މަގު ހުރަސްކުރަނިކޮށް ސައިކަލަކުން ޖެހި، ދެ މީހުންނަށް ވެސް ފަރުވާދެނީ

މަގު ހުރަސްކުރި މީހެއްގެ ގައިގައި ސައިކަލަކުން ޖެހި އަނިޔާވުން: މި ހާދިސާ ހިނގީ ހުޅުމާލޭގައި -- ސަން ފޮޓޯ

ހުޅުމާލޭގައި މަގު ހުރަސްކުރި މީހެއް ގައިގައި ރޭ ސައިކަލަކުން ޖެހި، ދެ މީހަކު ހޮސްޕިޓަލަށް ގެންގޮސްފިއެވެ.

މި ހާދިސާ ހިނގީ ހިތިގަސް މަގު ސިންތެޓިކް ޓްރެކް ކައިރިން މަގު ހުރަސް ކުރި މީހެއް ގައިގައި ދުއްވާފައި ދިޔަ ސައިކަލަކުން ޖެހިގެން ރޭ 21:30 އެހާކަންހާއިރެވެ.

ފުލުހުން ބުނީ، ރޭ ސިންތެޓިކް ޓްރެކް ކައިރިން މަގު ހުރަސްކުރި މީހެއްގެ ގައިގައި ސައިކަލަކުން ޖެހި އެކްސިޑެންޓްވެފައިވާ ކަމަށް ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.

ރޭގެ އެކްސިޑެންޓުގައި މަގު ހުރަސްކުރި މީހާއާއި ސައިކަލު ދުއްވަން އިން މީހާއަށް ވެސް އަނިޔާވެގެން ހުޅުމާލޭ ހޮސްޕިޓަލަށް ވަނީ ގެންގޮސްފައެވެ. އެކްސިޑެންޓުވި ސައިކަލަށް ވެސް އެކިވަރުގެ ގެއްލުންތައް ވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ސައިކަލު ދުއްވި މީހާގެ ލައިސަންސް އޮތްކަން ފުލުހުން ވަނީ ކަށަވަރުކޮށްދީފައެވެ.

މި އެކްސިޑެންޓްގެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ.

މާލެ ސަރަހައްދުގައި ނުރައްކާތެރި އެކްސިޑެންޓްތައް ހިނގުން އާންމުވެފައިވާއިރު، މިފަދަ ނުރައްކާތެރި އެކްސިޑެންޓްތަކުގައި ސީރިއަސް އަނިޔާތައް ލިބި، މީހުންގެ ފުރާނަ ވެސް ގެއްލިފައި އެބަހުއްޓެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މި އަހަރުގެ ފުރަތަމަ ހަތަރު މަސް ދުވަހު ވަނީ 1044 އެކްސިޑެންޓު ހިނގައިގެން ފުލުހުންނަށް ރިޕޯޓުކޮށްފައެވެ. އެއީ، މިދިޔަ އަހަރުގެ އެ މުއްދަތާ އަޅައިބަލާއިރު 335 ގެ އިތުރުވުމެކެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި ރިޕޯޓުކޮށްފައިވަނީ 709 އެކްސިޑެންޓެވެ.

comment ކޮމެންޓް