ ކަމަށެވެ.

ދައުލަތުން އަހަރެއްގެ މައްޗަށް ފުލުހުންގެ ޚިދުމަތަށް ގާތްގަނޑަކަށް ދެ ބިލިއަން ރުފިޔާ ޚަރަދުކުރާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެއީ ދައުލަތުގެ ބަޖެޓުގެ ގާތްގަނޑަކަށް 4 އިންސައްތައެވެ.

"މާނައަކީ ދައުލަތަށް ލިބޭ ކޮންމެ 100 ރުފިޔާއަކުން ހަތަރު ރުފިޔާ ދިވެހިރައްޔިތުން މެންޑޭޓް މި ކުރަނީ ފުލުހުންގެ މުއައްސަސާއަށް ޚަރަދުކުރުމަށް. ކޮންމެ 100 ރުފިޔާއަކުން ހަތަރު ރުފިޔާ. އެހެންވީމާ މި ވަރުގެ އެކްސްޕެންޑިޗާއެއް ދައުލަތުން ނަގާއިރުގައި، ދައުލަތުގެ އޮންނާނެ އެކްސްޕެކްޓޭޝަނެއް، ރައްޔިތުންގެ އޮންނާނެ ވަރަށް ބޮޑު އެކްސްޕެކްޓޭޝަނެއް. އެ އެކްސްޕެކްޓޭޝަނަކީ ނަތީޖާ ނެރުން،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ފުލުހުންގެ އެކްޝަން ޕްލޭން ތަންފީޒުވޭތޯ ބައްލަވަމުންގެންދަވާނެ ކަމަށެެވެ.

ހޯމް މިނިސްޓަރު އަލީ އިހުސާން: ސަން ފޮޓޯ/ މޫސާ ނަދީމް

ދިވެހި ފުލުހުންގެ ޚިދުމަތް ބައްޓަން ކުރެވިގެންދަނީ އެ އިރެއްގައި އޮންނަ ސަރުކާރަކުން ކަނޑައަޅާ ސްޓްރެޓަޖިކް ޕޮލިސިން ރިކުއަޔަމެންޓެއްގެ މައްޗަށެވެ. ރައީސުލްޖުމްހޫރިއްޔާގެ ހާޒިރުގައި މި ސަރުކާރުން ފުލުހުންނާ އެ ޕްލޭން ހަވާލުކުރީ މީގެ މަހެއްހާ ދުވަސް ކުރިންކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

https://www.sun.mv/192859

އެ ޕޮލިސިން ރިކުއަޔަމެންޓުގައި ހުރި ކަންކަމުގެ މައްޗަށް ބިނާކޮށް، ދިވެހި ފުލުހުންގެ ގާނޫނުން ބަޔާންކުރާ ސްޓްރެޓަޖިކް އެކްޝަން ޕްލޭނެއް ފުލުހުން ކަނޑައަޅަން ޖެހެއެވެ. އަދި އެ ޕްލޭންގެ ޒިންމާއަށް ކޮމިޝަނާ އޮފް ޕޮލިސް ޒިންމާވެ ވަޑައިގަންނަވަންޖެހޭއިރު، އޭގައި ހުރި ކަންކަން ތަންފީޒުކުރުމަކީ ފުލުހުންގެ ކޮންމެ ސީނިއާ އޮފިސަރެއްގެ މައްޗަށް ލާޒިމު ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ފުލުހުން ސްޓްރެޓަޖިކް ޕްލޭން އިފްތިތާހުކޮށްދެއްވީ މިނިސްޓަރު އިހުސާނެވެ.

comment ކޮމެންޓް