ސްކޭމްގެ މައްސަލައެއްގައި 2 މީހަކު ތަހުގީގަށް ހާޒިރުވާން އަންގައިފި

ސްކޭމްގެ މައްސަލައެއްގައި 2 މީހަކު ތަހުގީގަށް ހާޒިރުވާން ފުލުހުންވަނީ އަންގާފައި -- ފޮޓޯ/ ފުލުހުން

ދިވެހި ފުލުހުންގެ ޚިދުމަތުން ތަހުގީގު ކުރަމުންދާ ސްކޭމް މައްސަލައެއްގެ ތަހުގީގަށް ދެ މީހަކު ހާޒިރުވުމަށް އަންގައި އިއުލާން ކޮށްފިއެވެ.

ފުލުހުން ބުނީ، މިއީ އެ ޚިދުމަތުގެ އެންޓި ސްކޭމް ސެންޓަރުން ތަހުގީގު ކުރަމުންދާ ސްކޭމް މައްސަލައެއް ކަމަށެވެ. މި މައްސަލައިގެ ތަހުގީގަށް ދެ މީހަކު ހާޒިރުކުރަން ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ހާޒިރުވާން އަންގައި، އެ ދެ މީހުންގެ ވަނަވަރު ފުލުހުން ވަނީ އާންމުކޮށްފައެވެ.

އެއީ ގއ. ގެމަނަފުށީ ރަންކޮކާގޭ އުމުރުން 36 އަހަރުގެ ނަދީފް މުހައްމަދާއި، ޅ. ނައިފަރު، ހަލަވެލިގޭ އުމުރުން 30 އަހަރުގެ މަހުމޫދު އަބްދުﷲއެވެ.

ފުލުހުން ބުނީ އެ މީހުން ހާޒިރުކުރަނީ ސްކޭމްގެ މައްސަލައެއްގެ ތަހުގީގަށް ތުހުމަތުގައި ސުވާލު ކުރުމަށް ކަމަށެވެ.

އެ ދެ މީހުން ހާޒިރުވާން ފުލުހުން އަންގާފައިވަނީ އޭޕްރީލް 28 ވަނަ ދުވަހުގެ 11:00 އަށް، ސާޖަންޓް އާދަމް ޙަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންއަށެވެ.

ޖިނާއި މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާ އިޖުރާއަތުގެ ގަވާއިދުގެ ދަށުން، މައްސަލައެއްގެ ތުހުމަތުގައި ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދު ނުކުރެވިއްޖެނަމަ، އެ ކަން އަންގައި އިއުލާނު ކުރެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް