އަންނަ ހަފުތާގެ ބުދަ ދުވަހު ފެށޭ ރަމަޟާން މަހުގެ ކަރަންޓު ބިލު 400 ރުފިޔާއަށް ވުރެ ބޮޑުނުވާނެހެން ޑިސްކައުންޓު ދިނުމަށް ނިންމާފައިވާތީ، ރަމަޟާން މަސް ފެށުމުގެ ކުރިން އަންނަ ހަފުތާގައި ރީޑިން ނެގުމުގެ މަސައްކަތް ކުރާނެ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
މިއަހަރުގެ ރަމަޟާން މަހުގެ ކަރަންޓު ބިލު 400 ރުފިޔާއަށް ވުރެ ބޮޑުނުވާނެ ގޮތަށް ޑިސްކައުންޓު ދެއްވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މީގެ ތިން މަސްކުރިން ވިދާޅުވެފައިވެއެވެ.
ސްޓެލްކޯއިން މިއަދު ބުނީ، ރައީސްގެ އެ ނިންމެވުމާ ގުޅިގެން، ރަމަޟާން މަހަށް ވަކި ބިލެއް ތައްޔާރުކުރުމަށް ރީޑިން ނެގުމުގެ މަސައްކަތް އަންނަ ހޯމަ ދުވަހާއި އަންގާރަ ދުވަހު ކުރިއަށްދާނެ ކަމަށެވެ. އެ މަސައްކަތުގައި ކަސްޓަމަރުންގެ އެއްބާރުލުމަށް ސްޓެލްކޯއިން ވަނީ އެދިފައެވެ.
ރަމަޟާން މަހުގެ ކަރަންޓު ބިލު 400 ރުފިޔާއަށް ވުރެ ބޮޑުނުވާނެ ކަމަށާއި، ބިލުގެ ބާކީބައި ޑިސްކައުންޓުގެ ގޮތުގައި ހައްދަވައިދެއްވާނެ ކަމަށް ރައީސް ވިދާޅުވީ ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަކުރުމަށް ވެރިކަންކުރާ ޕީއެންސީން މިދިޔަ ނޮވެންބަރު މަހުގެ މެދުތެރޭ ބޭއްވި ޖަލްސާގައެވެ.
"ޑޮމެސްޓިކް ރޭޓުން ބިލުކުރާ ކޮންމެ ބިލަކަށް ނަގާނީ، އަންނަ ރަމަޟާން މަހުގެ ބިލަށް ނަގާނީ 400 ރުފިޔާ އެންމެ ގިނަވެގެން. ބާކީ ބައި ޑިސްކައުންޓް," ރައީސް ވިދާޅުވިއެވެ.
ފާހަގަކުރެވޭ ގޮތުގައި މިދިޔަ ރަމަޟާން މަހު ސަރުކާރުން ވަނީ، ކަރަންޓު ބިލަށް ޑިސްކައުންޓު ދީފައެވެ.
ރަމަޟާން މަހު ކަރަންޓާއި ފެންބިލުން ޑިސްކައުންޓު ދިނުމަކީ ރައީސްގެ ވައުދުފުޅެކެވެ. މިދިޔަ އަހަރުވެސް އެމަނިކުފާނުވަނީ ރަމަޟާންމަހުގެ ކަރަންޓާއި ފެންބިލުން ޑިސްކައުންޓު ދެއްވައިފައެވެ.
މިދިޔަ އަހަރު ދިން ޑިސްކައުންޓުގެ ޖުމްލަ ގާތްގަނޑަކަށް 140 މިލިއަން ރުފިޔާއަށް އަރައެވެ.