ޙައްޖުވެރިން ފުރުން ހުކުރު ދުވަހު، މިނިސްޓްރީން އެދެނީ ފުރިހަމައަށް ތައްޔާރުވާން

ދިވެހި ޙައްޖު ވެރިން--- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ

ހައްޖުވެރިންގެ ފުރަތަމަ ގުރޫޕް ހުކުރު ދުވަހު ފުރާއިރު ފުރިހަމައަށް ތައްޔާރުވާން އިސްލާމިކް މިނިސްޓަރީން އެދިއްޖެއެވެ.

ހައްޖު ކޯޕަރޭޝަނުން މިރޭ ވަނީ ހައްޖުވެރިންނަށް މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ވެސް މިރޭ ކުރިއަށް ގެންގޮސްފައެވެ.

އެ ބައްދަލުވުުމުގައި ވާހަކަދައްކަވަމުން އިސްލާމިކް މިިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ މި ދަތުރަކީ ވަރަށް ވެސް މާތް ދަތުރެއް ކަމަށާއި މި ދަތުރުގެ ބޭނުން އެންމެ ހެޔޮ ގޮތުގައި ހިފުމަށް އަޒުމު ކަނޑައަޅަންޖެހޭނެ ކަމަށެވެ.

ޝަހީމް ވިދާޅުވީ މި އަޅުކަމަކީ ﷲ އަށް ޓަކައި އަދާކުރާ އަޅުކަމަކަށް ހަދަންޖެހޭނެ ކަމަށާއި އެއްވެސް ދެއްކުންތެރިކަމެއް މި އަޅުކަމުގެ ތެރޭގައި ބާއްވައިގެން ނުވާނެ ކަމަށެވެ.

މައްކާގެ ހަރަމްފުޅުގައި ތަވާފުކުރާއިރުގައި އެހެން ގައުމުތަކުގެ މީހުން ކަންކަން ކުރާ މަންޒަރު ފެންނާނެ ކަމަށާއި އެއިން މަންޒަރަކަށް ތަބާވެގެން އަޅުކަން ހަލާކުކޮށްނުލަމަށް މިނިސްޓަރު ނަސޭހަތްތެރިވިއެވެ.

"ވަރަށް ލުއިފަސޭހަކަމާއެކުގައި، ވަރަށް އިޙުލާސްތެރިކަމާއެކުގައި މި ތަވާފު އަދާކުރުމަށް އަޅުގަނޑުމެން މަސައްކަތްކުރަން ޖެހޭނެ"

ޝަހީމް އިތުރަށް ވިދާޅުވީ މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޓެޑްއާ ދޭތެރޭގައި ފުރިހަމަ ޔަގީންކަމާއި އިތުބާރު އޮތްކަމަށެވެ.

ނަމަވެސް ކިތަންމެ ރަނގަޅަށް އިންތިޒާމު ކުރި ނަމަވެސް ހައްޖު ފަދަ ބޮޑު ކޯޕަރޭޝަނެއްގެ ތެރޭގައި ބޭނުން ނުވާ ގޮތަށް ކަމެއް ދިމާވެދާނެ ކަމަށެވެ. އެފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ ކެތްތެރިވުމަށާއި ހައްޖުގެ އަޅުކަން ހަލާކުވާފަދަ އެއްޗެހި ކިޔައި ނުހެދުމަށް މިނިސްޓަރު އިލްތިމާސްކުރެއްވިއެވެ.

މި އަހަރު ރާއްޖެއިން ހައްޖަށް ފުރާ އެންމެ ފަހު ގްރޫޕް ފުރާނީ އަންނަ މަހުގެ ހަތްވަނަ ދުވަހެވެ.

މި އަހަރުގެ ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ފުރާ ކޮންމެ ހައްޖާޖީއެއް އަތުގައި ލައިވް ލޮކޭޝަން ބެލޭ ޓްރެކިން ޑިވައިސްއެއް އޮންނާނެއެވެ.

އެ ޓްރެކިން ޑިވައިސްގެ އެހީގައި، ގެއްލޭ ހައްޖާޖީން ތިބޭ ތަން ވަގުތުން އެ ކޯޕަރޭޝަނަށް ދެނެގަނޭވޭނެ ނިޒާމެއް ގާއިމުކޮށްފައިވާނެއެވެ.

comment ކޮމެންޓް