މި ތިން އެކުވެރިންނާ އެކު ކޭކު ކާލައި ތުރިފްޓު ކޮށްލަން ހިނގާ!

(ކ-ވ) ސުބުހަތު ފާތިމަތު ޝަކީބް، އީޝާ އަހްމަދު، އާއިޝަތު މަނާލް މުހައްމަދު ---

ފާސްޓް ފެޝަނާ އެކު ތިމާވެއްޓަށް ކުރާ ނުރައްކާތެރި އަދި ނޭދެވޭ އަސަރުތަކާ ގުޅިގެން އެ ކަމާ ދުރުވުމަށް ޒުވާނުން އަންނަނީ ތަފާތު އެކި މަސައްކަތްތައް ކުރަމުންނެވެ. އެއާ އެކު ޒުވާނުންގެ މެދުގައި ތުރިފްޓުކުރުމުގެ ސަގާފަތެއް އަންނަނީ އާލާވަމުންނެވެ. ބޭރުގައި ކިޔަވަން އުޅުމުގެ ތެރޭގައި ތިން އެކުވެރިންނަށް ވެސް ވަނީ ތުރިފްޓު ކުރުމަށް ލޯބި ޖެހިފައެވެ. މި ތިން އެކުވެރިން މިހާރު ރެޑީ ވަނީ މި ލޯބި އެހެން މީހުންނަށް ވެސް ހިއްސާކުރުމަށެވެ.

އަވަސް އަވަހަށް ހެދުންތައް ގަނެ، ހަމަ އަވަސް އަވަހަށް އެ އުކާލުމުގެ އާދައާ ޒުވާނުން އަންނަނީ ދުރުވަމުންނެވެ. އޭގެ ބަދަލުގައި ކުރީން ބޭނުންކޮށްފައިވާ ހެދުންތައް ތަފާތު ގޮތްގޮތަށް ސްޓައިލް ކުރުމަށް ނުވަތަ ތުރިފްޓު ކުރުމަށް މިހާރު އާދަކުރަމުންނެވެ. ތިން އެކުވެރިން ކަމަށްވާ އާއިޝަތު މަނާލް މުހައްމަދުއާއި ސުބުހަތު ފާތިމަތު ޝަކީބް އަދި އީޝާ އަހްމަދު އަކީ މި ފާހަގަކުރި ތުރިފްޓިންއަށް ވަރަށް ލޯބިކުރާ ތިން ޒުވާނުންނެވެ.

View this post on Instagram

A post shared by Easha (@eeahzzz)

މެލޭޝިއާގައި ކިޔަވަން އުޅުނުއިރު ތިން ޒުވާނުން ވެސް ތަފާތު އެކި ކަހަލަ ތުރިފްޓް ސްޓޯތައް ބެލުމަށް ވަރަށް ލޯބި ހުރެއެވެ.

"އެންމެ ފުރަތަމަ ތަފާތު އެއްޗެހި ތުރިފްޓްކޮށް އެކި ކަލަހަ ސްޓައިލްތައް ޓްރައިކުރަން ލިބުމުން ވަރަށް އެކްސައިޓިން ކަމަކަށް ވެގެން ދިިޔައީ. އެކަމަކު, ތުރިފްޓު ސްޓޯގެ ހުރި ނުފޫޒު އެނގެން ފެށީ ދުވަސް ވީ ވަރަކަށް،" މަނާލް ކިޔައިދިނެވެ.

ތުރިފްޓަކީ ހަމައެކި ރީތި އައުޓްފިޓެއް ހެޔޮ އަގުގައި ހޯދާލުމެއް ނޫނެވެ. އޭގެ ސަބަބުން ތިމާވެއްޓަށް ވެސް ކުރާ ފައިދާ ބޮޑުކަން މަނާލް ފާހަގަކުރެއެވެ.

View this post on Instagram

A post shared by Easha (@eeahzzz)

ތުރިފްޓު ކުރުމުގެ ތެރެއިން އަމިއްލަ ކޮމިއުނިޓީއެއް ވެސް އުފެދިގެން ދިޔައެވެ. މެލޭޝިއާއާއި ރާއްޖޭ އެކި މީހުންނާ ބައްދަލުވެ، އެކައްޗަކަށް އޮތް ލޯބި އެކަކު އަނެކަކާ މެދު ހިއްސާކުރަން ފުރުސަތު ލިބުނެވެ.

"މެލޭޝިއާއިން އައިއިރު ގެންގުޅުނު ހެދުންތައް ހިފައިގެން އައީ. އަދި އެ އަލުން ވިއްކުމަށް ނޫނީ ޑޮނޭޓް ކުރުމަށް ރަނގަޅު ފުރުސަތެއްގެ އިންތިޒާރުގައި މި ހުރީ. މިއަށް ގޮތެއް ނިންމަން އެކި މީހުންނާ ވާހަކަ ދެއްކުމުން ލިބުނު ހިޔާލަކީ ތުރިފްޓް ޕޮޕްއަޕް އެއް ބާއްވަން،" މަނާލް ކިޔައިދިނެވެ.

View this post on Instagram

A post shared by Easha (@eeahzzz)

މީގެ ކުރިން ލާފައިހުރި ހެދުންތައް ހެޔޮ އަގުގައި ދޫކޮށްލުމަށް އިވެންޓެއް ރޭވިގެން ދިޔައީ މިގޮތަށެވެ. ޕޮޕްއަޕް އިވެންޓެއް ބޭއްވުމަށް އީޝާ ދިން ހިޔާލަށް މަނާލް ވެސް ބައިވެރިވާން ބޭނުންވިއެވެ. ތުރިފްޓާއި ކޭކު އެއްވީ މިހާ ހިސާބުންނެވެ.

މަނާލް އަކީ ތަފާތު އެކި ކަހަލަ އެއްޗެހި ހެދުމަށް ލޯބި ކުރާ ޒުވާން ބޭކަރެކެވެ. މި ފުރުސަތު ވެގެން ދިޔައީ މަނާލް ތައްޔާރުކުރާ ތަފާތު ކޭކުތައް އާންމުންނަށް ޓެސްޓު ކޮށްލަން ދޫކޮށްލެވޭނެ ފުރުސަތަކަށެވެ. ތުރިފްޓާއި ކޭކު އެއްވެ އީޝާއާއި މަނާލް އަދި ސުބު ވެސް މި އިވެންޓު ރާވަން ފުލް ގިއަރަށް ޖަހާލިއެވެ.

ތުރިފުގެ ބައިގައި އީޝާއާއި ސުބު އުޅޭއިރު ކޭކުގެ ބައި މުޅިން ހިފަހައްޓާނީ މަނާލްއެވެ. މަނާލް ކިޔައިދިން ގޮތުގައި މި "ތުރިފްޓް އެންޑް ކޭކް" އިވެންޓުން ތަފާތު ހެދުންތައް ޓެސްޓުކޮށްލައި ތަފާތު ރަހަތަކުގެ ކޭކުތައް ރަހަ ބަލާލަން ފުރުސަތު ލިބޭނެއެވެ.

View this post on Instagram

A post shared by manaal mohamed (@manaalulu)

ހޮނިހިރު ދުވަހު ބާއްވާ އިވެންޓަށް މަނާލް ތަފާތު ހަ ފްލޭވާއެއްގެ ކޭކު ރަހަތައް އާންމު ކުރާނެއެވެ. އެއީ، "މިލްކް ބަނާނާ" އާއި "މާޗާ އަދި މެންގޯ"އާއި "ޕިސްޓާޝިއޯ އަދި ރާސްބެރީ"އެވެ. އޭގެ އިތުރުން، ދެން ހިމެނޭނީ "ޗޮކްލެޓް އަދި އޮރެންޖް"އާއި "ލުނބޯ އަދި ބްލޫބެރީ" އަދި "ޗޮކްލެޓް އަދި ކެރަމަލް" ފްލޭވާތަކުގެ ކޭކްތައް މި އިވެންޓުން ލިބޭނެއެވެ.

ތުރިފްޓު ކޮށްލަން ވެސް ތަފާތު އެކި އެއްޗެހި ލިބޭނެއެވެ. އޭގެ ތެރޭގައި ޓޮޕާއި ގަމީސް އަދި ޖީންސްގެ އިތުރުން އަބާޔާއާއި ހިޖާބު ހިމެނެއެވެ. އޭގެ އިތުރުން، ސެރަމިކް އަދި ބިއްލޫރި ޓޭބަލްވެއާ ވެސް މި ޕޮޕްއަޕް އިވެންޓުން ގަނެލަން ލިބޭނެއެވެ. ސުބުގެ ފޮތްތަކާއި ބައެއް ޕްރިންޓްތައް ވެސް މި ޕޮޕްއަޕް އިވެންޓުން ލިބޭނެއެވެ.

View this post on Instagram

A post shared by Subuhath. (@lilfathimaaaa)

ތުރިފްޓުގެ މައިގަނޑު ބައިގައި ހިމެނޭ ހެދުންތަކުގެ އަގުތައް ހުންނާނީ 50 ރުފިޔާއާއި 300 ރުފިޔާއާ ދެމެދުގައެވެ. މީގެ ކުރީން ބޭނުންކޮށްފައި ހުރި ހެދުންތަކުގެ އިތުރުން ބައެއް ބޭނުންނުކޮށް ހުރި އެއްޗެހި ވެސް ތުރިފްޓް ޕޮޕްއަޕްއިން ލިބޭނެއެވެ.

މި އިވެންޓު ކުރިއަށްދާނީ ހޮނިހިރު ދުވަހު 1630 އިން ފެށިގެން 1900ގެ ނިޔަލަށެވެ. އަދި، މި ހަރަކާތް ކުރިއަށްދާނި ހުޅުމާލޭގެ "މިނިސޮ" އިމާރާތުގެ ހަވަނަ ފަންގިފިލާ / ޓެރަސް (ނިރޮޅުމަގު 7) ގައެވެ.

comment ކޮމެންޓް