އައިޔޫއެމް ސަނާބިލް ޕްރޮޖެކްޓަށް ސުކޫކް މެދުވެރިކޮށް ފައިނޭންސް ހޯދަނީ

އިސްލާމިކް ޔުނިވާސިޓީގެ ސަނާބިލް ޕްރޮޖެކްޓް އިފްތިތާހުކޮށްދެއްވަނީ ----- ފޮޓޯ/ މަޖިލިސް

ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީ (އައިޔޫއެމް)އިން ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި އިމާރާތްކުރާ 'ސަނާބިލް' އިމާރާތަށް އިސްލާމިކް ފައިނޭންސް މޮޑެލްގެ ދަށުން ސުކޫކް ވިއްކައިގެން ފައިނޭންސް ހޯދަން މިއަދު ހުޅުވާލައިފިއެވެ.

އައިޔޫއެމްއިން ބުނި ގޮތުގައި، މި ޕްރޮޖެކްޓަށް މިއަދު އިޝޫކޮށްފައިވަނީ މޫނުމަތީ އަގުގެ އެއް މިލިއަން ރުފިޔާގެ 60 ސުކޫކު ކަމަށެވެ. މި ސުކޫކްތަކަށް ހޯދުމަށް އަމާޒުކޮށްފައިވަނީ ޖުމްލަ 60 މިލިޔަން ރުފިޔާ ކަމަށް އައިޔޫއެމްއިން ބުނެއެވެ.

ޞުކޫކުގައި އިންވެސްޓްކުރުމަށް ބޭނުންވާ ފަރާތްތަކުން މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖްގެ ވިޔަނަ ޕޯޓަލް މެދުވެރިކޮށް މިމަހުގެ 23 ވަނަ ދުވަހުން ފެށިގެން ޞުކޫކަށް ސަބްސްކްރައިބް ކުރެވޭނެކަމަށް އައިޔޫއެމްއިން ބުނެއެވެ.

އޭގެއިތުރުން، އައިޔޫއެމް އިން ބުނީ، މި ޕްރޮޖެކްޓްގެ ލީޑް މެނޭޖަރަކީ ރާއްޖޭގެ ވޯޓާކްރެސް ކެޕިޓަލް ޕްރައިވެޓް ލިމިޓެޑް ކަމަށާއި މިހާރުވެސް މި ޞޫކުކަށް އިންވެސްޓްކުރުމަށް ރާއްޖޭގެ ބައެއް ބޮޑެތި ކުންފުނިތަކުން ޝައުގުވެރިކަން ފާޅުކޮށް ވާހަކަ ދައްކަމުންދާ ކަމަށެވެ.

އިސްލާމިކް ޔުނިވާސިޓީގެ ސަނާބިލް ޕްރޮޖެކްޓް އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ/ މަޖިލިސް

'ސަނާބިލް' އިމާރާތަކީ އަށް ފަންގިފިލާއަށް އިމާރާތްކުރާ، ޒަމާނީ ފެސިލިޓީތައް ހިމެނޭ އިމާރާތެކެވެ. މި އިމާރާތުގައި އޮޑިޓޯރިއަމާއި ހޯލާއި ލެބޯޓްރީތަކާއި ކްލާސްރޫމްތައް އަދި އޮފީސް ޖާގަތައް ހިމެނެއެވެ. އަދި، އަމާޒަކީ، މި ތަންތަން އާންމުންނަށް ކުއްޔަށް ދޫކޮށް އައިޔޫއެމްއަށް ދެމެހެއްޓެނިވި ގޮތެއްގައި އާމްދަނީ ހޯދުން ކަމަށް އެ ޔުނިވާސިޓީން ބުނެއެވެ.

'ސަނާބިލް' ފްރޮޖެކްޓު އިފްތިތާހު ކުރުމަށް އެ ޔުނިވާސިޓީގައި ބޭއްވި ރަސްމިއްޔާތުގައި ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުއްރަޙީމް އަބްދުﷲ ވިދާޅުވީ އިންސްޓިއުޓެއް ގޮތުގައި 1980 ވަނަ އަހަރު އުފެއްދި އިލްމީ ހިޔާވަހިކަމުން އިލްމު ހާސިލްކޮށްގެން ދަސްވެނިވި ދަރިވަރުން ގައުމީ ޚިދުމަތުގައި ވަރަށް ބޮޑަށް ފާހަގަކުރެވޭ ކަމަށެވެ.

އިސްލާމިކް ޔުނިވާސިޓީގެ ސަނާބިލް ޕްރޮޖެކްޓް އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މަޖިލީހުގެ ރައީސް --- ފޮޓޯ/ މަޖިލިސް

މިފަދަ ޚިދުމަތްތެރި މުއައްސަސާއެއް ތަރައްގީ ކުރުމުގެ މުހިންމު ކަމުގެ މައްޗަށް އަލިއަޅުވާލައްވައި އަބްދުއްރަޙީމް ވިދާޅުވީ، އެ ދަރިވަރުންގެ އަޚްލާގުން ހެޔޮ ތަފާތު ފެނިވަޑައިގަންނަވާ ކަމަށެވެ.

މަޖިލީހުގެ ރައީސްގެ އިތުރުން މި ރަސްމިއްޔާތުގައި ފިނޭންސް މިނިސްޓަރު ޑރ.މުޙައްމަދު ޝަފީގާއި ފިނޭންސް މިނިސްޓަރުގެ އެޑްވައިޒަރު އަޙްމަދު މުނައްވަރުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

comment ކޮމެންޓް