ޕްރިތީގެ ޝުކުރު އާމިރަށް

ބޮލީވުޑްގެ ފިލްމީ ތަރިން ކަމަށްވާ އާމިރު ޚާން އަދި ޕްރިތީ ޒިންތާ--ފޮޓޯ/ކޮއިމޮއި

ދާދި ފަހުން ބޮލީވުޑްގެ ބަތަލާ ޕްރިތީ ޒިންތާ ސޮއިކުރި ފިލްމު "ލާ ހޯރު 1947"ގެ މަސައްކަތް ނިންމާލުމަށް ފަހު ފިލްމުން ފުރުސަތު ދިން ކަމަށްޓަކާ އެކްޓަރު އާމިރު ޚާނަށް ޝުކުރު އަދާކޮށްފިއެވެ. މި ފިލްމަކީ، އާމިރު ޚާން ޕްރޮޑިއުސްކޮށް، ރާޖްކުމާރު ސަންތޯޝީ ޑައިރެކްޓް ކުރާ ފިލްމެކެވެ.

އަހަރުތަކެއް ވަންދެން ފިލްމީ ދާއިރާގައި ދުރުގައި ހުރުމަށް ފަހު ޕްރިތީ މަސައްކަތް ފެށި ފިލްމު "ލާހޯރު 1947"ގެ ލީޑް ރޯލް ތަރިއަކީ ސަނީ ޑިއޯލެވެ. މި ފިލްމުގެ މަސައްކަތް ނިންމާލަމުން ސޯޝަލް މީޑިއާއަށް ދޫކޮށްލި ޕޯސްޓެއްގައި ޕްރިތީ ބުނެފައިވަނީ، ފިލްމުގެ ކާސްޓުންނާ މުޅި ކްރޫއާ އެކު ހޭދަކުރެވުނު ދުވަސްތަކަކީ އުފާވެރި، ހަނދާނުގައި އަބަދުވެސް ރައްކާކުރެވޭނެ ދުވަސްތަކެއް ކަމުގައެވެ.

ޕްރިތީ ޒިންތާ އެކްޓަރު ސަނީ ޑިއޯލްއާ އެކު--ފޮޓޯ/ފިލްމުފެއަ

ފިލްމުގެ މަސައްކަތްތައް ޕްރިތީ ކުރިއަށް ގެންދިޔައީ ވަރަށް ޝައުގުވެރިކަމާ އެކު ކަމަށާއި މިއީ ބެލުންތެރިން އުފަލާ އެކު ބަލައިގަންނާނެ އަދި ބެލުންތެރިން ވެސް ޝައުގުވެރިކަމާ އެކު ބަލައިގަންނާނެ ފިލްމެއް ކަމަށް އުއްމީދުކުރާ ކަމަށް ޕްރިތީ ވަނީ ބުނެފައެވެ.

މި ފިލްމަކީ މިހާތަނަށް ޕްރިތީގެ ކެރިއަރުގައި މަސައްކަތް ކުރަން ޖެހުނު އެންމެ އުނދަގޫ އަދި ބުރަ ފިލްމުކަމަށް ބަތަލާ ވަނީ ބުނެފައެވެ. އެހެންނަމަވެސް ކުރެވުނު މަސައްކަތާ މެދު ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށާއި ފިލްމުގެ މަސައްކަތްތައް ކުރިއަށް ދިޔައިރު ޕްރޮޑިއުސަރު އާމިރު ޚާންގެ ފަރާތުން ލިބުނު އެއްބާރުލުމަށް ޕްރިތީ ވަނީ ޝުކުރު އަދާކޮށްފައެވެ.

އާމިރު ޚާނާ އެކު ފިލްމު "ދިލް ޗަހަތާ ހޭ"ގެ މުހިއްމު ރޯލަކުން ފެނުނު ބަތަލާއަކީ ނުވަދިހައިގެ ފަހުކޮޅު ބޮލީވުޑަށް ތަޢާރަފުވި ބަތަލާއެކެވެ. ސަނީ ޑިއޯލާ އެކު މީގެ ކުރިން ވެސް ފިލްމަކުން ފެނިފައިވާ ބަތަލާ ކުޅުނު ރީތި ފިލްމުތަކުގެ ތެރޭ "ކިޔާ ކެހެނާ"، "ޗޯރީ ޗޯރީ ޗުޕްކޭ ޗުޕްކޭ"، "ކޮއި މިލްގަޔާ"، "ވީރު ޒާރާ"، "ކަލް ހޯ ނަހޯ" އަދި "ކަބީ އަލްވިދަނާ ކެހެނާ" ހިމެނެއެވެ.

comment ކޮމެންޓް