ލައިސެންސް ނެތް މީހަކު ދުއްވި ކާރެއް އެކްސިޑެންޓުވެ، އަންހެނަކަށް އަނިޔާވެއްޖެ

ހުޅުމާލެ: ހުޅުމާލޭގައި ރެއާއި މިއަދުވެސް އެކްސިޑެންޓު ހިނގާފައިވޭ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހުޅުމާލޭގައި ލައިސެންސް ނެތް މީހަކު މިއަދު ދުއްވި ކާރެއް އެކްސިޑެންޓުވެ، އަންހެނަކަށް އަނިޔާވެއްޖެއެވެ.

ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ، ހުޅުމާލެ ރީތިގަސް މަގު ކަރެކްޝަނަލް ސާވިސަސް ކައިރީ ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމަށް މިއަދު 16:40 އެހާކަންހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އެ އެކްސިޑެންޓުގައި އަނިޔާވި މީހާއަށް ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށާއި އެއީ 35 އަހަރުގެ ދިވެހި އަންހެނެއް ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ އެކްސިޑެންޓުގައި ހިމެނޭ ދެ އުޅަނދަށް ވެސް އެކިވަރުގެ ގެއްލުން ވެފައިވާ ކަމަށެވެ.

އެ އެކްސިޑެންޓުގައި ހިމެނޭ ކާރު ދުއްވީ ލައިސެންސް ނެތް މީހެއް ކަމަށާއި ނަމަވެސް ސައިކަލް ދުއްވި މީހާގެ ލައިސެންސް އޮތް ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

ރޭ ވެސް ހުޅުމާލޭގައި އެކްސިޑެންޓެއްގައި ހިނގާފައިވެއެވެ. އެގޮތުން މަގު ހުރަސްކުރި މީހެއް ގައިގައި ސައިކަލަކުން ޖެހި، ދެ މީހަކު ހޮސްޕިޓަލަށް ގެންގޮސްފައިވެއެވެ.

https://sun.mv/192626

މާލެ ސަރަހައްދުގައި ނުރައްކާތެރި އެކްސިޑެންޓްތައް ހިނގުން އާންމުވެފައިވާއިރު، މިފަދަ ނުރައްކާތެރި އެކްސިޑެންޓްތަކުގައި ސީރިއަސް އަނިޔާތައް ލިބި، މީހުންގެ ފުރާނަ ވެސް ގެއްލިފައި އެބަހުއްޓެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މި އަހަރުގެ ފުރަތަމަ ހަތަރު މަސް ދުވަހު ވަނީ 1044 އެކްސިޑެންޓު ހިނގައިގެން ފުލުހުންނަށް ރިޕޯޓުކޮށްފައެވެ. އެއީ، މިދިޔަ އަހަރުގެ އެ މުއްދަތާ އަޅައިބަލާއިރު 335 ގެ އިތުރުވުމެކެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި ރިޕޯޓުކޮށްފައިވަނީ 709 އެކްސިޑެންޓެވެ.

ގުޅޭ ޓެގު
comment ކޮމެންޓް