ޑުރަގް ބޮޑު އޮޕަރޭޝަނުން ހައްޔަރުކުރި އެކަކީ މި ސަރުކާރުގެ ސިޔާސީ މަގާމުގައި ހުރި މީހެއް

މި ސަރުކާރުގައި އިކޮނޮމިކް މިނިސްޓްރީގެ އިސް ސިޔާސީ ޑައިރެކްޓަރު އަނާމް (ކ)، އަދި ކުރީ ސަރުކާރުގައި ހޯމް މިނިސްޓްރީގެ ޑައިރެކްޓަރަކަށް ހުރި ޝައްފާޙް (ވ) ---

ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ހިންގަމުން އަންނަ ފަރާތްތައް ހޯދުމަށް ޓަކައި ފުލުހުން "އަލިމަގު"ގެ ނަމުގައި ފެށި އޮޕަރޭޝަން ގއ. އަތޮޅަށް ފުޅާކޮށް, މާލެއާއި ގއ. އަތޮޅުން އިއްޔެ ހައްޔަރުކުރި ހަތަރު މީހުންގެ ތެރޭ މި ސަރުކާރުގެ ސިޔާސީ މުވައްޒަފަކު ހިމެނޭކަން ހާމަވެއްޖެއެވެ.

އިއްޔެ ކުރިއަށް ގެންދިޔަ އޮޕަރޭޝަންގައި ހައްޔަރުކުރި ހަތަރު މީހުންގެ ވަނަވަރު ފުލުހުން އާންމުކުރީ ރޭގެ ވަގުތެއްގައެވެ. އެ މީހުންނަކީ:

  • ޝެވޯނާ / ގއ. ވިލިނގިލި، ޝައްފާޙް ލަޠީފް (28އ)
  • މިޔުޒިކީއާގެ / ގއ. ވިލިނގިލި، އަޙްމަދު މަދީޙު (33އ)
  • އައިޒަން / ގއ. ވިލިނގިލި، އަޙްމަދު އަނާމް އިބްރާހީމް (30އ)
  • އަރާއިރުގެ / ގއ. ވިލިނގިލި، ނޫރުއްނިޡާމް (35އ)

މި ހަތަރު މީހުންގެ ތެރެއިން އަނާމަކީ މި ސަރުކާރުގައި އިކޮނޮމިކް މިނިސްޓްރީގެ ސިޔާސީ އިސް ޑައިރެކްޓަރެކެވެ، އަދި ޝައްފާޙަކީ މިދިޔަ ސަރުކާރުގައި ހޯމް މިނިސްޓްރީގެ ޑައިރެކްޓަރެކެވެ.

އެކަން އެ މިނިސްޓްރީތަކުން މިއަދު ވަނީ 'ސަން'އަށް ކަށަވަރުކޮށްދީފައެވެ.

https://sun.mv/216568

ފުލުހުން ރޭ ބުނި ގޮތުގައި އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ޝައްފާޙާއި މަދީޙާއި އަނާމް ޝަރީއަތް ނިމެންދެން ބަންދުކުރުމަށް، އަދި ނޫރު 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.

މި މީހުންގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލަތައް ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

މަސްތުވާތަކެއްޗާ ދެކޮޅަށް އަލިމަގުގެ ނަމުގައި ފުލުހުން ބޮޑު އޮޕަރޭޝަނެއް ފެށީ މިދިޔަ ނޮވެންބަރު މަހެވެ.

މި އޮޕަރޭޝަންގެ ތެރެއިން މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ ފަރާތްތަކާ ގުޅުންހުރި ތަންތަން ބަލައި ފާސްކުރުމާއި، ގާނޫނު ތަންފީޒުކުރުމަށް އަޅަން ހުރި ފިޔަވަޅުތައް އަޅާނެ ކަމަށް، ފުލުހުން ބުންޏެވެ.

comment ކޮމެންޓް