ކަމަކާ ދެރަވެ، ނުވަތަ ކަންތައްތަކާ ހާސް ވެގެން އުޅޭއިރު މަންމަމެން ވަރަށް ގިނަ ފަހަރަށް ބުނާނީ "ކުޑަކޮށް ނިދާލާ"ށެވެ. އަދި ނިދާ ހޭލާއިރު ދެރަވާ މިންވަރު އަދި ހާސްވާ މިންވަރު ކުޑަވާނެ ކަމަށް މަންމަމެން ބުނެއެވެ. މިކަމުގެ ފަހަތުގައި ސައިންސެއް ވާކަން އެނގިއްޖެއެވެ.
ދާދި ފަހުން ކުރިއަށް ގެންދިޔަ ދިރާސާއަކުން އެނގުނު ގޮތުގައި ގޯސް ހާލަތެއްގައި ހުރެ ނިދުމުން އެކަމާ ދޭތެރޭ ދެކެވޭ ގޮތް، ހޭލެވޭ އިރު ހުންނަނީ ބަދަލު ވެފައެވެ. އަދި އެކަމަކާ ގުޅުވައި ދެން އަމަލު ކުރާ ގޮތް ވެސް ތަފާތު ވާ ކަމަށް ދިރާސާއިން ހާމަވެފައިވެއެވެ.
ޔުނިވާސިޓީ ކޮލެޖް ލަންޑަންއިން ކުރިއަށް ގެންދިޔަ ދިރާސާގައި އިސްވެ ހުރި ސައިންސުވެރިޔާ ޑރ. ފެއިފެއި ބޫ ބުނިގޮތުގައި އާންމުކޮށް ދުވަސް ހިނގާ ވަރަކަށް މީހާގެ މޫޑަށް ބަދަލު އަންނާނެއެވެ. އެގޮތުން ނަފުސާނީ ދުޅަހެޔޮ ކަމާއި މޫޑު އެންމެ ގޯސްވެފައި ހުންނާނީ ދުވަސް ނިމެން ގާތްވާ ވަރަކަށް ކަމަށް އޭނާ ފާހަގަކުރިއެވެ.
"އެހެންވީމާ ކަމެއް ގޯސްވާ އިރަށް، އެކަމެއް ސީރިއަސް ވަރަށް ވުރެ ބޮޑަށް ގޯސްހެން އިހުސާސް ކުރެވިދާނެ. ނިދާލައި ހޭލާއިރު ގިނަ ފަހަރަށް އެކަންތައް ކުރީގައި ގޯސްވެފައިވާ މިންވަރަށް ގޯސްހެން އިހުސާސް ނުކުރެވިދާނެ،" އޭނާ ބުންޏެވެ.
މީހާގެ މޫޑް އަދި ނަފްސާނީ ދުޅަހެޔޮކަން އެންމެ ރަނގަޅީ ހެނދުނުގެ ވަގުތުތަކުގައި ކަމަށް ޑރ. ފެއިފެއި ބުނެއެވެ. އެހެންވީމާ ރަނގަޅު މޫޑެއްގައި ހުންނަ ވަގުތު ގޯސް ކަމަކާ މެދު ވިސްނައި، އާ ނަޒަރަކުން ބެލުމަށް ހެނދުނު ގަޑީގައި ފަސޭހަ ވާނެ ކަމަށް އޭނާ ބުނެއެވެ. އަދި ކުރިން ކުރެވުނު ގޯސް ހިޔާލުތައް އަލުން ތަރުތީބު ކޮށްލުމަށް ހެނދުނު ގަޑިއަކީ ވަރަށް ފުރިހަމަ ވަގުތެއް ކަމުގައި ޑރ. ފެއިފެއި ބުނެއެވެ.