އުލިގަމުގައި ރޯގާ ގިނަވެ، ސިއްހީ މަރުކަޒު ފުރިފައި

ހއ. އުލިގަން: އެ ރަށުގައި ވަނީ ރޯގާގެ ކޭސްތައް އިތުރުވެފައި --- ފޮޓޯ/ އަރުޝަދު

ހއ. އުލިގަމުގައި އާންމު ރޯގާގެ ބަލިތައް ފެތުރޭ މިންވަރު އިތުރުވެ، ސިއްހީ މަރުކަޒުގެ ވޯޑު ފުރިއްޖެއެވެ.

އެ ރަށު ސިއްޙީ މަރުކަޒުގައި މަސައްކަތް ކުރާ އޮފިޝަލަކު "ސަން"އަށް ވިދާޅުވީ، މި ދުވަސްވަރު އެ ރަށުގައި ރޯގާ ޖެހިގެން ޑޮކްޓަރަށް ދައްކާ މީހުންގެ އަދަދު އިތުރުވަމުން އަންނަ ކަމަށެވެ. އާބާދީގައި 534 އެއްހާ މީހުން ދިރިއުޅޭ އުލިގަމުގައި އެންމެ ގިނައިން ޑޮކްޓަރަށް ދައްކަނީ އަރިދަފުސް ރޯގާ އަދި ވައިރަލް ހުން ޖެހިގެން ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އެ ރަށު ސިއްޙީ މަރުކަޒުގެ ވޯޑުގައި ފަރުވާދޭން ހުންނަނީ ހަތަރު އެނދު ކަމަށެވެ. އެހެންވެ، ވޯޑު އެއްކޮށް ފުރޭ ފަހަރުތައް ވެސް އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

ފާއިތުވި ތިން ދުވަހުގެ ތެރޭގައި ޖުމްލަ 36 މީހުން އެ ރަށުން ޑޮކްޓަރަށް ދައްކާފައިވާއިރު، އޭގެ ތެރެއިން އާންމު ރޯގާ ޖެހިގެން ޑޮކްޓަރަށް ދެއްކީ 13 މީހުން ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ. އޭގެ އިތުރުން، ވައިރަލް ހުމުގެ ހަތް ކޭސްއެއް މިދިޔަ ތިން ދުވަހު ފާހަގަކުރެވިފައިވާ ކަމަށް ހޮސްޕިޓަލުން ބުންޏެވެ.

"ބައެއް ވަގުތުތަކުގައި ވޯޑުގައި ހުންނަ ހަތަރު އެނދު ފުރުމުން، އަޅުގަނޑުމެން ވަގުތީ ގޮތުން ޑްރެސިން ރޫމާ އެއްޗެހި ވެސް ބޭނުންކުރަން ބައެއް ފަހަރު،" އޭނާ ވިދާޅުވިއެވެ.

ޑެންގޫގެ 12 ޓެސްޓު ހަދާފައިވާކަން ފާހަގަކުރައްވައި އޮފިޝަލް ވިދާޅުވީ، އޭގެ ތެރެއިން ބައްޔަށް ޕޮޒިޓްވީ އެންމެ މީހެއް ކަމަށެވެ. އަދި، 16 މީހުން އޮބްޒަވޭޝަންގައި ބާއްވައިގެން ފަރުވާ ދީފައިވާއިރު އެޑްމިޓްކޮށްގެން ފަރުވާ ދިނީ ދެ މީހުންނަށެވެ.

މީހަކު ކުޑަކުއްޖަކު ގޮވައިގެން ހޮސްޕިޓަލުން ނުކުންނަނީ: އުލިގަމުގައި ވަނީ ރޯގާގެ ކޭސްތައް އިތުރުވެފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މީގެ އިތުރުން، ރޯގާގެ ކޭސްތަކުގައި ޑޮކްޓަރަށް ދައްކާ ގިނަ މީހުންނަށް އޮބްޒަވޭޝަންގައި ފަރުވާ ދިނުމަށް ފަހު ދޫކޮށްލާ ކަމަށް އޭނާ ވިދާޅުވިއެވެ.

"މި ތަނުން ލިބެން ޖެހޭ ޚިދުމަތްތަކަކަށް އެ އޮންނަ އުސޫލުގެ ތެރެއިން ބަލި މީހުންނަށް ފަރުވާ ދެމުން ދަނީ،" އޮފިޝަލް ވިދާޅުވިއެވެ.

ބަލި މީހުންނަށް ދޭންޖެހޭ ޚިދުމަތަށް ބުރުލެއް ނެތި މީހާތަނަށް ޚިދުމަތް ދެމުން އަންނަކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

އެ ރަށު ސިއްޙީ މަރުކަޒު ވޯޑު ފުރިފައިވާކަން ފާހަގަކޮށް، މީހަކު ފޭސްބުކްގައި ކުރި ޕޯސްޓެއްގައިވަނީ އެ ރަށުގައި ރޯގާ ފެތުރޭ މިންވަރު އިތުރުވެ، ފަރުވާދެމުން އަންނަ ވޯޑު ފުރިފައިވާ ކަމަށެވެ. މަދިރިން ޖެހޭ ބަލިތަކުން ރައްކާތެރިވުމަށް މަސައްކަތްނުކުރާ ކަމަށް ވެސް އެ ޕޯސްޓުގައި ވަނީ ތުހުމަތުކޮށްފައެވެ.

ނަމަވެސް، އެކަން އުލިގަމު ކައުންސިލްގެ ނައިބު ރައީސް އަސަދުﷲ މުހައްމަދު ވަނީ ދޮގުކުރައްވައިފައެވެ. އޭނާ 'ސަން'އަށް ވިދާޅުވީ, އެ ރަށުގައި މަދިރިން ޖެހޭ ބަލިތައް އިތުރުވެފައިވާކަމުގެ މައުލޫމާތު ލިބިފައިނުވާ ކަމަށާއި އެކަމަކު އާންމު ރޯގާގެ ކޭސްތައް އިތުރުވެފައިވާ ކަމަށެވެ.

"ޑެންގޫ ޖެހިފައި އޮތް އެއް ޕޭޝަންޓަކު އޮތްކަމަށް މައުލޫމާތު ލިބެނީ. ދެން އާންމުކޮށް މޫސުން ބަދަލުވާ ދުވަސްވަރަށް ވައިރަލް ރޯގާ ފެތުރޭ،" އަސަދުﷲ ވިދާޅުވިއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، މި ދުވަސްވަރު ރާއްޖޭގެ އެކި ހިސާބުތަކުގައި ރޯގާގެ ކޭސްތަކާއި މަދިރިން ޖެހޭ ބަލިތައް އަންނަނީ އިތުރުވަމުންނެވެ.

comment ކޮމެންޓް