މަޝްހޫރު ފިލްމު ޕްރޮޑިއުސަރު އަދި ޑައިރެކްޓަރު ފާތިމަތު ނަހުލާގެ އެންމެ ފަހުގެ ފިލްމު "ސޮރީ"ގައި އާއިލާ މެންބަރުން ކާސްޓުންގެ ގޮތުގައި ހިމެނުމަށް ނިންމައިފިއެވެ.
ބޮޑު ބްރޭކަކަށް ފަހު ނަހުލާގެ އާ ފިލްމަކާއެކު އަންނަން އުޅޭކަން ހާމަކޮށްފައިވަނީ މީގެ ދެ މަހެއް ކުރީންނެވެ. ނަހުލާ ބްރޭކަށް ދިޔުމުގެ ކުރީން އެންމެ ފަހުން އިއުލާނު ކޮށްފައިވަނީ "ސޮރީ" ކިޔާ ފިލްމެކެވެ. މިއީ 2019 ވަނަ އަހަރު އިއުލާނުކުރި ފިލްމެކެވެ. މިހާރު މަސައްކަތް ކުރަމުން އަންނަ ފިލްމަކީ ސޮރީއެވެ.
ނަހުލާ ދާދި ފަހުން ހާމަކޮށްފައިވަނީ އޭނާގެ އާއިލާގެ ދެ މެންބަރުން މި ފިލްމުގައި ހިމެނޭނެ ކަމަށެވެ. އެގޮތުން މި ފިލްމުން ނަހުލާގެ އެންމެ ހަގު ދަރިފުޅުގެ އިތުރުން އޭނާގެ މާމަ ދަރިފުޅު ވެސް ފެނިގެންދާނެއެވެ. މި ފިލްމުގައި ދެ ކުދިން ކުޅޭނެ ރޯލުގެ މައުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ.
އަލަށް ނެރޭ ފިލްމުގެ ވާހަކަ ވަނީ މިިހާރު ނިމިފައެވެ. މި ފިލްމުގެ ކާސްޓު ވަނީ ކުރިން އިއުލާނު ކޮށްފައެވެ. މި ފިލްމުގައި ލީޑުން ފެންނާނީ ޔޫސުފް ޝަފީއުއާއި މަރިޔަމް އައްޒަގެ އިތުރުން އާ އެކްޓަރެކެވެ. ނަމަވެސް އާ އެކްޓަރު އަދި ހާމަކޮށްފައެއް ނުވެއެވެ.
ސޮރީ ވެސް ވެގެން ދާނީ ނަހުލާގެ އަސަރުގަދަ ވާހަކަތައް ކިޔައިދޭ ފިލްމަކަށެވެ. ނަހުލާގެ ކުރީގެ އޯޑިއެންސް އަނބުރާ ގެނައުމުގެ މަގުސަދުގައި ނެރޭ މި ފިލްމު ވެގެންދާނީ އޭނާގެ ގިނަ ދުވަސްވީ ފޭނުންތަކަށް ބޮޑު ޓްރީޓަކަށެވެ.
ނަހުލާ ޕްރޮޑިއުސް ކޮށްފައިވާ ފިލްމެއް އެންމެ ފަހުން ނެރެފައިވަނީ 2017 ވަނަ އަހަރެވެ. އެއީ ލޯބީގެ ރަހަތައް ހިމެނޭ ފިލްމު "ބޮސް"އެވެ. އެއަށްފަހު ނަހުލާ ވަނީ ލޯބީގެ ވެބް ޝޯއެއް ވެސް ތައްޔާރުކޮށްފައެވެ. "ހުވާ" ކިޔާ މި ޝޯ 2018 އިން 2020 އަށް ދެއްކިއެވެ.