ޖިނާއީ ކުށްތައް ހުއްޓުވުމަށް އެއްބާރުލުން ދިނުމަށް ސްރީލަންކާއާއި ރާއްޖެއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ހޯދުމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ނިންމަވައިފިއެވެ.
އެމަނިކުފާނު މިފަދައިން ނިންމެވީ މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ފޮރިން މިނިސްޓްރީން ހުށަހަޅާފައިވާ ކަރުދާހާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ފަހުގައެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި، "ޓްރީޓީ ބިޓްވީން ދަ ގަވަންމަންޓް އޮފް ދަ ރިޕަބްލިކް އޮފް މޯލްޑިވްސް އެންޑް ދަ ގަވަންމަންޓް އޮފް ދަ ޑިމޮކްރެޓިކް ސޯޝަލިސްޓް ރިޕަބްލިކް އޮފް ސްރީލަންކާ އޮން މިއުޗުއަލް ލީގަލް އެސިސްޓެންސް އިން ކްރިމިނަލް މެޓާސް"ގެ ދަށުން އެ ގައުމެއްގެ ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތަށް ޖިނާއީ މައްސަލަތަކުގައި ދެ ގައުމުން ވެސް ދެވެން އޮތް އެންމެ ފުޅާ ދާއިރާއެއްގައި އެހީތެރިކަން ދޭން ޖެހޭނެއެވެ.
މި ޓްރީޓީގެ ދަށުން ޖިނާއީ ކުށްތައް ހުޢްޓުވުމަށް އެހީތެރިވުމުގެ އިތުރުން ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން ދަމަހައްޓަން މަސައްކަތް ކުރާނެ ކަމަށް ރައީސް އޮފީހުން ބުނެއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، ސްރީލަންކާއާއި ރާއްޖެއާ ދެމެދު މިއުޗުއަލް ލީގަލް އެސިސްޓެންސް އެއްބަސްވުމެއްގައި ސޮއިކުރުމުގެ އަމަލީ މަސައްކަތް ފަށާފައި ވަނީ 2011 ވަނަ އަހަރުއެވެ.
ރާއްޖެއަކީ ގޭންގު ހަދައިގެން ކުށް ކުރަމުންދާ ވެއްޓެއްގެ ގޮތުގައި އޮތް އޮތުން ބަދަލުކޮށްދިނުމަށް، ހޯމް މިނިސްޓަރު އަލީ އިހުސާން ވަނީ ފުލުހުންގެ ކިބައިން އެދިވަޑައިގެންފައެވެ.
މާލޭގެ އިތުރުން އަތޮޅުތެރޭގެ ރަށްތަކުގައި ވެސް ގޭންކުތަކުން މާރާމާރީއާއި އެހެނިހެން ކުށްތައް ހިންގުމަކީ މިހާރު އާންމު ކަމެކެވެ.
އެގޮތުން މާރާމާރީއާއި، މީހުން މެރުން ފަދަ ކުށްތަކުގައި މީހުން ހައްޔަރުކުރުން މިހާރު އިތުރުވެފައިވާއިރު މިފަދަ ގޭންގު ކުށްތަކުގައި 18 އަހަރުން ދަށުގެ ކުޑަކުދިން ޝާމިލުވާ މިންވަރު ވެސް އިތުރެވެ.