ގައުމީ ފެންވަރުގައި ބޮޑު ޢީދު ފާހަގަކުރާ ތިން ރަށުގައި ވެސް ޢީދު ފާހަގަކުރަނީ ދިވެހި ސަޤާފަތާ ވަރަށް ބޮޑަށް ގުޅުވައިގެން ކަމަށް އެ ރަށްރަށުގެ ކައުންސިލުތަކުން މިއަދު ބުނެފިއެވެ.
މި އަހަރު ސަރުކާރުން ގައުމީ ފެންވަރުގައި އަޟްޙާ ޢީދު ފާހަގަކުރަން ނިންމާފައިވަނީ ރާއްޖޭގެ ތިން ސަރަހައްދުން ތިން ރަށެއްގައެެވެ. އެއީ، އުތުރުން ރ. އުނގޫފާރު މެދު ރާއްޖެތެރެއިން ދ. ކުޑަހުވަދޫ އަދި ރާއްޖޭގެ ދެކުނުން ގއ. ވިލިނގިލީގައެވެ.
މި ކަމާ ގުޅިގެން މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި މައުލޫމާތުދެއްވަމުން މިނިސްޓްރީގެ ޑިރެކްޓާ ޖެނެރަލް އާތިކާ އިބްރާހިމް ވިދާޅުވީ، މި ތިން ރަށަކީ ޕްރޮޕޯސަލް ހުށަހެޅި 26 ރަށުގެ ތެރެއިން މިނިސްޓްރީން ބެލި ކަންކަމަށް ބަލައި އެންމެ މަތިން މާކްސް ހޯދައިގެން ގައުމީ ފެންވަރުގައި ޢީދު ފާހަގަކުރަަން ފުރުސަތު ހޯދި ތިން ރަށް ކަމަށެވެ.
ތިން ރަށުގައި ވެސް ޢީދަށްވާ ތައްޔާރީތަށް ބެލުމަށް މިނިސްޓްރީގެ ޓީމުތަކުން ޒިޔާރާތްކުރިކަން އޭނާ ވަނީ ފާހަގަކުރައްވައިފައެވެ. އަދި، ތިން ރަށުން ވެސް ވަރަށް ފުރިހަމައަށް ޢީދަށް ތައްޔާރުވަމުން އަންނަކަން އޭނާ ވަނީ ފާހަގަކުރައްވައިފައެވެ.
އުނގޫފާރުގައި ކަންކަން ކުރިއަށްދާގޮތުގެ މައުލޫމާތު ދެއްވަމުން އެ ރަށު ކައުންސިލުގެ ރައީސް އަބްދުﷲ ރަޝީދު ވިދާޅުވީ އެ ރަށަކީ ޒަމާނުއްސުރެ ވެސް ސަގާފަތް ދިރުވުމަށް ޢީދުގައި ސަގާފީ ކުޅިވަރުތައް ކުޅެމުން އަންނަ ރަށެއް ކަމަށެވެ.
"އޭގެ ތެރޭގައި، ޢީދު ކޯޑި، ބޮޑު މަސް، ކުރުފަލި، ދަފި، މިހެން ގޮސް ސަގާފަތާ ގުޅުންހުރި ކުޅިވަރުތަކެއް އަޅުގަނޑުމެން މި ކުރިއަށްގެންދަނީ. ދެން އިތުރަށް އިތުރު ކަންތައްތަކުގެ ތެރޭގައި ކުރީ ޒަމާނުގައި ކުޅޭ ރަމަރަމާ ފޯލި، ދިގު ދަނޑި، ބަތް ދަނޑި، ތިން މުގޯލި މި ގޮތަށް ހުންނަ ހަރަކާތްތަކެއް،" އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން ވެސް އެކި އުމުރުފުރާތަކާ ގުޅޭ ތަފާތު ކުޅިވަރުތައް ޢީދުގެ އެކި ދުވަސްތަކަށް ބަހައިލައިގެން ކުރިއަށް ގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވުއެވެ.
ގައުމީ ފެންވަރުގައި ޢީދު ފާހަގަކުރާ ތިން ރަށުގެ ތެރެއިން ދ. ކުޑަހުވަދުއާ ގުޅޭ މައުލޫމާތު ދެއްވަމުން އެ ރަށުގެ މަންދޫބު އަހުމަދު މުއާދު ވިދާޅުވީ އެ ރަށުގައި ވެސް ޢީދާ ގުޅިގެން ވަރަށް ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދަން ނިންމާފައިވާ ކަމަށެވެ.
އެގޮތުން، ޢީދު ނަމާދަށް ފަހު އެ ރަށުގައި ވަރަށް ކުލަގަދަކޮށް ކޮންމެ އަހަރަކު ވެސް ކުރިއަށްގެންދާ ޢީދު ސައި މި އަހަރު ވެސް އޮންނާނެކަން އޭނާ ވަނީ ފާހަގަކުރައްވައިފައެެވެ.
"އަދި ވަރަށް ޚާއްސަ އިވެންޓެއްގޮތުގައި އަޅުގަނޑުމެން ކުޑަހުވަދޫ ފަލަސްތީނާ އެކު މި ނަމުގައި ހިނގާލުމެއް ބާއްވަން އަޅުގަނޑުމެން މިވަނީ ނިންމާފައި،" އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، ތަފާތު ކަމެއްގެ ގޮތުގައި ޢީދުގެ ކޮންމެ ރެއަކު ވެސް އެ ރަށުގައި ނައިޓު މާކެޓެއް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާކަން އޭނާ ވަނީ ފާހަގަކުރައްވައިފައެވެ. އަދި، ހަވާ އެރުވުން ވެސް އެ ރަށުގައި އޮންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އެ ރަށުގައި ކުޑަކުދިންނަށް ޚާއްސަކޮށްގެން ކުރިއަށްގެންދާ ހަރަކާތްތަކާއި އަދި ބޮޑު ކެއުމަކާއި އެ ނޫން ވެސް ހަރަކާތްތައް އޮންނާނެއެވެ.
ގއ. ވިލިނގިލީގައި ކުރިއަށް ގެންދަން ހަމަޖެހިފައިވާ ކަންތައްތަކާ ގުޅޭ ގޮތުން މައުލޫމާތު ދެއްވަމުން ޓީމު ލީޑަރު އައްބާސް މުހައްމަދު ވިދާޅުވީ، އެހެން ރަށް ރަށާއި ޚިލާފަށް އެ ރަށުގައި ޢީދުގެ ހަރަކާތްތައް ފެށޭނީ ޢީދު ވިލޭރޭ ކަމަށެވެ
"ޢީދު ވިލޭރޭ ވަރަށް ގިނަ ހަރަކާތްތަކެއް އެބަހުރި. އޭގެ ތެރޭގައު ޢީދު މަޅި، ޢީދު ބަޑިޖެހުން ވެސް ބައެއް ބޭފުޅުން ވިދާޅުވާނެ. ދެން އިތުރަށް ވެދުމާ ދިޔުން މި ކަހަލަ ހަރަކާތްތައް އެބަހުރި. ދެން ޢީދު ވިލޭރޭ ވަރަށް ޚާއްސަ ހަވާއެރުވުމުގެ ޝޯއެއް އެބައޮތް ވިލިނގިލީގައި،" އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، އެ ރަށުގައި ޢީދު ތަށިބަރި ބަދަލުކުރުން ހިމެނޭކަން އޭނާ ފާހަގަކުރެއްވިއެވެ. މި ހަރަކާތުގެ ތެރޭގައި އެ ރަށުގެ އެއް އަވަށުން އަނެއް އަވަށަށް ތަށިބަރިތައް ބަދަލުކުރާ ގޮތަށް ހަމަޖެހިފައިވާކަން އޭނާ ވަނީ ފާހަގަކުރައްވައިފައެވެ.
އަދި، ހަމަ އެގޮތަށް ސަގާފީ ގިނަ ކުޅިވަރުތަކެއް އެއްކޮށް ހިނޭނެހެން ވެސް އައިޓަމެއް ކުރިއަށްގެންދަން ހަމަޖެހިފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
ތިން ރަށުން ވެސް ޢީދަށް ވަރަށް ފުރިހަމައަށް ތައްޔާރުވަމުން އަންނަ ކަމަށް ބުނިއިރު، އެ ރަށްރަށުގެ ސަލާމަތީ ކަންކަން ފުލުހުންނާ ގުޅިގެން ކުރިއަށް ގެންދާނެ ކަމަށް މިނިސްޓްރީން ބުންޏެވެ. އެ ތިން ރަށުގެ އިތުރުން ވެރި ރަށް މާލޭގައި ވެސް ޢީދު ކުލަގަދަކޮށް ފާހަގަކުރަން މާލޭ ސިޓީ ކައުންސިލާއި ހައުސިން ޑިވޮލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ)އާއި ޔޫތު މިނިސްޓްރީ ގުޅިގެން އަންނަނީ މަސައްކަތްކުރަމުންނެވެ.