ވިޔަފާރި އުސޫލުން އެސްއެސް މީޑިއާއިން އުފައްދާ ފުރަތަމަ ޑްރާމާ ސިލްސިލާ "ރައިހާ"ގެ ޝޫޓިން ފަށައިފި

އެސްއެސް މީޑިއާއިން ވިޔަފާރި އުސޫލުން އުފައްދާ ފުރަތަމަ ޑްރާމާ ސިލްސިލާ، "ރައިހާ"ގެ ޝޫޓިންގެ ތެރެއިން -- ސަން ފޮޓޯ

ވިޔަފާރި އުސޫލުން އެސްއެސް މީޑިއާއިން އުފައްދާ ފުރަތަމަ ޑްރާމާ ސިލްސިލާ، "ރައިހާ"ގެ ޝޫޓިން ފަށައިފިއެވެ.

އެސްއެސް މީޑިއާގެ ޗީފް ކޮންޓެންޓް އޮފިސާ މުޙައްމަދު ޒަހީން ވިދާޅުވީ، ވިޔަފާރި އުސޫލުން އެސްއެސް މީޑިއާއިން އުފައްދާ މި ޑްރާމާ ސިލްސިލާއަކީ އަދި ފެށުމެއް ކަމަށެވެ. މިއީ މުނިފޫހިފިލުވުމުގެ އިންޑަސްޓްރީގައި މަސައްކަތްކުރާ ފަރާތްތަކަށް ފުރުސަތު ތަނަވަސްކޮށްދިނުމާއެކު ވިޔަފާރި އުސޫލުން މަންފާ ހޯދުމަށް އެސްއެސް މީޑިއާއިން ކުރަމުންދާ މަސައްކަތެއް ކަމަށް ޒަހީން ވިދާޅުވިއެވެ.

"އެގޮތުން މާކެޓަށް ނެރޭ އެންމެ ފުރަތަމަ މަސައްކަތް މީ. މިއީ އޯޓީޓީ ޕްލެޓްފޯމްތަކަށް ޚާއްސަކޮށް ކުރާ މަސައްކަތެއް" ޒަހީން

މި ސިލްސިލާ ޑައިރެކްޓްކޮށް ޕޯސްޓް ޕްރޮޑަކްޝަންގެ މަސައްކަތް ކުރަނީ ރާއްޖޭގައި މަޝްހޫރު އެތައް ފިލްމަކާއި ޑްރާމާ ސިލްސިލާތަކާއި ވީޑިއޯ ލަވަތައް އުފައްދާފައިވާ އަލީ ރަޝީދު (ގޮޅާ އައްޔަ)އެވެ.

މި ޑްރާމާ ސިލްސިލާއާ ގުޅޭގޮތުން މައުލޫމާތު ދެމުން އައްޔަ ބުނީ، މިއީ ލޯބީގެ ފިލްމުތައް ބަލައި އުޅޭ ފަރާތްތަކަށް ކަމުދާނެ، ތަފާތު ހާދިސާތައް ފެނިގެންދާނެ ޑްރާމާ ސިލްސިލާއަކަށް ވާނެ ކަމަށެވެ. އައްޔަ ބުނިގޮތުގައި މި ސިލްސިލާގެ މަންޒަރުތައް ނަގަމުންދަނީ މ. އަތޮޅު މުލަކުގައެވެ.

ރައިހާ ޑްރާމާ ސިލްސިލާގެ ޝޫޓިން ފެށިގެން މިހާރު ކުރިއަށްދާއިރު ރަށުގެ ރައްޔިތުންގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމާއި އެހީތެރިކަން ލިބެމުންދާ ކަމަށް އައްޔަ ބުންޏެވެ. ހަމައެއާއެކު މި ސިލްސިލާގެ އެކި އެޕިސޯޑްތަކުގައި މުލަކުގެ ބައެއް ޒުވާނުންގެ އެކްޓްކުރުމުގެ ހުނަރު ވެސް ފެނިގެން ދާނެކަމަށް އައްޔަ ބުންޏެވެ.

ބާރަ އެޕިސޯޑުގެ މައްޗަށް އެކުލެވިގެންވާ މި ސިލްސިލާގެ ސްކްރިޕްޓާއި ސްކްރީންޕްލޭ ލިޔެފައި ވަނީ އާމިނަތު ރިނާޒާ (ރިނާ)އެވެ. ރިނާ އަކީ މީގެ ކުރިން ބަލްގިސް، ހަނާ، ޔަޝްނާ ފަދަ މަޝްހޫރު އެތައް ޑްރާމާއެއްގެ ވާހަކައާއި ސްކްރީންޕްލޭ ލިޔެފައިވާ ހުނަރުވެރި ލިޔުންތެރިއެކެވެ.

ރައިހާ ޑްރާމާ ސިލްސިލާގެ އިސް ރޯލްތައް އަދާކުރާ އެކްޓަރުންގެ ތެރޭގައި ރާއްޖޭގައި ފާހަގަކޮށްލެވޭ ހުނަރުވެރި ދެ ފަންނާނުން ހިމެނެއެވެ. އެއީ، އަލީ އާޒިމް (ދޮން އައްޔަ) އާއި އާމިނަތު ނޫރާއެވެ.

އެސްއެސް މީޑިއާއިން ވިޔަފާރި އުސޫލުން އުފައްދާ ފުރަތަމަ ޑްރާމާ ސިލްސިލާ، "ރައިހާ"ގެ ޝޫޓިންގެ ތެރެއިން -- ސަން ފޮޓޯ

ބޮޑު އިންޖަރީއަކަށް ފަހު ފިލްމީ ދާއިރާއާ ދުރުގައި އެއް އަހަރު އުޅުމަށް ފަހު އެންބުރި އައި ދޮން އައްޔަ ބުނާ ގޮތުން ނަމަ މި ފަހަރު އޭނާ ފެނިގެން މިދަނީ މުޅިން ތަފާތު ކެރެކްޓާއަކުންނެވެ. މިއީ އަދި އޭނާ މީގެ ކުރިން ނުކުޅޭ ތަފާތު ރޯލެކެވެ.

"މީގެ ކުރިން ވެސް އައްޔައާ އެކު ހުރީ މަސައްކަތް ކުރެވިފައި. ވަރަށް ހިތްހަމަޖެހޭ އައްޔަގެ މަސައްކަތާ ދޭތެރޭ އަދި އައްޔަގެ ޑައިރެކްޝަނާ ދޭތެރޭ،" ދޮން އައްޔަ ބުންޏެވެ.

"މި ސިލްސިލާގެ ޑައިރެކްޝަނާ ދޭތެރޭ ވަރަށް ހިތްހަމަޖެހޭ. ކާސްޓުންނާ އެކު ވެސް ވަރަށް ފަސޭހަ މަސައްކަތް ކުރަން. ޚާއްސަކޮށް ފާހަގަކޮށްލަން ބޭނުން ރީނާގެ މަސައްކަތް. ވަރަށް ހުނަރުވެރި،" ދޮން އައްޔަ

ފިލްމީ ދާއިރާގައި ނޫރާއަކީ ވެސް އެކި ޑްރާމާތަކާއި ލަވަތަކުގައި ތަފާތު ރޯލުތައް ކުޅެފައިވާ ފަންނާނެކެވެ. ނޫރާ ބުނާ ގޮތުގައި މިއީ "ހަނާ" އަށް ފަހު އޭނާ ކުޅޭ އެންމެ ބޮޑު ރޯލެވެ. އަދި އެންމެ އުފާވަނީ ދޮން އައްޔައާއި އެކު މި ރޯލު ކުޅެން ލިބުމުން ކަމަށް ނޫރާ ބުންޏެވެ.

"ކުރިން ވެސް މަސައްކަތް ކޮށްފައި ހުންނާނީ ދޮން އައްޔައާއެކު. ވަރަށް ފަސޭހަ އަނެއްކާ ދޮން އައްޔައާއެކީ މަސައްކަތްކުރަން ވެސް. އެންމެ އުފާވަނީ މި ވާހަކަ ރީތިވީމަ. މިއީ ވަރަށް ރީތި ވާހަކައެއް. ވަރަށް އުފާވޭ މި ފުރުސަތު ލިބުނީތީ ވެސް،" ނޫރާ

މި ޑްރާމާ ސިލްސިލާގައި ދެން އެންމެ ތަފާތު ރޯލަކުން ފެނިގެންދާނީ، އަލީ އުސާމް (ދޮނާ)އެވެ. ދޮނާއަކީ މި ސިލްސިލާގައި އެކްޓަރެއްގެ އިތުރުން މޭކަޕް އާޓިސްޓް ވެސްމެއެވެ. އަދި މި ސިލްސިލާގެ ޕްރޮޑަކްޝަން މެނޭޖަރެއްގެ އިތުރުން ކޮސްޓިއުމް ކޯޑިނޭޓް ކުރުމުގެ މަސްއޫލިއްޔަތު ވެސް އުފުލަނީ ދޮނާއެވެ. ދޮނާއަކީ ވެސް ވަރަށް ހުނަރުވެރި ފަންނާނެކެވެ.

ދޮނާ ބުނާގޮތުން ނަމަ މަދު ދުވަސްކޮޅެއްގެ ތެރޭގައި ނިންމުމަށް ޝެޑިއުލް ކުރެވިގެން، ވަރަށް ބާރު ސްޕީޑުގައި މި މަސައްކަތް ދަނީ ކުރަމުންނެވެ. އަދި ބޮޑު އީދުގެ ކުރިން ޝޫޓިން ނިންމާލާފައި އެބުރި މާލެ ދެވޭނެކަމަށް އުއްމީދުކުރާކަމަށް ދޮނާ ބުންޏެވެ.

"ހިތް ހަމަޖެހޭ މި މަސައްކަތާ ދޭތެރޭ. ކުރިން ވެސް ދޮން އައްޔަ އަދި ނޫރާއާ އެކު މަސައްކަތް ކުރިން. ދެން މި ސީރީޒާ ދޭތެރޭ ބުނެލަން އޮތީ ލޯބީގެ އެއްޗެހި ބަލާ މީހުންނަށް ވަރަށް ކަމުދާނެއޭ މި ޑްރާމާ ސީރީސް،" ދޮނާ

ދެން މި ސިލްސިލާއިން ފެނިގެން ދާނީ މުޅިން އާ ތަރިއެކެވެ. އަލަށް ޑްރާމާ ސިލްސިލާއަށް ތަޢާރަފްކުރެވޭ ލައިޝާ ލަތީފްގެ ހުނަރުވެރިކަން މި ސިލްސިލާގެ ތަފާތު ރޯލަކުން ފެނިގެންދާނެއެވެ.

ލައިޝާ ބުނީ އޭނާ މުޅިން އަލަށް ކުރަން ފެށި މަސައްކަތެއް ނަމަވެސް ބެލުންތެރިން ހިތްހަމަޖެހޭނެ ފަދަ އެކްޓިން އެއް ދެއްކުމަށް މަސައްކަތް ކުރާނެ ކަމަށެވެ.

ލޯބީގެ ތަފާތު އިހުސާސްތައް ދައްކުވައިދޭ މި ސިލްސިލާގެ ސިނަމެޓޯގްރަޕީ މަސައްކަތް ކުރަނީ އެސްއެސްޓީވީގެ ސީނިއާ ކެމެރާމަން، މުހައްމަދު ޝާނެވެ.

ކުރިއަށް އޮތް ތަނުގައި ވެސް އެސްއެސް މީޑިއާއިން މިފަދަ ޑްރާމާ ސިލްސިލާތަކާއި އެހެނިހެން އުފެއްދުންތައް ވިޔަފާރީގެ އުސޫލުން ނެރުމަށް މަސައްކަތް ކުރަމުންދާނެކަމަށް އެސްއެސް މީޑިއާގެ ޗީފް ކޮންޓެންޓް އޮފިސާ ޒަހީން ވިދާޅުވިއެވެ. މިކަމުގެ ސަބަބުން މުނިފޫހި ފިލުވުމުގެ އިންޑަސްޓްރީއަށް ކުރިއެރުން ލިބި، ދިވެހި ފަންނުވެރީންނަށް ފުރުސަތު ލިބިގެން ދިޔުމަކީ އެސްއެސްމީޑިއާގެ މަގްސަދުކަމުގައި ޒަހީން ވިދާޅުވިއެވެ.

ރައިހާ ޑްރާމާ ސިލްސިލާ މި އަހަރުގެ ތެރޭގައި އާންުމު ޕްލެޓްފޯމަކުން ފެންނާނެކަމަށް އެސްއެސްމީޑިއާ އިން ބުނެއެވެ.

comment ކޮމެންޓް