ކަރަންޓުގައި ޖެހުނު ޒުވާނާގެ ހާލު ރަނގަޅެއް ނުވޭ، އަދިވެސް ވެންޓިލޭޓަރުގައި

މެއި 14، 2020: އައިޖީއެމްއެޗް ހޮސްޕިޓަލް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރ. އުނގޫފާރުގައި ކަރަންޓު ޖެހިގެން، އިތުރު ފަރުވާ ދިނުމަށް މާލެ ގެނައި ޒުވާނާގެ ހާލު އަދިވެސް ސީރިއަސް ކަމަށާއި ފަރުވާ ދެނީ ވެންޓިލޭޓަރުގައި ކަމަށް އާއިލާއިން މިއަދު ބުނެފިއެވެ.

އުނގޫފާރުގައި ފެންގަނޑެއްތެރެއަށް އެރި އުޅުނު ކުޑަކުދިންތަކަށް ކަރަންޓު ޖެހުނީ މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހުއެވެ. އެ ހާދިސާގައި އަނިޔާވީ 12 އަހަރުގެ އަންހެން ކުއްޖަކާއި އަށް އަހަރުގެ ފިރިހެން ކުއްޖެއްގެ އިތުރުން 18 އަހަރުގެ ޒުވާނަކަށެވެ. އެ ޒުވާނާއަށް އަނިޔާވީ ކަރަންޓުގައި ޖެހުނު ކުއްޖާ ސަލާމަތް ކުރަން އުޅުމުގެ ތެރެއިންނެވެ. މި ހާދިސާގައި އެންމެ ބޮޑަށް އަނިޔާ ވީ ވެސް ޒުވާނާއަށެވެ.

https://sun.mv/192360

އޭނާގެ އާއިލާ މީހަކު މިއަދު "ސަން"އާ ވާހަކަ ދައްކަމުން ބުނީ، ހާލު ދެރަވި ޒުވާނާ އަދިވެސް އޮތީ އައިޖީއެމްއެޗްގެ ވެންޓިލޭޓަރުގައި ކަމަށެވެ. އަދި، ހާލަތު ރަނގަޅު ނުވާކަމަށް އޭނާ ބުންޏެވެ.

"މިއަދު ޑޮކްޓަރު ބުނި އިތުރު ސްކޭނެއް ކުރާ ވާހަކަ. އެކަމަކު އަދި ސްކޭނެއް ނުކުރޭ،" އާއިލާއިން ވާހަކަދެއްކި މީހާ ބުންޏެވެ.

މި ޒުވާނާއަށް ބޮޑެތި އަނިޔާތަކެއް ވެފައިވަނީ އެތެރެ ހައްޓަށެވެ. ބޭރު ފުށުން ލިބިފައިވަނީ ހަމައެކަނި ވެއްޓުމުން ލިބިފައިވާ އަނިޔާތަކެވެ. އޭނާއަށް ފުރަތަމަ ފަރުވާ ދިނީ އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުންނެވެ.

ނަމަވެސް، ހާލަތު ރަނގަޅު ނުވާތީ އޭނާ މާލެ ގެނައީ މިދިޔަ ހޮނިހިރު ދުވަހުއެވެ.

މި ހާދިސާއަށް ފަހު ފެނަކައިން ކަރަންޓުގެ ޚިދުމަތްދޭ ހުރިހާ ރަށެއްގައި ކަރަންޓުގެ ކަންކަން ހުރީ ގަވާއިދާ އެއްގޮތަށްތޯ ބަލަން އިސްޕެކްޝަނެއް ހަދަން އެ ކުންފުނިން ނިންމިއެވެ.

https://sun.mv/192495

މީގެ ކުރިން، ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުއާޒް މުހައްމަދު ރަޝީދު 'ސަން'އަށް ވިދާޅުވީ، މި ހާދިސާ ހިނގަން މެދުވެރިވީ ހޮޅި ދަނޑީގައި ހަރުކުރަން ޖެހޭ އީއެލްސީބީ (އާތު ލީކޭޖް ސާކިޓް ބްރޭކާ)އެއް ހަރުނުކުރެވި ހުރުމުގެ ސަބަބުން ކަމަށެވެ.

އެހެންވެ، ފެނަކައިން ޚިދުމަތްދޭ ހުރިހާ ރަށެއްގައި އިންސްޕެކްޝަން ހަދަން ވަނީ ނިންމައިފައެވެ.

comment ކޮމެންޓް